ދައުރު ނިމުނުއިރު އެސްޑީއެފްގައި 32 މިލިއަން ޑޮލަރު ހުރި، ސަރުކާރުން އަދަދުތައް އޮޅުވައިލަނީ: ޞާލިޙް

އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގެ ތެރެއިން: ޞާލިޙް ވިދާޅުވީ މި ސަރުކާރުން ދަނީ ދައުލަތުގެ ފައިސާއާ ގުޅުންހުރި އަދަދުތައް އޮޅުވާލަމުން ކަމަށް -- ފޮޓޯ/ އެމްޑީޕީ

މި ސަރުކާރުން ދަނީ ދައުލަތުގެ ފައިސާއާ ގުޅުންހުރި އަދަދުތައް އޮޅުވާލަމުން ކަމަށާއި ކުރީ ސަރުކާރު ނިމުނުއިރު ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)ގައި ހުރި ކަމަށް ބުނާ ފައިސާގެ އަދަދު ވެސް ރަނގަޅު ނޫން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން އައްޑޫ ސިޓީއަށް ވާދަކުރާ ބައެއް ކެންޑިޑޭޓުންނަށް ޚާއްޞަކޮށް ބޭއްވި ޖަލްސާގައި ޞާލިޙް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެސްޑީއެފްގައި ހުރީ ދެ މިލިއަން ޑޮލަރު ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވާ ކަމަށާއި މި ސަރުކާރުން އެ އަދަދު 35 މިލިއަން ޑޮލަރަށް އިތުރުކޮށްފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވާ ކަމަށެވެ. ޞާލިޙް ސިފަކުރެއްވީ އެއީ "ބުހުތާން ބޮޑު ދޮގެއް"ގެ ގޮތުގައެވެ.

"މިއަދުގެ މި ޒަމާނުގައި ކޮންމެހެން މޭޒުމަތީގައި އަތުރާފައި ފައިސާ ބޮޑިތައް ބަހައްޓާކަށް ނުޖެހޭ. އެ ފެންނަން ނެތިއްޔާ އެ ނެތީތޯ؟ މިއީ އެ ޒަމާނެއް ނޫނޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ޞާލިޙް ވިދާޅުވީ ކުރީ ސަރުކާރު ނިމުނުއިރު އެސްޑީއެފްގައި ހުރި 32 މިލިއަން ޑޮލަރުގެ ތެރެއިން 30 މިލިއަން ޑޮލަރު ހުންނާނީ ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓުކޮށްފައި ކަމަށާއި އެ ފައިސާ ބޭނުންއިރަކު ނެގޭނެ ކަމަށެވެ.

އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގެ ތެރެއިން: ޞާލިޙް ވިދާޅުވީ މި ސަރުކާރުން ދަނީ ދައުލަތުގެ ފައިސާއާ ގުޅުންހުރި އަދަދުތައް އޮޅުވާލަމުން ކަމަށް -- ފޮޓޯ/ އެމްޑީޕީ

ޞާލިޙް ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަން ފެށިއިރު އެ ފަންޑުގައި ހުރީ 1.9 ބިލިއަން ރުފިޔާ ކަމަށާއި ނިމުނު އިރު ހަތް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހުންނާނެ ކަމަށެވެ. އަދި މިދިޔަ އަހަރު ތެރޭގައި އެ އެކައުންޓަށް ޑޮލަރުން ފައިސާ ޖަމާކުރަން ފަށާފައިވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"ކޮވިޑްގެ ތެރޭގައި ތެދެއް، ރާއްޖެއަކަށް ޑޮލަރެއް ނުލިބޭ، އެ ބޭނުންކުރަން ޖެހުނު، އެކަހަލަ ކަންތަކަށް ހުރި ފައިސާއެއް ނޫންތޯ އެއީ،" ޞާލިޙް ވިދާޅުވިއެވެ.

މި ސަރުކާރުން އޮޅުވާލާ އިތުރު ކަމެއް ކަމަށް ތުހުމަތުކުރައްވައި އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރު ފެށުނުއިރު ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ ތެރެއިން 27 މަޝްރޫއެއް ހުއްޓިފައި އޮތް ކަމަށާއި މިހާރު 74 މަޝްރޫއެއް ކުރިއަށްގެންދާ ކަމަށް ރައީސް ވިދާޅުވާ ކަމަށެވެ.

ޞާލިޙް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ކުރީ ސަރުކާރުން ފެށި މަޝްރޫއުގެ ތެރެއިން ދައުރު ނިމުނުއިރު 48 ރަށުގެ މަސައްކަތް ނިމި، 98 ރަށެއްގައި މަސައްކަތް ނިމުމަކާ ހިސާބަށް ގޮސްފައި އޮތް ކަމަށެވެ.

"ރައީސް މުއިއްޒަށް އަޅުގަނޑު ގޮވާލަނީ ކޮންމެހެން 74 ރަށަކު ނޫނޭ މަސައްކަތް ކުރިއަށްގެންދަންވީ، މި ހުރިހާ ރަށެއްގައި ގެންދަވާށޭ. ފައިސާ ހުންނާނެޔޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ޞާލިޙް ވިދާޅުވީ އެފަދަ ސަބަބުތަކަށް ޓަކައި ރާއްޖެ ހަމަމަގަށް އަޅުވަން އެމްޑީޕީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންވާ ކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މިދިޔަ ފެބްރުއަރީ މަހު ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ، ދައުލަތުގެ ދަރަނި އަދާކުރަން ދުރާލައި ތައްޔާރުވާން އުފެއްދި އެސްޑީއެފްގައި ހުރި ބޭރު ފައިސާ ނަގައި ކުރީ ސަރުކާރުން މާރުކޮށްފައިވާ ކަމަށެވެ.

އެއީ ގޮންޖެހުން ބޮޑު ކަމެއް ކަމަށް ސިފަކުރައްވައި، އެ ފަންޑަށް އަލުން ޑޮލަރު ޖަމާކުރަން ފެށިކަން އޭރު އެ މަނިކުފާނު އިއުލާންކުރެއްވިއެވެ.

މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ފެބްރުއަރީ މަހު ވިދާޅުވީ އެހާތަނަށް 30 މިލިއަން ޑޮލަރު އެސްޑީއެފްއަށް ޖަމާކޮށްފައިވާ ކަމަށާއި މި އަހަރު ނިމޭއިރު 130 މިލިއަން ރުފިޔާ އެ ފަންޑަށް ޖަމާކުރާނެކަމަށެވެ.

comment ކޮމެންޓް