އިނގިރޭސިވިލާތުގެ ކޯޗު ކަމަށް އިންޓަވިއުއެއް ނުކުރޭ: ހޯވް

އެޑީ ހޯވް: އޭނާ ބުނީ އިނގިރޭސިވިލާތުގެ ކޯޗު ކަމަށް އިންޓަވިއުނުކުރާ ކަމަށް -- ފޮޓޯ/ ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ފުޓުބޯޅަ ޓީމަށް އާ ކޯޗެއް ހޯދުމަށް އެ ގައުމުގެ އެފްއޭއިން އިންޓަވިއުކުރި ކޯޗުންގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ ނިއުކާސްލްގެ ކޯޗު، އެޑީ ހޯވާ އިންޓަވިއުކޮށްފައިނުވާ ކަމަށް އޭނާ ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ކޯޗުކަމުގެ ވަޒީފާއަށް އޭނާއާ އިންޓަވިއުކުރިތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެމުން ހޯވް ބުނީ، އޭނާއާ އިންޓަވިއުކޮށްފައިނުވާ ކަމަށާއި އިނގިރޭސި އެފްއޭއިން އޭނާއާ އެ ކަމާ ގުޅޭގޮތުން ވާހަކަދައްކާފައިނުވާ ކަމަށެވެ.

ހޯވަކީ މި ވަގުތު އިނގިރޭސި ޕްރިމިއާ ލީގުގައި ކޯޗު ކޮށްދެމުން އަންނަ އިނގިރޭސިވިލާތަށް ނިސްބަތްވާ ތިން ކޯޗުންގެ ތެރެއިން އެއް ކޯޗެވެ.

އިނގިރޭސި އެފްއޭއިން ތޯމަސް ޓުކެލް އިންގްލަންޑްގެ ކޯޗުކަމުގެ މަގާމަށް އައްޔަންކުރުމާ ގުޅޭގޮތުން އެފްއޭގެ ޗީފް އެގްޒެކެޓިވް މާކް ބުލިންހަމް ބުނީ، އެ މަގާމަށް 10 ކޯޗުންނާ އިންޓަވިއުކުރި ކަމަށެވެ.

އިނގިރޭސި ކޯޗުކަމުގެ މަގާމުން ގެރެތު ސައުތުގޭޓް އިސްތިއުފާ ދިނުމާ އެކު އެންމެ ފުރަތަމަ އިވެން ފެށީ އެއް ނަމަކީ އެޑީ ހޯވްގެ ނަމެވެ.

ހޯވް ބުނީ، އިނގިރޭސިވިލާތުން ވިސްނަންވާނީ އެ ޓީމަށް އެންމެ ރަނގަޅު ގޮތަށް ކަމަށާއި އެހެންކަމުން އެފްއޭއިން އެވަނީ އެ ފަރާތަށް ވިސްނޭ އެންމެ ރަނގަޅަށް އެކަން ކޮށްފައި ކަމަށެވެ.

އިނގިރޭސި ކޯޗުކަމުގެ މަގާމު ހުށަހެޅިނަމަ އޭނާ އެކަން ގަބޫލުކުރީސްތޯ އެހުމުން ހޯވް ބުނީ، އޭނާގެ ހުރިހާ ވިސްނުމެއް މި ވަގުތު ހުރީ ނިއުކާސްލާ އެކު ރަނގަޅު ކާމިޔާބީއެއް ހޯދަން ކަމަށެވެ.

އިނގިރޭސިވިލާތުގެ ކޯޗުކަމަށް ޖަރުމަނުގެ ކޯޗެއް އައްޔަންކުރުމާ ގުޅިގެން އެ ގައުމުގެ ކުރީގެ ފޯވާޑް ވޭން ރޫނީ ވަނީ ހައިރާންވެއްޖެ ކަމަށް ބުނެ ވާހަކަދައްކާފައެވެ. އޭނާ ބުނީ، ގައުމީ ޓީމަށް ކޯޗުކަން ކޮށްދެވޭ ފެންވަރުގެ ކޯޗުން އިނގިރޭސިވިލާތުގައި އެބަތިބި ކަމަށެވެ.

ޓުކެލް ވެގެންދާނީ އިނގިރޭސި ކޯޗުކަމާ ހަވާލުވާ އިނގިރޭސިވިލާތަށް ނިސްބަތްނުވާ ތިންވަނަ ކޯޗަށެވެ. އޭގެ ކުރިން ކޯޗުކޮށްދީފައިވާ ދެ ކޯޗުން ކަމަށްވާ ސްވިޑްންގެ ސްވެން ގޯރާން އެރިކްސަނާއި އިޓަލީވިލާތުގެ ފަބިއޯ ކަޕެއްލޯގެ ދަށުން ރޫނީ ވަނީ އިނގިރޭސި ޓީމު ތަމުސީލުކޮށްފައެވެ.

comment ކޮމެންޓް