މިދިޔަ ނޮވެމްބަރު 17އިން އޮކްޓޯބަރު 20އަށް: 328 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ހޯދައިފި

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު: -- ސަން ފޮޓޯ: މުހައްމަދު މާވީ

ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުވައިކުރެއްވި ދުވަހުން ފެށިގެން ޝުޖާއު މި މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް 328 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ހޯދައިފައިވާކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަަދައްކަވަމުން ކޮމިޝަނަރު ޝުޖާއު ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން މި ހިނގާ އޮކްޓޯބަރު 20ވަނަ ދުވަހުގެ ނިޔަލަަށް 177 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. އަދި 8،300 އަށްވުރެ ރަލާއި، ބަނގުރާ ފުޅިއާއި ދަޅު ހޯދައިފައިވާ ކަމަށެވެ.

ޝުޖާއު ވިދާޅުވީ މިއީ ގާތްގަނޑަކަށް 328 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެއްޗާއި ރާ ކަމަށެވެ.

މީގެ އިތުރުން 335 މައްސަލަ ތަހުގީގުކޮށް ޕްރޮސެކކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފައިވާކަމަށް ވިދާޅުވިއެވެ. އަދި 155 އޮޕަރޭޝަން މާލެއާއި ރަށްރަށުގައި ހިންގިއިރު 12،000އަށްވުރެ ގިނަ ތަން ބަލައި ފާސްކޮށްފައިވާކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގައި އުޅޭ 900އަށްވުރެ ގިނަ މީހުން ހައްޔަރުކުރިއިރު 145 ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައިވާކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން ޝުޖާއު ވަނީ ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވައިލައްވައިފައެވެ. އެގޮތުން ފުލުހުންގެ ޚިދުމަތަށް ފުލުހުން ތަމްރީނުކުރަމުން އަންނަކަމަށާއި ފުލުހުންނާ ގުޅޭގޮތުން ހުރި މައްސަލަތައް ވެސް ބަލައި ފިޔަވަޅު އަޅަމުން އަންނަކަމަށް ވިދާޅުވިއެވެ.

އެގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 48 ފުލުހަކަށް ފިޔަވަޅު އެޅިއިރު އޭގެ ތެރެއިން 17 މީހަކު ވަނީ ވަޒީފާއިން ވަކި ވެސް ކޮށްފައިކަމަށް ޝުޖާއު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަކީ ރާއްޖޭގެ ކުށުގެ ވެށީގައި އެންމެ އާންމު މައްސަލައެވެ. އެކި އޮޕަރޭޝަންތަކުން ފުލުހުން އަބަދުވެސް ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި ހޯދައެވެ.

comment ކޮމެންޓް