އީރާން 'ގުޑައިގެންދާ' ފަދަ ހަމަލާތަކެއް ދޭން މި ދަނީ ތައްޔާރުވަމުން: އިސްރާއީލް

އެމެރިކާ އިސްރާއީލަށް ދީފައިވާ ޒަމާނީ ފައިޓާޖެޓް

ތެލްއަވީވު (21 އޮކްޓޯބަރު 2024): އީރާނަށް ވޭންދެނިވި ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާކަން އިސްރާއީލުގެ މަސްއޫލުވެރިއަކު ހާމަކޮށްފިއެވެ.

ނަން ހާމަކުރަން ނެދޭ އެ މަސްއޫލުވެރިޔާ، އިސްރާއީލުގެ ރަސްމީ ބްރޯޑްކާސްޓިންގެ އޮތޯރިޓީއަށް ދިން ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުން އީރާނަށް ދޭނީ ވަރަށް ބޮޑު ވަރަށް ވަރުގަދަ ހަމަލާތަކެއް ކަމަށާއި އެއީ އީރާން ގުޑައިގެން ދާފަދަ ވަރުގަދަ ހަމަލާތަކަކަށްވާނެ ކަމަށެވެ.

"އެ ހަމަލާތަކަށް މިދަނީ ތައްޔާރުވަމުން، ދެން މާ ލަސްތަކެއް ނުވާނެ،" ނަން ހާމަކުރަންނޭދޭ އިސްރާއީލުގެ މަސްއޫލުވެރިޔާ ބުނެފައިވެއެވެ.

އޭނާ ބުނި ގޮތުގައި އިސްރާއީލުގެ ހަމަލާތަކަށް ފަހު އީރާނުން ވެސް ވަރުގަދައަށް ރައްދު ދޭނެކަމަށް ބެލެވެއެވެ. އެހެންކަމުން އީރާނުގެ ރައްދު ހަމަލާތަށް މަތަކުރެވޭނެ ގޮތްތަކަކަށް ވެސް އިސްރާއީލު ވިސްނަންޖެހެއެވެ. ހަމަލާދިނުން ލަސްވަނީ އެހެންވެއެވެ.

އިސްރާއީލުން މީގެ ކުރިން ތަނަކަށް ނުވަތަ ގައުމަކަށް ހަމަލާދޭއިރު އެކަން ދުރާލައި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، އީރާނަށް ހަމަލާދޭނެ ކަމަށް ބުނެ، އިސްރާއީލުގެ މަސްއޫލުވެރިން ގެންދަނީ ތަކުރާރުކޮށް ބަޔާންތައް ދެމުންނެވެ. އަނެއްކޮޅުން އިސްރާއީލުގެ ހަމަލާތައް އަމާޒުވާ ފަރާތުން ވަރުގަދަ ރައްދެއް އަންނާނެކަމަށް އިސްރާއީލު ކުރިން ލަފައެއް ވެސް ނުކުރެއެވެ. އެއީ، އިސްރާއީލަކީ މުޅި ސަރަހައްދުގައި އޮންނަ ހަމައެކަނި ބާރުގަދަ ގައުމުގެ ގޮތުގައި އެމެރިކާއިން ހަދާދީފައިވާތީއެވެ.

ނަމަވެސް، މިހާރު މި ހާލަތު ބަދަލުވެއްޖެއެވެ. އީރާނާ ކުރިމަތިލާން ޖެހިއްޖެނަމަ އިސްރާއީލު މި ޖެހެނީ އީރާނުން އިސްރާއީލަށް ރައްދު ދޭނެ ގޮތަކާމެދު ވަރަށް ބޮޑަށް ވިސްނާށެވެ.

އީރާނުގައި އުފައްދާ "ފައްތާޙް" ހައިޕާސޮނިކް މިސައިލްގެ އިމޭޖް އެއް

އިސްރާއީލުގެ ހަމަލާތައް އަމާޒުކުރާނެ އީރާނުގެ ތަންތަން އެ ގައުމުގެ މަސްއޫލުވެރިޔާ ހަމާއެއް ނުކުރެއެވެ. ނަަމަވެސް، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައިވާ ގޮތުގައި އިސްރާއީލުގެ ހަމަލާތައް އީރާނުގެ ތެލާއި ގޭހުގެ މަރުކަޒުތަކާ އަދި ނިއުކްލިޔާ މަރުކަޒުތަކަށް އަމާޒު ނުކުރާނެކަން އިސްރާއީލުންވަނީ އެމެރިކާއަށް އަންގައިފައެވެ.

އެއީ، އެފަދަ ތަނަކަށް ހަމަލާދީފިނަމަ ރައްދުގައި އިސްރާއީލުގެ ތެލާއި ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދޭނެކަމަށް ބެލެވޭތީ ދެ ފަރާތުގެ ހަމަލާތަކުގެ ސަބަބުން ސަރަހައްދީ ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު އޮތުމުންނެވެ. މިފަދަ ހަނގުރާމައެއް ފެށޭނެފަަދަ ގޮތަަކަށް އަމަލުނުކުރަން އެމެރިކާއިން އެދިފައިވާތީއެވެ.

ސަރަހައްދީ ބޮޑު ހަނގުރާމައެއް ފެށިއްޖެނަމަ އެކަމުގެ ގެއްލުން ހުރިހާ ފަރާތްތަކަށް ވެސް އާދަޔާ ޚިލާފަށް ބޮޑުވާނެކަން އެމެރިކާއިން ވެސް ގަބޫލުކުރެއެވެ.

އީރާނުން ބުނާގޮތުން އެ ގައުމުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދޭން އިސްރާއީލަކަށް ނުކުރޭނެއެވެ. އެއީ، އޭގެ ރައްދު އާދަޔާ ޚިލާފަށް ވަރުގަދަވާނެކަން އިސްރާއީލަށް އެނގޭތީއެވެ.

އިސްރާއީލުން އީރާނުގެ ހަކަތައިގެ މަރުކަޒުތަކާއި ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާއެއް ދީފިނަމަ އިސްރާއީލުގެ ކަރަންޓް އުފައްދާތަންތަނާއި ނިއުކްލިޔާ މަރުކަޒުތަށް ފަދަ ހައްސާސް މަރުކަޒުތައް ފުނޑާލާނެކަމަށް އީރާނުގެ ކުރީގެ ޖެނެރަލަކުވަނީ ވިދާޅުވެފައެވެ.

އިސްރާއީލުގެ ހަމަލާތައް ވަރުގަދަނަމަ އީރާނުން ރައްދު ދޭނީ މި މަހުގެ އެއްވަނަ ދުވަހު އީރާނުން އިސްރާއީލަށް ދިން ރައްދު ހަމަލާތަކަށްވުރެ އެތައް ގުނައެއް ބާރުގަދަ ހަތިޔާރުން ކަމަށް އީރާނުން ބުނެއެވެ.

އީރާނުގެ ވަރަށް ބޮޑެތި ވާހެޑްތައް ހަރުކޮށްފައިވާ ދުރުރާސްތާގެ އިންޓަކޮންޓިނެންޓަލް ބަލިސްޓިކް މިސައިލްތަކާއި ބޮޑެތި ވާހެޑްތައް ހަރުކޮށްފައިވާ ހައިޕާސޮނިކް މިސައިލް ވެސް ގިނަ އަދަދަކަށް ހުރިކަމަށް ޖާސޫސީ ރިޕޯޓްތައް ބުނެއެވެ. މިފަދަ ހަތިޔާރު ގިނަ އަދަދަކަށް ބޭނުންކޮށްފިނަމަ އިސްރާއީލުގެ ހައްސާސް މަރުކަޒުތައް ހިމެނޭގޮތަށް އެ ގައުމުގެ ބޮޑު ބައެއް ފުނޑާލެވިދާނެކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

އެއީ، އިސްރާއީލަކީ ބިމުގެ ގޮތުން ވަރަށް ކުޑަ ގައުމަކަށްވެފައި މިފަދަ ހުރިހާ މަރުކަޒުތަކެއް އިސްރާއީލުގައި ހުންނަނީ ވަރަށް ގާތްގާތުގައި ކަމަށްވާތީއެވެ. ހައިޕާސޮނިކް މިސައިލަކީ ރާޑަރަށް ނާރާ އަދި ވައިގެ ދިފާއީ ނިޒާމުތަކުން މަތަނުކުރެވޭ އެއްޗަކަށްވާތީއެވެ.

އެމެރިކާއާއި އިސްރާއީލުގައި ހައިޕާސޮނިކް މިސައިލް އަދި ހުރިކަމަކަށް ނުވެއެވެ. އެމެރިކާއިން ސުޕާސޮނިކް މިސައިލް އުފެއްދި ނަމަވެސް އެމެރިކާއަށް އަދި ހައިޕާ ސޮނިކް މިސައިލް އުފެއްދިފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާގޮތުން އެމެރިކާ ކުރި ހައިޕާސޮނިކް މިސައިލް ތަޖުރިބާ ވަނީ ފެއިލްވެފައެވެ.

ހައިޕާސޮނިކް މިސައިލަކީ އަޑަށްވުރެ ހަގުނަ ބާރަށް ދަތުުރުކުރާ މިސައިލެކެވެ. ރިޕޯޓްތައް ބުނާގޮތުން އަޑަށްވުރެ ނުވަގުނަ ބާރަށް ދަތުރުކުރާ މިސައިލް އީރާނުން އުފައްދައެވެ. ހައިޕާސޮނިކް ޓެކްނޮލޮޖީގައި ދުނިޔޭގައި އެންމެ ކުރީގައި އުޅެނީ ރަޝިއާ، ޗައިނާ އަދި އީރާން، މި ތިން ގައުމެވެ.

މި މަހުގެ އެއްވަނަ ދުވަހު އީރާނުން އިސްރާއީލަށް ދިން ރައްދު ހަމަލާތަކުގައިވަނީ ފުރަތަމަ ފަހަރަށް ހައިޕާ ސޮނިކް މިސައިލް ބޭނުންކޮށްފައެވެ. އީރާން ބުނާގޮތުން އިސްރާއީލަށް ފޮނުވާލި ހައިޕާ ސޮނިކް ހުރިހާ މިސައިލް ވެސް އޭގެ އަމާޒަށް ވަރަށް ފުރިހަމައަށް ވަނީ ވާސިލުވެފައެވެ.

އީރާން ހާމަކޮށްފައިވާ ސެޓަލައިޓް ފޮޓޯތައް ދައްކާގޮތުން އިސްރާއީލަށް ފޮނުވާލި ހައިޕާ ސޮނިކް މިސައިލުން އެ ގައުމަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ނަމަވެސް، އެ މިސައިލްތަކުގައި ހަރުކޮށްފައިވަނީ ގޮވާތަކެތީގެ ވަރަށް ކުޑަ ވޯހެޑެއް ކަމަށްވެއެވެ. އީރާން ދެން އިސްރާއީލަށް ދޭ ހަމަލާތަކެއްގައި ބޭނުންކުރާނެ ހައިޕާ ސޮނިކް މިސައިލްތަކުގައި މިއަށްވުރެ އެތައް ގުނައެއް ބާރުގަދަ ވޯހެޑް ހަރުކޮށްފާނެ ކަމަށް މުހައްލިލުން އަންދާޒާކުރެއެވެ.

ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން ދާދި ފަހުން ވަނީ ގޮވާތަކެއްޗާ އެކު ވެއްޓިގަންނަ ބާވަތުގެ އާ ޑްރޯންތަކަކުން އިސްރާއީލަށް ހަމަލާދީފައެވެ. މި ހަމަލާތައް މަތަކުރުމުގައި އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތައްވަނީ ނާކާމިޔާބުވެފައެވެ. މި ޑްރޯންތަކުގެ ތެރެއިން އެއް ޑްރޯން އަރާފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ގެއަށެވެ.

އަނެއް ދެ ޑްރޯން އަރާފައިވަނީ އސްރާއީލު ސިފައިންގެ އެލީޓް ފޯސްގެ ސިފައިން ކާން ތިއްބައި އެ ތަނަށެވެ. މި ބާވަތުގެ ޑްރޯންތަކަކީ މަތަކުރެވޭ ބާވަތުގެ ޑްރޯންތަކެއް ނޫންކަމަށް ކަމާބެހޭ ތަހުގީގަކަށް ފަހު އިސްރާއީލުން ވަނީ ބުނެފައެވެ.

comment ކޮމެންޓް