އިސްރާއީލުގެ ވެރިރަށް ތެލް އަވީވަށް، ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތް ޙޫޘީންގެ ނުރައްކާތެރި މިސައިލު ހަމަލާއެއް ދީފިއެވެ. އެ ހަމަލާގައި 16 މީހުން ޒަޚަމްވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ޙޫޘީންގެ ހަމަލާ އަމާޒު ކޮށްފައި ވަނީ ތެލް އަވީވުގެ ރަށްބޭރުގައި އޮންނަ ޔާފާގައި ހުރި އިސްރާއީލުގެ އަސްކަރީ މަރުކަޒަކަށެވެ. ޔާފާއަކީ އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިމެކެވެ. އެ ހަމަލާ ދިނުމަށް ޙޫޘީން ބޭނުން ކޮށްފައި ވަނީ އަޑަށް ވުރެ ބާރަށް ދަތުރު ކުރުމުގެ ގާބިލު ކަން ލިބިފައިވާ ހައިޕާސޮނިކް ބެލިސްޓިކް މިސައިލެކެވެ.
ޙޫޘީން އިސްރާއީލަށް ހަމަލާ ދީފައި ވަނީ ބުރާސްފަތި ދުވަހު ޔަމަނުގެ ވެރިރަށް ސަނާ އާއި ބަނދަރު ސިޓީ ހުދައިދާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ނުވަ މީހުން މަރުވެފައިވާ ދަނޑިވަޅެއްގައެވެ.
"ކާމިޔާބު ކަމާ އެކު މިސައިލް އޭގެ މަންޒިލަށް ދަތުރު ކުރި، އިސްރާއީލުގެ ދިފާއީ ނިޒާމު ވަނީ އެ މިސައިލް ދިފާއު ކުރަން ނުކުޅެދިފައި،" ޙޫޘީންގެ ތަރުޖަމާނު ޔަޙްހާ ޤާސިމް ސަރީޢު ވިދާޅުވިއެވެ. ބެލިސްޓިކް މިސައިލެއް ބޭނުން ކޮށްގެން ތެލް އަވީވަށް ހަމަލާ ދިނީ ފަލަސްތީނުގެ ޣައްޒާގެ އާންމުންނަށް އިސްރާއީލުން ދެމުންގެންދާ ލާއިންސާނީ ޖަރީމާތަކުގެ ބަދަލު ހިފުމުގެ ގޮތުން ކަމުގައި އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން ޔަމަނުގައި ތިބި ޙޫޘީ ހަނގުރާމަވެރިން ވަނީ އިސްރާއީލާއި އެގައުމާ ގުޅުން ހުރި ބޯޓުތަކަށް ހަމަލާތައް އަމާޒުކޮށްފައެވެ.
ހޫޘީންގެ ހަމަލާތައް އިސްރާއީލަށް އަމާޒުކުރަނީ ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ.
އިސްރާއީލުން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ދޭ ހަމަލާތަކުގައި މިހާތަނަށް 45،206 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ހަމަލާތަކުގައި ޒަޚަމްކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 107،512 އަށް އުފުލިފައެވެ.