ނުދައްކާ ހުރި ބިދޭސީންގެ ފީން އެއް ބިލިއަން ރުފިޔާ ހޯދައިފި

ބިދޭސީންތަކެއް: ބިދޭސީންގެ ފީގެ ގޮތުގައި ނުލިބި ހުރި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ވަނީ ހޯދާފައި -- ސަން ފޮޓޯ

ބިދޭސީން އެތެރެކުރާ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ އެކިއެކި ފީތަކުގެ ގޮތުގައި ދައުލަތަށް ނުލިބި އޮތް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ މިއަދާ ހަމައަށް ހޯދާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

ބިދޭސީންގެ ފީތަކުގެ ގޮތުގައި ނުލިބި ހުރި ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ފެށީ މި އަހަރުގެ ޖޫން މަހުގެ ތިންވަނަ ދުވަހުއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް މިނިސްޓަރު އިހުސާން ވިދާޅުވީ، ޖޫން ތިންވަނަ ދުވަހާ ހަމައަށް ވިސާ ފީ، ވޯކް ޕާމިޓް ފީ، އަދި ކޯޓާ ފީއާއި ޖޫރިމަނާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ނުލިބި އޮތް ކަމަށެވެ.

އެ ފައިސާގެ ތެރެއިން މިހާރު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އެހެންވެ، މިހާރު ނުލިބި އޮތީ 703 މިލިއަން ރުފިޔާއެވެ.

އިހުސާން ވިދާޅުވީ، ބިދޭސީންގެ ފީތައް މިހާތަނަށް ނުދައްކާ ހުރި ކުންފުނިތަކާއި ފަރާތްތައް މިހާރު އެކްސްޕެޓް ސިސްޓަމުން ވެސް ބްލޮކްކޮށްފައިވާ ކަމަށެވެ. އެ ގޮތުން، އެ މީހުންނަށް ދެން ޚިދުމަތް ފޯރުކޮށްދޭނީ ވެސް ދައްކަން ޖެހިފައިވާ ފައިސާ ދައުލަތަށް ދެއްކުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރާށާއި ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދަން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިމިގްރޭޝަނުން ހާމަކުރި ތަފާސްހިސާބުތަކުގައި ވާގޮތުން މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ގަވާއިދާ ހިލާފަށް އުޅުނު 4،361 ބިދޭސީން ވަނީ ޑީޕޯޓުކޮށްލައިފައެވެ. މި ސަރުކާރަށް ނޮވެމްބަރު 17 ވަނަ ދުވަހު އަހަރު ފުރެންވާއިރަށް އެ އަދަދު 5،000 އަށް އަރާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

comment ކޮމެންޓް