އަމީރު މި ސަރުކާރަށް: ތަފާސްހިސާބުތައް ޝާއިއު ނުކުރަނީ ހަގީގަތް އޮޅުވާލަން

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު: ވިދާޅުވީ މި ސަރުކާރުން އުޅެނީ ކަމުގެ ހަގީގަތް އޮޅުވައިލަން ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް

މި ސަރުކާރުން ބަޖެޓުގެ ތަފާސްހިސާބުތައް ހާމަނުކުރަނީ އެއްވެސް މަޝްރޫއެއް ނުހިނގާއިރު ވެސް، ބަޖެޓުގެ ޚަރަދު ބޮޑުވެ، އިސްރާފު ގިނަވާތީ ކަމުގެ ހަގީގަތް އޮޅުވައިލަން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރަމުން އައި ވީކްލީ ފިސްކަލް ރިޕޯޓު މިދިޔަ ޖޫން މަހުން ފެށިގެން އާންމުނުކުރެއެވެ.

އެ ކަން ފާހަގަކުރައްވައި، ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވީ ހިސާބުތައް އާންމުކުރުން ހުއްޓާލީ ރެކޯޑުތަކުގައި މައްސަލަތައް އުޅޭތީ ކަމަށެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ މަޝްރޫއުތަކަށް ފައިސާ ދޫކުރުމަށް ފަހު، ރެކޯޑު ނުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

https://www.sun.mv/198094

މީގެ އިތުރުން އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވަނީ މިދިޔަ ސަރުކާރުން ދައުލަތުގެ ޚަރަދުތައް ބެލެހެއްޓުމުގައި ވަރަށް ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އަދި އެއީ ގާނޫނާ ޚިލާފަށް ކުރަމުންދިޔަ ކަމަކަށްވާތީ، ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި ހަދާފައިވާ ގޯސްތައް ނުބަލައި ދޫކޮށްލެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި، މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ ސަރުކާރުން ގޯހެއް ހަދާފައިވާނަމަ، އެ ކަމެއް ބަލައި، ތަފާސްހިސާބު ވެސް ހާމަކުރާހާ ދުވަސްވެއްޖެ ކަމަށެވެ.

މި ސަރުކާރުން ދައުލަތުގެ ތަފާސްހިސާބުތައް ޝާއިއުނުކޮށް އުޅެނީ އެއްވެސް މަޝްރޫއެއް ނުހިނގާއިރު ވެސް، ބަޖެޓުގެ ޚަރަދު ބޮޑުވެ، އިސްރާފުތައް ގިނަވާތީ ކަމުގެ ހަގީގަތް އޮޅުވައިލަން ކަމަށް އަމީރު ތުހުމަތުކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އަހަރަށް ކަނޑައަޅާފައިވާ 49.9 ބިލިއަން ރުފިޔާގެ ބަޖެޓު ހުސްވިއިރު، ހެޔޮ ބަދަލެއް ގެނެވިފައިވަނީ ސަރުކާރުގެ ސިޔާސީ މަޤާމްތަކުގައި ހާހުން ތިބި މީހުންނާއި ކުންފުނި ތަކުގައި ތިބި އެކްޓިވިސްޓުންނަށް އެކަންޏެވެ.

ހަމައެއާއެކު މިދިޔަ ސަރުކާރަށް ރައްދުކުރާ ތުހުމަތުތަކަކީ މި ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅުމަށް ޓަކައި އޮޅުވާލައިގެން ދައްކާ ވާހަކަތަކެއް ކަމަށް އަމީރު ވިދާޅުވިއެވެ.

"ތި އޮޅުވާލުން އޮޅުވާނުލާ ވެސް، ސަޕްލެމެންޓަރީ ބަޖެޓު ހުށަހެޅިދާނެ. އަހަރު ވެގެންދާއިރު ހިންގުނު އެއްވެސް ތަރައްޤީގެ މަޝްރޫއެއް. ނެތް. އިޤްތިސާދީ ގިނަ ހަރަކާތްތައް ހުއްޓިއްޖެ. ރަށް ރަށުގެ އިޤްްތިސާދުތައް ހުއްޓިއްޖެ. މަސްވެރިން ބިކަވެއްޖެ" އަމީރު ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން ހަދާފައިވާ ގޯސްތަކުގެ ވާހަކަ މި ސަރުކާރުން އަންނަނީ ދައްކަމުންނެވެ. ނަމަވެސް ސަރުކާރަށް އަހަރުވާން ގާތްވެފައިވާއިރު، އަދި އެ ކަމާ ގުޅޭ މައްސަލަތައް ބަލައި، ވަކި ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ސަރުކާރުން ތުހުމަތުކުރި ގޮތުގައި މިދިޔަ ސަރުކާރުން ދެ ބިލިއަނެއްހައި ރުފިޔާ ޚަރަދުކުރި ގޮތުގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނެތެވެ. އެ މައްސަލަ ސީރިއަސް ކަމާއެކު ބެލުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން މިއަދު ބުންޏެވެ.

comment ކޮމެންޓް