ހުރަވީ ސްކޫލުގައި އިން 13 އަހަރުގެ ކުއްޖަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ހުޅުމާލޭ ހޮސްޕިޓަލް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހުޅުމާލޭ ހުރަވީ ސްކޫލުގައި އިން ކުއްޖަކު މިއަދު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ފުލުހުން ވަނީ އެ ކުއްޖާ ނިޔާވިކަން 'ސަން'އަށް ކަށަވަރުކޮށްދީފައެވެ. އެއީ، 13 އަހަރުގެ އަންހެން ކުއްޖެކެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ ކުއްޖާއަށް ސިއްހީ ހާލަތެއް މެދުވެރިވެގެން މިއަދު ހެނދުނު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ނިޔާވީ ހުރަވީ ސްކޫލުގައި ތައުލީމު ހާސިލުކުރަމުން ދިޔަ ފާތިމަތު ޝިމާ މުހައްމަދު ކަމަށެވެ. މިނިސްޓްރީން ވަނީ ކުއްޖާގެ އާއިލާއަށް ތައުޒިޔާ ކިޔައިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ޝިމާ ނިޔާވުމުން އާއިލާއަށް ތައުޒިޔާ ދަންނަވައިފައެވެ.

އެ މަނިކުފާނު ވަނީ ދަރިވަރުގެ ބެލެނިވެރީންނަށާއި ޢާއިލާއަށް، އަދި ރަޙުމަތްތެރީންނަށާއި އެކުގައި ކިޔަވާ ކުދީންނަށް، އަދި ހުރަވީ ސްކޫލުގެ ހުރިހާ ދަރިވަރުންނަށާއި މުވައްޒަފުންނަށް ކުރިމަތިވި މި އުނދަގޫ ވަގުތުގައި ކެތްތެރިކަން މިންވަރުކޮށް ދެއްވުމަށް އެދިވަޑައިގެންފައެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެކަމަކު، ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް