އެމެރިކާގައި އަންދާލި މީހާ ދެނެގަނެވިއްޖެ

ނިއުޔޯކްގެ ސަބްވޭގައި އަންހެެނެއް ގައިގައި ރޯކޮށް އަންދާލީ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާ. ފޮޓޯ/ރޮއިޓާސް

ޑިސެމްބަރު މަހު 22 ވަނަ ދުވަހު އެމެރިކާގެ ނިއު ޔޯކް ސިޓީގެ ރެއިލްވޭ ސްޓޭޝަނެއްގައި ނިދާފައި އޮއްވާ ހެދުމުގައި އަލިފާން ރޯކޮށްލުމުން ފިހި މަރުވި އަންހެން މީހާއަކީ ކާކުކަން ދެނެގެންފިއެވެ.

ނިއު ޔޯކްގެ މެޑިކަލް އެގްޒެމިނަރުގެ އޮފީހުން އިއްޔެ ބުނިގޮތުގައި މި ހާދިސާގައި މަރުވީ 57 އަހަރުގެ ޑެބްރީނާ ކަވާމް ކިޔާ މީހެކެވެ. އޭނާއަކީ ނިއު ޖާޒީގެ ޓޮމްސް ރިވާއަށް ނިސްބަތްވާ މީހެއް ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އޮފީސް އޮފް ޗީފް މެޑިކަލް އެގްޒެމިނަރުގެ ތަރުޖަމާނު ޖޫލީ ބޮލްސާ ވިދާޅުވީ ކަވާމް ދެނެގަނެވުނީ އިނގިލީގެ ނިޝާން ތަހުލީލުކޮށްގެން ކަމަށާއި އޭނާ މަރުވީ ލިބުނު އަނިޔާގެ ސަބަބުން ނޭވާލާން ދަތިވެގެން ކަމަށެވެ.

އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ އުމުރުން 33 އަހަރުގެ ގުއަޓެމާލާގެ ރައްޔިތެއް ކަމަށްވާ ސެބަސްޓިއަން ޒަޕެޓާގެ މައްޗަށެވެ. އޭނާއަށް ކޮށްފައިވާ ދައުވާއަކީ ކަވާމްގެ ގައިގައި އަލިފާން ރޯކޮށްލުމާއި ސަބްވޭ ސްޓޭޝަނެއްގައި ކަވާމް އަނދާ ހުލިވާތަން ބަލަން ހުރިކަމެވެ.

ޒަޕެޓާ ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ގަޑިއިރު ފަހުންނެވެ.

ފުލުހުން ބުނެފައި ވަނީ ހާދިސާ ހިނގުމުގެ ކުރިން އެ ދެމީހުންގެ ދެމެދުގައި އެއްވެސް މުއާމަލާތެއް ހިނގާފައި ނުވާ ކަމަށެވެ. އަދި އެއީ އެކަކު އަނެކަކު ދަންނަ މީހެއް ނޫން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޒަޕެޓާ 2018 ވަނަ އަހަރު ހުއްދަ ނެތި އެމެރިކާއަށް އެތެރެވެފައިވާތީ، އޭގެ ދެތިން ދުވަސް ފަހުން ވަނީ ގުއަޓެމާލާއަށް ފޮނުވާލާފައެވެ. ނަމަވެސް އޭގެފަހުންވެސް ގަވާއިދާ ޚިލާފަށް އޭނާ އެމެރިކާއަށް ވަދެފައިވާ ކަމަށާއި އެއީ ކޮން އިރަކު ކަމެއް ސާފުނުވާ ކަމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން ބުނެއެވެ.

comment ކޮމެންޓް