އިޓާލިއަން ސެރީއާގައި އެންމެ ފަހުގެ ޗެމްޕިއަން އިންޓާ މިލާނުން އޭއެސް ރޯމާ ބަލިކޮށް، ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ރޯމާގެ ދަނޑުގައި ކުޅުނު މި މެޗު އިންޓާއިން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ.
މެޗުގެ ހަމައެކަނި ލަނޑު 60 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިންޓާގެ ކެޕްޓަން ލައުޓާރޯ މާޓިނޭޒެވެ. މިއީ މި ސީޒަންގައި އޭނާ އިންޓާއަށް ލީގުގައި ކާމިޔާބުކޮށްދިން ދެވަނަ ލަނޑެވެ.
މެޗުގައި ރޯމާއިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތްކުރި ނަމަވެސް އެކަން ވާގޮތެއްނުވިއެވެ.
މި ކާމިޔާބީއާ އެކު އިންޓާ މިހާރު އޮތީ އަށް މެޗުން ލިބިފައިވާ 17 ޕޮއިންޓާ އެކު ތާވަލުގެ ދެވަނައިގައެވެ. އެއީ، އެއްވަނައިގައި އޮތް ނަޕޯލީއަށް ވުރެ ދެ ޕޮއިންޓް ފަހަތުންނެވެ. މެޗުން ބަލިވި ރޯމާ އޮތީ 10 ޕޮއިންޓާ އެކު ތާވަލުގެ 10 ވަނައިގައެވެ.
މި މުބާރާތުގައި ކަގްލިއާރީއާއި ޓޮރީނޯ ބައްދަލުކުރި މެޗު 3-2 އިން ކާމިޔާބުކޮށްފައިވަނީ ކަގްލިއާރީއެވެ.
މެޗުގައި ކަގްލިއާރިއިން ކާމިޔާބުކުރި ފުރަތަމަ ދެ ލަނޑު ނިކޮލަސް ވިއޯލާއާއި ހޯސޭ ލުއިސް ޕަލޮމީނޯ ކާމިޔާބުކޮށްދިންއިރު އެ ޓީމުގެ ތިންވަނަ ލަނޑަކީ ޓޮރީނޯގެ ސައުލް ކޯކޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޓޮރީނޯއިން މެޗުގައި ކާމިޔާބުކުރި ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ސަނަބްރިއާއާއި ކެރޯލް ލިނޭޓީއެވެ.
މި ކާމިޔާބީއާ އެކު ކަގްލިއާރީ މިހާރު އޮތީ ނުވަ ޕޮއިންޓާ އެކު ތާވަލުގެ 15 ވަނައިގައެވެ. ޓޮރީނޯ އޮތީ 11 ޕޮއިންޓާ އެކު ތާވަލުގެ ނުވަވަނައިގައެވެ.