މި ސަރުކާރުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)ގައި ހުރި ޑޮލަރުތައް ބޭނުންކޮށްފައިވާ ކަމަށާއި އެ ފަންޑުގައި ބާކީ ހުރީ 18 މިލިއަން ޑޮލަރު ކަމަށް މިދިޔަ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.
އަަމީރު މިފަދައިން ވިދާޅުވީ، މި ސަރުކާރުން ފައިސާ ޗާޕުނުކޮށް އޭރު އެ ފަންޑަށް 65 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް މިދިޔަ ޖުލައި މަހުގެ 26ގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ.
މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސްގެ އެ ވާހަކަފުޅަށް އިޝާރާތްކުރައްވައި، އަމީރު ވަނީ މިހާރު އެސްޑީއެފްގައި ހުރީ ކިހާ އަދަދެއްގެ ފައިސާކަން ސަރުކާރަށް ހާމަކުރެވިދާނެތޯ ސުވާލު ކުރައްވާފައެވެ.
ނަމަވެސް، ސަރުކާރުން މިހާރު ވަނީ އެސްޑީއެފްގައި ޑޮލަރު ބޭނުންކޮށްފައި. މިހާރު އެސްޑީއެފްގައި ބާކީ ހުރީ އެންމެ 18 މިލިއަން ޑޮލަރު
އެގޮތުން، އެ ފަންޑުގައި ހުރި ފައިސާ ދަރަނި ދެއްކުމަށާއި ސަރުކާރުގެ އެހެނިހެން ޚަރަދުތައް ފޫބެއްދުމަށް ބޭނުން ކުރަމުންދާކަމަށް އަމީރު ވަނީ ތުހުމަތުކުރައްވާފައެވެ.
އަމީރު ތުހުމަތުކުރެއްވި ގޮތުގައި، އެ ފަންޑުގައި ހުރި ފައިސާ ބޭނުންކޮށްފައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި އެސްޓީއޯ ޕޭމަންޓުތަކެެއް ދެއްކުމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މީގެކުރިން ވިދާޅުވީ، ކުރީ ސަރުކާރު ނިމުނުއިރު އެސްޑީއެފްގައި ހުރި 32 މިލިއަން ޑޮލަރުގެ ތެރެއިން 30 މިލިއަން ޑޮލަރު ހުރީ ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓުކޮށްފައި ކަމަށާއި އެ ފައިސާ ބޭނުން އިރަކު ނެގޭނެ ވެސް ކަމަށެވެ.
އެ މަނިކުފާނުގެ ވެރިކަން ފެށިއިރު، އެ ފަންޑުގައި ހުރީ 1.9 ބިލިއަން ރުފިޔާ ކަމަށާއި ނިމުނު އިރު ހަތް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހުންނާނެ ކަމަށް ވެސް ޞާލިހު ވިދާޅުވެފައިވެއެވެ.
އަދި މިދިޔަ އަހަރު ތެރޭގައި އެ އެކައުންޓަށް ޑޮލަރުން ފައިސާ ޖަމާކުރަން ފަށާފައިވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ފެބްރުއަރީ މަހު ވިދާޅުވީ، އެހާތަނަށް 30 މިލިއަން ޑޮލަރު އެސްޑީއެފްއަށް ޖަމާކޮށްފައިވާ ކަމަށާއި މި އަހަރު ނިމޭއިރު 130 މިލިއަން ރުފިޔާ އެ ފަންޑަށް ޖަމާކުރާނެކަމަށެވެ.