މަނާ ކުރާ ތާރީޚާ ޖެހެންދެން ވޭޕުން ނަގާ ޑިއުޓީ ބޮޑުކުރަނީ

ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ވޭޕު ކުރުމާއި އީ-ސިނގިރޭޓު ބުއިން މާނަކަން އަންގައިދޭން ހަރުކޮށްފައިވާ ނިޝާނެއް: ރާއްޖެއިން އެތަކެއްޗަށް ނަގާ ޑިއުޓީ ބޮޑު ކުރަނީ --- ފޮޓޯ/ގެޓީ އިމޭޖަސް

ވޭޕް މަނާކުރާ ތާރީޚާ ޖެހެންދެން ވޭޕުން ނަގާ ޑިއުޓީއާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް މިއަދު ބިލެއް ހުށަހަޅައިފިއެވެ.

މި ބިލު ހުށަހަޅާފައި ވަނީ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދެވެ.

މި ބިލުގެ މަގުސަދެއްގެ ގޮތުގައި ވަނީ، ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ނަގަމުން އަންނަ އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރުކުރުމެވެ. އަދި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތައް ރާއްޖެ އެތެރެކުރުން މަނާ ކުރުމާ ހަމައަށް ހިނގާ މުއްދަތުގައި ރާއްޖެއަށް ގެންނަ އެފަދަ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރުކުރުމެވެ.

މި ބިލުގައި ވަނީ، ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލް 50 ޕަސަންޓަށް ބޮޑު ކުރުމަށާއި މިލިލީޓަރެއް އަށް ރުފިޔާ ބޮޑުކުރުމަށެވެ.

އަދި ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ބާވަތްތަކުން ނަގާ ޑިއުޓީ މިންވަރު ވެސް މިފަދައިން ބޮޑުކުރަން ވަނީ މި ބިލުގައި ހުށަހަޅާފައެވެ.

މި ބިލުގައި ވަނީ، ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ 50 ޕަސަންޓަށް އަދި ސިނގިރޭޓަކުން ނުވަތަ ބިޑިއަކުން އަށް ރުފިޔާ ނަގަން ހުށަހަޅާފައެވެ.

ވަކި ހާލަތްތަކެއްގެ ދަށުން ރާއްޖެ އެތެރެކުރާ މުދަލަށް ދައްކަން ޖެހޭ ފީތައް ނުވަތަ އެއިން ބައެއް މައާފުކުރުމުގެ އިހްތިޔާރު މި ބިލުގެ ދަށުން ރައީސަށް ވަނީ ލިބިދީފައެވެ. އޭގެތެރޭގައި:

  • އިގުތިޞާދީ ގޮތުން ރާއްޖެއަށް ބޭނުންތެރި މަސައްކަތެއް ފެއްޓުމާއި އެ މަސައްކަތް ކުރުމަށާއި އެ މަސައްކަތް ހިންގުމަށް އެތެރެކުރާ ތަކެތި
  • ހާއްސަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި ރާއްޖޭގެ ރައްޔިތުންނަށް ނުވަތަ ވަކި ރަށެއްގެ ނުވަތަ ވަކި ދސަރަހައްދެއްގެ ރައްޔިތުންގެ އާންމު ފައިދާއަށް އެތެރެކުރާ ތަކެތި
  • އިގްތިޞާދީގޮތުން ރާއްޖެއަށް ބޭނުންތެރި މަޝްރޫއެއް ފެށުމަށް ނުވަތަ ވިޔަފާރިއެއް ހިންގުމަށް އެތެރެކުރަ ތަކެތި

ނަމަވެސް ރޮޔަލްޓީ ފީ ނުވަތަ ރެވެނިއުފީ މައާފުކޮށްދިނުމުގައި އަންނަނިވި ކަންތައްތަކަށް ބަލާނެއެވެ.

  • އެކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ކުރާނެ އަސަރު
  • އެކަމުގެ ސަބަބުން އިޖްތިމާއީ ގޮތުންނާއި އިގްތިޞާދީ ގޮތުން ކުރާނެ ފައިދާ އަދި ގެއްލުން
  • އެކަމުގެ ސަބަބުން ހާސިލްކުރަން ބޭނުންވާ މަގުސަދު ހާސިލްވާ މިންވަރު

މިކަމުގެ ސަބަބުން މިއަހަރު އެކަނި ވެސް ދައުލަތަށް 180.3 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

ރާއްޖެއަށް ވޭޕް އެތެރެކޮށް ބޭނުން ކުރުން މަނާ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމެވީ މިމަހުގެ 14ވަނަ ދުވަހުއެވެ.

އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވަނީ، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރުން ފެށިގެން މަނާ ކުރުމަށް އަންގަވާފައި ވާކަމަށެވެ.

އަދި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރު ކުރުމާއި ހިލޭބެހުން މިއަހަރުގެ ޑިސެމްބަރު 15ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައި ވަކަމަށް ރައީސްގެ ޕޯސްޓުގައި ވެއެވެ.

https://sun.mv/197917

ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން, ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ދެ ގުނަ ބޮޑުކުރަން އެމަނިކުފާނު ނިންމެވީ މިމަހުގެ 15ވަނަ ދުވަހުއެވެ.

comment ކޮމެންޓް