ފަތުރުވެރިކަމަށް ތަރައްގީކުރަން ނަގާފައި ހުރި ރަށްތަކުގެ ތެރެއިން މަސައްކަތް ނުކުރާ 22 ރަށެއްގެ އެއްބަސްވުން ބާތިލުކުރަން ބަންޑާރަ ނައިބު އަޙުމަދު އުޝާމުގެ ލަފާފުޅަކަށް އެދިވަޑައިގެންފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން، މެންބަރު ސުވާލު ކުރެއްވީ ގިނަ ދުވަސްތަކެއް ވަންދެން ނުހެދި ހުރި ރަށްތައް ނުހެދީ ހުރީ ކީއްވެތޯއާއި އެ ރަށްތައް ހެދުމަށް ދޭން ނިންމާފައިވާ ލުއި ގޮތްތަކާ ގުޅޭ ގޮތުންނެވެ.
އެ ސުވާލު ޖަވާބުދެއްވައި މިނިސްޓަރު ވިދާޅުވީ، 58 ރަށެއް ތަރައްގީކުރުމަށް ނަގާފައި ނުހެދި އެބައޮތް ކަމަށެވެ. އެގޮތުން، އެއް ފަރާތަކުން ރަށެއް ނަގައިގެން 15 އަހަރު، 20 އަހަރު އަދި 30 އަހަރުވެފައި ހުރި ރަށްތައް ހުރިކަން ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ.
އެ ފަރާތްތަކާ މިނިސްޓްރީން ބައްދަލުކޮށްފައިވާއިރު، ދިވެހި ވިޔަފާރިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފަންޑު ހޯދަން ހުރި ދަތިތައްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެން މިކަން ބެލި ބެލުމުގައި އެންމެ ބޮޑު ޗެލެންޖަކަށް މި އޮތީ ރާއްޖޭގައި އިންވެސްޓްމަންޓު ބޭންކެއް ނެތުމުގެ މައްސަލަ. ރާއްޖޭގައި ހުރި ލޯކަލް ބޭންކުތަކުގައި މި ރަށްތައް ތަރައްގީކުރުމަށް އެ ވަރަށް އެ ބޭފުޅުންނަށް ލޯނު ދެވެން ނެތް، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް
ރާއްޖޭގައި ޑިވެލޮޕްމަންޓު ބޭންކު ތައާރަފުކުުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ބެންކު ތައާރަފްކުރެވުމުން ވިޔަފާރިވެރިންގެ އިތުރުން ފަތުރުވެރިކަމަށް އިންވެސްޓު ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފަހިވާނެ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް މިނިސްޓަރު ގަބޫލުކުރައްވައެވެ.
މި ގޮތުން، ރާއްޖޭގައި އިންވެސްޓުކުރުމަށް ބޭނުންވާ އިންވެސްޓަރުން ރަށްތައް ތަރައްގީކުރަން ނަގާފައިވާ ފަރާތްތަކާ ގުޅުވުމުގެ މަސައްކަތް ކުރާ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ރަށްތައް މާކެޓަށް ނެރުމަށް އެ ރަށްތަކަށް ބޮޑެތި އަދަދުތަކުން އިންޓްރެސްޓު އަރާފައި ހުރުމުން އެކަމުގައި ދެވެން ހުރި ލުއިތަކެއް ދީގެން ނޫނީ ރަށްތައް ތަރައްގީނުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ މަސައްކަތް ނުކުރާ 22 ރަށެއްގެ އެއްބަސްވުން ބާތިލުކުރުމަށް ބަންޑާރަ ނައިބުގެ ލަފާފުޅަކަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އެކަމަކު، އެ ރަށްތަކާ ގުޅޭ ތަފުސީލެއް މިނިސްޓަރު ނުދެއްވައެވެ.
އެ ރަށްތައް ބާތިލުކުރުމަށް ނިންމެވީ އެ ތަންތަން ތަރައްގީކުރުމުގެ މަސައްކަތް ވޭތުވެދިޔަ އަހަރުތަކުގައި ހިނގާފައިނުވާތީ ކަމަށް މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.