އަރަބި އެމެރިކާ މީހުންގެ ތާއީދު ޓްރަމްޕަށް އޮތް ކަމަށް ޕޯލަކުން ދައްކައިފި

އެމެރިކާގެ އިދިކޮޅު ލީޑަރު ޑޮނާލްޑް ޓްރަމްޕް. ކުރިއަށްއޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އަރަބި އެމެރިކާ މީހުން ތާއީދު ވަނީ ޓްރަމްޕަށް ލިބިވަޑައިގެންފައި -- ފޮޓޯ/އޭޕީ

އެމެރިކާގެ ރިޔާސީ އިންތިޚާބަށް މަދު ވަގުތުކޮޅަކަށްވެފައިވާއިރު، އަރަބި އެމެރިކާ މީހުންގެ ތާއީދު އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމަޕް އޮތްކަން ޕޯލަކުން ހާމަވެއްޖެއެވެ.

ހޯމަ ދުވަހު އާންމުކުރި އެރެބް ނިއުސް ޔޫގަވް ޕޯލުން ދައްކާ ގޮތުގައި ޓްރަމްޕް ކުރީގައި އުޅުއްވަނީ 45 ޕަސަންޓުގެ ކުރިއެރުމަކުންނެވެ. އިންތިޚާބުގައި ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަދި ނާއިބު ރައީސް ކަމަލަ ހެރިސް އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ބުނެފައި ވަނީ 43 ޕަސަންޓު މީހުންނެވެ.

އިސްރާއީލާއި ފަލަސްތީނުގެ މައްސަލަ ކާމިޔާބުކަމާއެކު ހައްލު ކުރުމުގެ ފުރުސަތު ބޮޑުވާނީ ޓްރަމްޕްގެ ވެރިކަމުގައި ކަމަށް 39 ޕަސަންޓު މީހުން ވަނީ ބުނެފައެވެ. އެ މައްސަލަ ހެރިސްގެ ވެރިކަމެއްގައި ހައްލު ކުރެވޭނެ ކަމަށް ބުނެފައި ވަނީ 33 ޕަސަންޓު މީހުންނެވެ.

އާންމުގޮތެއްގައި މެދުއިރުމައްޗަށް ފައިދާ ވާނީ ކޮން ބޭފުޅަކު ވެރިކަމަށް ވަޑައިގެންނެވުމުންތޯ ކުރި ސުވާލުގެ ޖަވާބަށް ދެ ބޭފުޅުންނަށް ވެސް ވަނީ އެއް ވަރަކަށް ވޯޓު ލިބިވަޑައިގެންފައެވެ.

އަރަބި އެމެރިކާގެ މުޖުތަމައު އެންމެ ބޮޑަށް ކަންބޮޑުވަނީ ކޮން މައްސަލަތަކެއްތޯ ސުވާލު ކުރުމުން 29 ޕަސަންޓު މީހުން ބުނީ އިސްރާއީލާއި ފަލަސްތީނުގެ މައްސަލަ ކަމަށެވެ. އިގްތިސާދާއި ދިރިއުޅުމުގެ ޚަރަދު ބޮޑުވުން ކަމަށް 21 ޕަސަންޓު މީހުން ބުނެފައިވާއިރު 13 ޕަސަންޓު މީހުން ބުނީ 21 ނަސްލީ ތަފާތުކުރުމާއި، ތަފާތުކުރުން ކަމަށެވެ.

އަރަބި އެމެރިކާ މީހުން ތާއީދު ޓްރަމްޕަށް ލިބުނު ނަމަވެސް، ހަ ޕަސަންޓު މީހުން ބުނާ ގޮތުގައި އެމެރިކާގެ މިހާރުގެ ސަރުކާރަށްވުރެ ބޮޑަށް އިސްރާއީލާއި ގާތްގުޅުމެއް ބާއްވަނީ ޓްރަމްޕް ކަމަށެވެ.

މި މަހުގެ ކުރީކޮޅު އަރަބި އެމެރިކަން އިންސްޓިޓިއުޓުން އާންމުކުރި ޕޯލެއްގައި ޓްރަމްޕާއި ހެރިސް ގާތްގަނޑަކަށް ވަނީ އެއްވަރުވެފައެވެ. ޓްރަމްޕަށް 42 އިންސައްތަ މީހުން ވޯޓު ދިންއިރު، ހެރިސްއަށް 41 މީހަކު ވޯޓުދީފައިވެއެވެ.

ރިޔާސީ އިންތިޚާބަށް މުހިންމު ހަތް ސްވިންގް ސްޓޭޓުގެ ތެރެއިން އެއް ސްޓޭޓް ކަމަށްވާ މިޝިގަން އަކީ އަރަބި އެމެރިކާ މީހުން ގިނަ ތަނަކަށް ވާއިރު، އެމީހުންގެ ވޯޓަކީ ހެރިސްއަށް ވަރަށް މުހިންމު ވޯޓުތަކަކަށްވާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މިޑްވެސްޓްގެ އެ ސްޓޭޓަކީ އުތުރު އެމެރިކާގައި އެންމެ ގިނައިން އަރަބި އެމެރިކާ މީހުން ދިރިއުޅޭ ސްޓޭޓެވެ.

މުސްލިމުންގެ ސަރުކާރެއް އޮންނަ އެމެރިކާގެ ފުރަތަމަ ސިޓީ ކަމަށްވާ ހެމްޓްރަމްކްގެ މޭޔަރު ވެސް ވަނީ ރިޕަބްލިކަން ޕާޓީގެ މެންބަރަކީ އުސޫލުތަކުގައި ހިފަހައްޓަވާ ބޭފުޅެއް ކަމަށް ބުނެ، ޓްރަމްޕަށް ތާއީދުކުރައްވާފައެވެ.

ބައިޑަން 2020ވަނަ އަހަރު ގާތްގަނޑަކަށް 150،000 ވޯޓުން މިޝިގަން ކާމިޔާބު ކުރެއްވިއިރު، 2016ވަނަ އަހަރު އެ ސްޓޭޓުން ޓްރަމްޕަށް ލިބިވަޑައިގަތީ އެންމެ 11،000 ވޯޓެވެ.

އެމެރިކާގެ މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު ފަސްވަނަ ދުވަހުއެވެ.

comment ކޮމެންޓް