އެމެރިކާގެ ނިއު އޯލީންސްގައި އާ އަހަރު ފާހަގަކުރަން އެއްވެ ތިބި ބައެއްގެ ގައިގައި ޓްރަކަކުން ޖައްސައި 15 މީހުން މަރާލި ހާދިސާގައި، ޓްރަކް ދުއްވަން އިން މީހާގެ އިތުރަށް އެހެން ބަޔެއްގެ ބައިވެރިވުން އޮތް ކަމަށް އެފްބީއައިއިން ބުނެފިއެވެ.
ހަމަލާދީން މީހާއަކީ އުމުރުން 42 އަހަރުގެ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޝަމްސުއްދީން ޖައްބާރު ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އޭނާ ހަމަލާ ދިނުމަށްފަހު ޓްރަކް ތެރެއިން ނުކުމެ އާންމުންގެ ތެރެއަށް ބަޑި ޖަހާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ފުލުހުން ވަނީ އެވަގުތު އޭނާގެ ގަޔަށް ބަޑި ޖަހައި މަރާލާފައެވެ.
އެފްބީއައިއިން ބުނާ ގޮތުގައި އޭނާ ދުއްވި ޓްރަކުގެ ތެރެއިން އިސްލާމިކް ސްޓޭޓް ގްރޫޕްގެ ދިދައަކާއި ގޮވާޒާތުގެ ދެ ޑިވައިސްވެސް ފެނިފައިވެއެވެ. އަދި އެ ހަމަލާދިނީ އޭނާ އެކަނި ނޫންކަމަށް ގަބޫލު ކުރާ ކަމަށާއި، ހާދިސާ ތަހުގީގު ކުރަމުން އަންނަނީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަމަށްވެސް އެފްބީއައިއިން ބުނެފައިވެއެވެ.
އެ ހަމަލާގައި 15 މީހުން މަރުވެފައިވާއިރު، އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.
ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާގެ ޓެކްސަސްއަށް އުފަން ޖައްބާރު މީގެކުރިން ވަނީ އެމެރިކާ އަސްކަރިއްޔާގައި މަސައްކަތްކޮށްފައެވެ.
އޭނާގެ ލިންކްޑްއިން ޕްރޮފައިލެއްގައިވާ ގޮތުން އޭނާ ވަނީ ވަޒީފާއިން ވަކިވުމުގެ ކުރިން އެމެރިކާ އަސްކަރިއްޔާގެ ހިއުމަން ރިސޯސަސް އާއި އައިޓީގެ އެކި މަގާމުތަކުގައި މަސައްކަތްކޮށްފައެވެ.
ޖައްބާރު ވަނީ ޖޯޖް ސްޓޭޓް ޔުނިވާސިޓީގައި 2015އިން 2017 ކޮމްޕިއުޓާ އިންފޮމޭޝަން ސިސްޓަމްސްގެ ދާއިރާއިން ކިޔަވައި، ޑިގްރީ ހާސިލް ކޮށްފައެވެ.
ދެހާސް ވިހި ވަނަ އަހަރާ ހަމައަށް އަސްކަރިއްޔާގެ ރިޒާވްގައިވެސް ޖައްބާރު މަސައްކަތް ކޮށްފައިވެއެވެ. އަދި އަސްކަރީ ޚިދުމަތް ނިމުނުއިރު އެއީ ސްޓާފް ސާޖެންޓް މަގާމުގައި ހުރި މީހެއް ކަމަށް އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވިއެވެ.
އޭނާ 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އަފްޣާނިސްތާނު ހަނގުރާމައަށް ވެސް ގޮސް އުޅުނު ކަމަށް އެމެރިކާގެ އަސްކަރީ މަރުކަޒު، ޕެންޓެގަން އިން ބުނެފައިވެއެވެ.
އަދި އޭނާ ރިއަލް އެސްޓޭޓްގައި މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށާއި، 2021 ވަނަ އަހަރު މުއްދަތު ހަމަވާ ލައިސަންސެއް ވެސް ގެންގުޅެފައިވާ ކަމަށް ބީބީސީން ބުނެފައިވެއެވެ. އޭނާއަކީ ޓްރެފިކް ކުށްތަކާއި ވައްކަމާ ގުޅުން ހުރި ކުށުގެ ރެކޯޑެއް އޮތް މީހެކެވެ.