ފިހާރައަކުން ސިނގިރެޓް ކާޓަންތަކެއް ވަގަށް ނެގި މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފި

މާވެޔޮ މަގުގައި ހުރި ފިހާރައެއް ފަޅާލި މައްސަލައިގައި ހައްޔަރުކުރި މީހުން -- ފޮޓޯ/ ފުލުހުން

މާލޭގެ ފިހާރައަކުން ސިނގިރެޓް ކާޓަންތަކެއް ވަގަށް ނެގި ބަޔަކު މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ހިއްސާކުރި މެސެޖެއްގައި ބުނީ، މިއަދު ފަތިހު 4:20ހާއިރު ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު މާވެޔޮ މަގުގައި ހުރި ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަން ކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.

އެކަން ފާހަގަކުރެވިގެން އެ ސަރަހައްދުގެ ސީސީޓީވީ ފުޓެޖު ބަލައި ދެނެގަނެ ވައްކަން ކުރިކަމަށް ތުހުމަތު ކުރެވޭ ތިން މީހުން ހޯދައި އެމީހުން ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ފިހާރައިން އެ މީހުން ވަގަށް ނެގި ކަމަށް ބެލެވޭ ފައިސާއާއި ސިނގިރެޓް ކާޓަންތަކެއް ހޯދި ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ:

  • ގދ. ވާދޫ، އަތަމާގެ، އިހުސާން އިބްރާހީމް (26އ)
  • ގދ. ވާދޫ، ލިލީގެ، މުހައްމަދު ސޮބާހު (46އ)
  • ރ. އިނގުރައިދޫ، ދަނބުރުއްދަށުގެ، އިބްރާހީމް މުޙައްމަދު ރަޝީދު (34އ)

ފުލުހުން ބުނީ އެ މައްސަަލައާ ގުޅިގެން އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިހުސާން އިބްރާހީމް 30 ދުވަހަށް އަދި އަނެއް ދެ މީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަަލަ ތަހުގީގު ކުރަމުންނެވެ.

ސިނގިރޭޓު ވައްކަން ކުރުމުގެ މައްސަލަތަކެއް ފެންމަތިވެފައިވަނީ، ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ގާތްގަނޑަކަށް ތިންގުނަ ބޮޑުކުރަން ސަރުކާރުން ނިންމަވައިފައިވަނިކޮށެވެ. އެ ކަމުގެ ސަބަބުން ސިނގިރޭޓުގެ އަގު ވަރަށް ބޮޑަށް އުފުލޭނެއެވެ.

comment ކޮމެންޓް