އެމްއެސް އިންސިގްނިއާ ނަމަކަށް ކިޔާ ކްރޫޒް ލައިނާއަކުން 982 މީހުންނަށް އިމިގްރޭޝަނުން އިއްޔެ ކްލިއަރެންސް ދީފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ހިއްސާކޮށްފައިވާ މައުލޫމާތުގައިވަނީ، ސީޕޯޓު ޑިވިޝަނުގެ އޮފިސަރުން ކްލިއަރެންސް ދިނުމުގެ މަސައްކަތް މި މަހުގެ އެކަކުން އިއްޔެގެ ނިޔަލަށް ނިންމައި، އިންސިގްނިއާއިން 576 ފަސިންޖަރުންނާއި 406 ކްރޫއިންނަށް ކްލިއަރެންސް ދީފައިވާ ކަމަށެވެ.
މި ކްރޫޒް ލައިނާ މާލެ އައީ ސީޝެލްސްގެ ލަ ޑީގުންނެވެ.
އައު އަހަރާ ދިމާކޮށް، މިދިޔަ ޑިސެންބަރުގައި މާލޭ ބޭރުގައި ދެ ކްރޫޒް ލައިނާއެއް ބަނދަރުކުރިއެވެ. އެއީ އެމްއެސް ނޯވީޖިއަން އާއި އެމްއެސް ރިވިއޭރާއެވެ. އެ ދެ ކްރޫޒް ލައިނާއިން 4،600އަށްވުރެ ގިނަ ފަތުރުވެރިންނަށް އިމިގްރޭޝަނުން އެ ދަތުރުގައި ކްލިއަރެންސް ދިނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން، މި އަހަރުގެ މިހައިތަނަށް 481،966 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެއީ މިދިޔަ ދެ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ވެސް އިތުރު އަދަދެކެވެ.