އެއާޕޯޓްސް ކައުންސިލް އިންޓަނޭޝަނަލް (އޭސީއައި)ގެ "އެއާޕޯޓް އެކްސެލެންސް އިން ސެކިއުރިޓީ" (އެޕެކްސް އިން ސެކިއުރިޓީ) ޕްރޮގްރާމް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ފަށައިފިއެވެ.
މި އެސެސްމަންޓް ފެށުމުގެ ގޮތުން މިއަދު ނޫވިލު ސީޕްލޭން ޓާމިނަލްގައި ވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ.

ވީއައިއޭގައި އެޕެކްސް އެސެސްމެންޓް ޕްރޮގްރާމް ފެށުން -- ފޮޓޯ/ އެމްއޭސީއެލް
"އެޕެކްސް އިން ސެކިއުރިޓީ" އެސެސްމަންޓް ޕްރޮގްރާމްގެ މަގުސަދަކީ ވީއައިއޭގެ ސަލާމަތާއި ރައްކާތެރިކަން ހުރިގޮތް ބަލައި، އެކްޝަން ޕްލޭނެއް ތައްޔާރު ކުރުމެވެ. މި އެސެސްމަންޓް ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ.
މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، ވީއައިއޭ ހަލުވި ދުވެއްޔެއްގައި ކުރިއަރަމުންދާއިރު، އުމްރާނީ ގޮތުން ވެސް އެ ތަން ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުންދާ ކަމަށެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު - ފޮޓޯ/ އެމްއޭސީއެލް
އަދި މި އެއާޕޯޓުގެ ޚިދުމަތްތައް ހޯދާ އެއާލައިންތަކާއި ފަސިންޖަރުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ފާހަގަކުރައްވައި ސީއީއޯ ވިދާޅުވީ، ޚިދުމަތް ހޯދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަކީ އެމްއޭސީއެލްއިން އަބަދު ވެސް އެންމެ ބޮޑު އިސްކަމެއްދޭނެ ކަންތައް ކަމަށެވެ.
އެ ގޮތުން މިހާރު ކުރިއަށްދާ އެޕެކްސް ސެކިއުރިޓީ އެސެސްމަންޓަކީ ވެސް މިފަދަ މަސައްކަތެއްކަމަށާއި މި އެސެސްމަންޓުގެ ނަތީޖާއަށް ބިނާކޮށް، ހާއްސަ އެކްޝަން ޕްލޭނެއް އެކުލަވާލެވޭނެ ކަމަށް ވެސް ސީއީއޯ ވިދާޅުވިއެވެ.
އެޕެކްސް ސެކިއުރިޓީ އެސެސްމަންޓުގެ ސަބަބުން އެއާޕޯޓުގެ ސެކިއުރިޓީ އޮޕަރޭޝަންސްގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާއާއިއެކު ވީއައިއޭގެ ސެކިއުރިޓީ އިތުރަށް ހަރުދަނާ ވެގެންދާނެއެވެ. މި އެސެސްޓްމެންޓް ކުރިއަށްގެންދަނީ ޔޫރަޕިއަން ސިވިލް އޭވިއޭޝަން ކޮންފަރެންސް (އީކާކް)ގެ އެހީގައެވެ.

ވީއައިއޭގައި އެޕެކްސް އެސެސްމެންޓް ޕްރޮގްރާމް ފެށުން -- ފޮޓޯ/ އެމްއޭސީއެލް
އެމްއޭސީއެލުން އަބަދު ވެސް މަސައްކަތް ކުރަނީ، ބައިނަލްއަޤްވާމީ ފެންވަރުގައި އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ހިފެހެއްޓުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ. އެ ގޮތުން، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ)، އެއާޕޯޓްސް ކައުންސިލް އިންޓަނޭޝަނަލް (އޭސީއައި) އަދި އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) ފަދަ ބައިނަލްއަޤްވާމީ ޖަމާއަތްތަކާއި ގުޅިގެން އެއާޕޯޓް އޮޕަރޭޝަންސްއާއި ސަލަމާތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.

ވީއައިއޭގައި އެޕެކްސް އެސެސްމެންޓް ޕްރޮގްރާމް ފެށުން -- ފޮޓޯ/ އެމްއޭސީއެލް
އެޕެކްސް ސެކިއުރިޓީ ޕްރޮގްރާމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯގެ އިތުރުން، މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ލަމްއާނާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފުގެ އިތުރުން އެ ކުންފުނީގެ އިސް ބޭފުޅުން އަދި އެޕެކްސް އެސެސްމަންޓް ޕްރޮގްރާމް ހިންގަވާ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.