ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ %90 ނިމިއްޖެ

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ އަންހެނެއް. ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ބޮޑު ބައެއް ވަނީ ނިމިފައި.ފޮޓޯ/ރޮއިޓާސް

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވުމާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުން ގާއިމުކުރުމަށް ކުރާ މަޝްވަރާތަކުގެ %90 ނިމިފައިވާ ކަމަށް ފަލަސްތީނުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ނަމަވެސް ނިންމަން ޖެހޭ މުހިންމު މައްސަލަތައް އަދިވެސް އެބަހުރި ކަމަށް އެ މަޝްވަރާތަކުގައި ބައިވެރިވި ފަލަސްތީނުގެ އިސް އޮފިޝަލަކު ބީބީސީއަށް ވިދާޅުވިއެވެ.

އެގޮތުން ނިންމަންޖެހޭ މައިގަނޑު އެއް ކަމަކީ މިސްރާ ގައްޒާ ގުޅޭ ބޯޑަރުގައި އޮންނަ ދެކުނު ޣައްޒާގެ ސްޓްރެޓެޖިކް ގޮތުން މުހިންމު ބިމެއް ކަމަށްވާ ފިލަޑެލްފިއާ ކޮރިޑޯގައި އިސްރާއީލުގެ އަސްކަރިއްޔާއިން ތިބުމެވެ.

ފަލަސްތީނުގެ އޮފިޝަލް ވަނީ އިސްރާއީލާއި ޣައްޒާގެ ބޯޑަރުގެ ދިގުމިނުގައި ބަފާ ޒޯނެއް ގާއިމުކުރުމުގެ މަޝްވަރާތައްވެސް އަދި ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.

އެކަންތައްތަ ނިމުނުހާ އަވަހަކަށް އެއްބަސްވުން ނިމޭނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ފާއިތުވި ހަފްތާތަކުގައި އެމެރިކާ، ޤަތަރާއި މިސްރު މެދުވެރިވެގެން ކުރި މަސައްކަތްތަކުން ދެ ފަރާތުންވެސް އެއްބަސްވުން އަވަހަށް ނިންމުމަށް ބޭނުންވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އޮކްޓޯބަރު މަހުގެ މެދުތެރޭގައި ބޭއްވި މަޝްވަރާތަކުން އެއްބަސްވުމަކަށް އާދެވިފައެއްނުވެއެވެ. އެފަހަރު ހަމާސްއިން ވަނީ ކުރު މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ހުށަހެޅުމަށް ދެކޮޅު ހަދާފައެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާއި އެހެން އެ ޖަމާއަތަކުން ބުނީ އަހަރު ދުވަސް ވެފައިވާ ހަމަލާތައް ހުއްޓާލުމަށް އިސްރާއީލުން ދެން އިތުރު ޝަރުތެއް ނުކޮށްފި ނަމަ އެއްބަސްވުމަކާ ހަމަޔަށް ދެވޭނެ ކަމަށެވެ.

ގަތަރާއި މިސްރާއި އެމެރިކާ އިން މެދުވެރިވެ އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު ނުސީދާ މަޝްވަރާތައް މިދިޔަ ހަފުތާ ތެރޭ ދޯހާގައި ކުރިއަށް ގެންގޮސް، އެއްބަސްވުމެއްގެ އުއްމީދު ވަނީ ކުރިން ވެސް އާވެފައެވެ.

ބުދަ ދުވަހު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކެން ވެސް ވަނީ އެއްބަސްވުމަކަށް އަންނާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވިދާޅުވެފައެވެ.

އެ އެއްބަސްވުމުގައި ހަނގުރާމަ ހުއްޓާލުމުގެ ތިން މަރުހަލާގެ ތެރެއިން ފުރަތަމަ މަރުހަލާގައި ދޫކޮށްލާ ކޮންމެ އަންހެން ސިފައިންގެ މީހަކަށް ފަލަސްތީނުގެ 20 ގައިދީން ބަދަލުކުރުން ހިމެނެއެވެ. ނަމަވެސް މިނިވަން ކުރާނީ ކޮން ގައިދީންތަކެއް ކަމެއް އަދި ކަނޑައެއްނާޅައެވެ.

އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ ޖަލުތަކުގައި 25 އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ފަލަސްތީނުގެ ގާތްގަނޑަކަށް 400 ގައިދީން މިނިވަން ކުރާނެއެވެ. ގައިދީން މިނިވަން ކުރާނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ.

ޣައްޒާގެ އާންމުންނަށް އެނބުރި އުތުރަށް ދެވޭނީ، މިސްރު/ޤަތަރުގެ ބެލުމުގެ ދަށުން ހިންގާ ނިޒާމެއްގެ ދަށުން ކަމަށާއި، ދުވާލަކު ގާތްގަނޑަކަށް 500 ޓްރަކްގެ އެހީ އެ ސަރަހައްދަށް ފޯރުކޮށްދޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ހަމާސް ޖަމާއަތް އިސްވެ އޮވެ އިސްރާއީލަށް ދިން ހަމަލާގައި އިޒްރޭލުގެ 251 މީހަކު ވަނީ ރަހީނުކޮށްފައެވެ. އޭގެ ތެރެއިން 96 މީހަކު އަދިވެސް ޣައްޒާގައި ހައްޔަރުކޮށްފައިވާއިރު 36 މީހަކު މަރުވެފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެއެވެ.

މިދިޔަ އަހަރު އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 45،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

comment ކޮމެންޓް