އެނިމަލް ވެލްފެއާ މިނިސްޓްރީން އަދިވެސް ބުޅާ ފެސިލިޓީއާ ހަވާލު ނުވާކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
މާލޭގައި ބުޅާ ގިނަވެ، ބުޅަލުގެ އުނދަގޫ ބޮޑުވުމުގެ ސަބަބުން އެ ތަކެތި ފެސިލިޓީއަކަށް ގެންދިއުމަށް ހުޅުމާލެ ދެވަނަ ފިޔަވައްސާ ގުޅިފައި އޮތް ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީއެއް ސިޓީ ކައުންސިލުން ވަނީ ގާއިމްކޮށްފައެވެ. މި ފެސިލިޓީ ހުޅުވީ މިދިޔަ މަހުގެ ދެވަނަ ދުވަހެވެ.
މާލޭގައި އުޅޭ ބުޅާތައް ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް ފަށަން ސިޓީ ކައުންސިލުން އުޅުމުން، އެގްރިކަލްޗާ މިނިސްޓްރީން ވަނީ އެ ފެސިލީޓީ ސަރުކާރާ ހަވާލުކުރުމަށް އެދިފައެވެ.
ކައުންސިލުން ނިންމީ، ބުޅާ ފެސިލިޓީ އެޅުމަށް މާލޭ ސިޓީ ކައުންސިލުން ކުރި ޚަރަދު ހޯދާގޮތަށް، އެގްރިކަލްޗާ މިނިސްޓްރީއާ އެ ފެސިލިޓީ ހަވާލުކުރުމަށެވެ. އެއީ މިމަހުގެ ހަތަރެއްގައެވެ.
މިއަދު "ސަން"އަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އައިމިނަތު ޝަތުފާ ޝަފީއު ވިދާޅުވީ މިނިސްޓްރީން އަދިވެސް ބުޅާ ފެސިލިޓީއާ ހަވާލުނުވާކަމަށެވެ. އެހެންވެ، ބުޅާތައް ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް ފެށޭނެ ވަކި ތާރީޚެއް ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މާލޭގައި އުޅޭ ބުޅާތައް ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް ފަށާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވަނިކޮށް، އެގްރިކަލްޗާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އެ މިނިސްޓްރީން ފުރިހަމަ ކުރަން ބުނި ބައެއް މަސައްކަތްތައް ކައުންސިލުން ކޮށްފައި ނުވާތީ، ބުޅާތައް ފެސިލިޓީއަށް ނުގެންދިޔުމަށް އިލްތިމާސްކޮށްފައެވެ.
ބުޅާތައް އޮޅުހިޔާއަށް ގެންދަން ނުފެންނަ ކަމަށްބުނެ މިނިސްޓްރީއިން ވަނީ ގެންދަން ނުފެންނަ ސަބަބުތައްވެސް ހާމަކޮށްފައެވެ. އެގޮތުން:
- އޮޅުހިޔާ އަދި އެތަނުގައި މަސައްކަތްކުރާ އެއްވެސް ފަންނީ މަސައްކަތްތެރިއަކު މިހާތަނަށް ރަޖިސްޓްރީ ކުރެވިފައި ނުވުން
- އަލަށް ގެނެވޭ ބުޅާތައް ކަރަންޓީނުކުރުމަށް ބޭނުންވާ ކޮށިތައް މިވަގުތު އޮޅުހިޔާގައި ނެތުން
- އޮޅުހިޔާގެ އޮޕަރޭޝަންތައް ހިންގުމަށް އެކަށީގެންވާ ނިޒާމެއް ގާއިމްވެފައި ނެތުން
- އޮޅުހިޔާގައި އުފެދޭ ނުރައްކާތެރި ބަޔޮލޮޖިކަލް ކުނި ނައްތާލުމަށް މިވަގުތު އެއްވެސް ނިޒާމެއް ގާއިމްވެފައި ނުވުން
- އޮޅުހިޔާއަށް މިވަގުތު ގެންދެވޭ ބުޅާތަކަށް އެކަށީގެންވާ ކާނާއާޢި ފެން ފޯރުކޮށްދެވޭނޭ ނިޒާމެއް ގާއިމްވެފައި ނުވުން
- އޮޅުހިޔާއަށް މިވަގުތު ގެންދެވޭ ބުޅާތަކަށް އަޅާލާނޭ އެއްވެސް މުވައްޒަފެއް ހަމަޖައްސާފައި ނުވުން
- އޮޅުހިޔާއިން ޚިދުމަތް ދިނުމަށް ބޭނުންވާނޭ ބޭސް ނުވަތަ ބޭސް ހޯދޭނޭ އެއްވެސް ނިޒާމެއް މިވަގުތު ހަމަޖެހިފައި ނުވުން
މިނިސްޓްރީން ވަނީ އޮޅުހިޔާއިން ޚިދުމަތްދޭން ފެށުމުގެ ކުރީން މި މައްސަލަތައް ހައްލުކުރަން ޖެހޭކަމަށް ބުނެފައެވެ.
އަދި މިކަމުގެ އަޕްޑޭޓްތައް ހޯދުމަށާއި މި މައްސަލަތައް ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލުގައި އެދިފައި ވާނޭ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. ނަމަވެސް މިހާތަނަށް އެ ކަންތައްތައް ކޮށްފައި ނުވުމުން، އެ ކަންކަން ފުރިހަމަނުކޮށް އެ ތަނަށް ބުޅާތައް ނުގެންދިއުމަށް މިނިސްޓްރީން ވަނީ ސިޓީ ކައުންސިލަށް އިލްތިމާސް ކޮށްފައެވެ.
މާލޭގެ އެކި ސަރައްހައްދުތަކުގައި ބުޅާ ގިނަވެފައިވާއިރު އޭގެ ސަބަބުން މަގުމަތީ ހިނގާބިނގާވެ އުޅޭ މީހުންނަށް ވެސް ދައްޗާ ކުރިމަތިވެއެވެ.