މިއަހަރު އެންމެ އެކްސިޑެންޓުތައް މަދީ މިދިޔަ މަހު

ފުލުހުން މަގުމަތީގައި: މަގުމަތީގައި އެކްސިޑެންޓުތައް ގިނަވުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވާ މިންވަރު ވަނީ އިތުރުކޮށްފައި -- ފޮޓޯ/ ފުލުހުން

މިއަހަރުގެ މިހާތަނަށް މަގުމަތީގެ އެކްސިޑެންޓުތައް އެންމެ މަދީ މިދިޔަ މަހު ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް 2،192 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާއިރު މިދިޔަ މަސް ފިޔަވައި ކޮންމެ މަހަކު ވެސް 200އަށް ވުރެ ގިނަ އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން:

  • ޖެނުއަރީ: 263
  • ފެބްރުއަރީ: 267
  • މާޗު: 301
  • އޭޕްރިލް: 219
  • މެއި: 225
  • ޖޫން: 214
  • ޖުލައި: 210
  • އޮގަސްޓު: 204
  • ސެޕްޓެމްބަރު: 186

މިދިޔަ އަހަރުގެ 2،300 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާއިރު، އެ އަހަރުގެ ވެސް ސެޕްޓެމްބަރު މަހު ރިޕޯޓުކޮށްފައިވަނީ 186 އެކްސިޑެންޓެވެ.

މިދިޔަ މަހު އެކްސިޑެންޓުތައް މަދުވެފައި ވަނީ، މާލޭ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވުމާއެކު މަގުމަތީގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރި ފަހުންނެވެ.

https://sun.mv/197305

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވަނީ، މަގުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމަކީ ވަކި ދުވަސްވަރަކަށް ކުރިއަށް ގެންގޮސްފައި ހުއްޓާލާނެ މަސައްކަތެއް ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެގޮތަށް އަމަލުކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި ސީނިއާ ފުލުހުން ހިމެނޭ ގޮތަށް ފްރަންޓް ލައިންގައި ހަރަކާތްތެރިވާ ފުލުހުން އިތުރުކޮށް، މަގުމަތިން ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ބައްދަލުވާ ގޮތަށް ސިޔާސަތުތަކަށް ބަދަލު ގެންނަން ވެސް އެ އިދާރާއިން ނިންމައިފައިވެއެވެ.

comment ކޮމެންޓް