އިމިގްރޭޝަން ވޮޗަށް 840 މައްސަލަ؛ ގިނައީ ގަވާއިދާ ހިލާފު ވިޔަފާރިތަކާ ގުޅޭ މައްސަލަ

އިމިގްރޭޝަނުން ބިދޭސީއެއް ގެންދަނީ: އިމިގްރޭޝަން ވޮޗަށް 800 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވޭ -- ފޮޓޯ: އިމިގްރޭޝަން

ބިދޭސީންނާ ގުޅޭ މައްސަލަތައް ރިޕޯޓުކުރަން އިމިގްރޭޝަނުން ތައާރަފުކުރި އިމިގްރޭޝަން ވޮޗަށް 840 މައްސަލަ މިހާތަނަށް ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

"އިމިގްރޭޝަން ވޮޗް" އިފުތިތާހުކުރީ މިދިޔަ ޖުލައި މަހުގެ 17ވަނަ ދުވަހުއެވެ.

އިމިގްރޭޝަނުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން މިހާތަނަށް 840 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން 596 މައްސަލައަކަށް އިމިގްރޭޝަނުން ވަނީ އެޓެންޑްކޮށްފައެވެ. އޭގެ ތެރެއިން 70 މައްސަލައެއް ވެރިފައިކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، 174 މައްސަލައެއް ބަލައިނުގަނެއެވެ.

މިހާތަނަށް އިމިގްރޭޝަނުން އެޓެންޑްވި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ބިދޭސީން ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރިތަކާ ގުޅޭ މައްސަލަތަކެވެ. އެ ފަދަ 221 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. ދެވަނައަށް އެންމެ ގިނައީ ވޯކް ވިސާއާ ގުޅޭ މައްސަލަތަކެވެ. އެ ފަދަ 206 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން ވެސް އިމިގްރޭޝަން ވޮޗް މެދުވެރިކޮށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި؛

  • ހަށިވިއްކުމާ ގުޅޭ 50 މައްސަލަ
  • ބްލެކް މާކެޓުގައި ޑޮލަރު ވިއްކުމާ ގުޅޭ 7 މައްސަލަ
  • ޓޫރިސްޓް ވިސާއާ ހިލާފުވުމުގެ 10 މައްސަލަ
  • ބިދޭސީން ގެންނަ މީހުން ގަވާއިދާ ހިލާފުވެގެން 9 މައްސަލައެއް
  • ލިޔެކިޔުންތައް އޮޅުވާލުމުގެ 2 މައްސަލަ
  • ޑުރަގު ޓްރެފިކްކުރުމުގެ 9 މައްސަލަ
  • އިންސާނީ ވަގުފާރީގެ 7 މައްސަލަ
  • ގެއްލިގެން ހޯދާ މީހުންނާ ގުޅޭ 32 މައްސަލަ
  • ގަވާއިދާ ހިލާފަށް އެތެރެވާން އުޅޭކަމުގެ 3 މައްސަލަ
  • އެހެނިހެން 40 މައްސަލަ

އިމިގްރޭޝަން ވޮޗް ބޭނުންކޮށްގެން އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، "އެނޮނިމަސް"ކޮށް ވެސް ރިޕޯޓްކުރުމުގެ ފުރުސަތު ލިބެއެވެ. މިކަމުގެ ސަބަބުން އިމިގްރޭޝަނާއި، އާންމުން ގުޅިގެން ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކުރެވިދާނެ ފުރުސަތުތައް ލިބިގެންދާނެ ކަމަށް ދެކޭ ކަމުގައި އިމިގްރޭޝަނުން ބުންޏެވެ.

https://sun.mv/197683

އިމިގްރޭޝަނުން ބުނީ "އިމިގްރޭޝަން ވޮޗް"ގެ އެހީގައި އާންމުންނަށް 24 ގަޑީއިރު އިމިގްރޭޝަނަށް މައްސަލަތައް ރިޕޯޓްކުރެވޭނެ ކަމަށެވެ. އެ އިދާރާއާ ގުޅުންހުރި ރިޕޯޓެއް ނުވަތަ މައްސަލައެއް ހުށަހަޅާއިރު، މައުލޫމާތާއި ފޮޓޯ ވެސް މި ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އޮތީ ވަރަށް ބޮޑުވެފައެވެ. އެ ގޮތުން، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރި ކުރަމުންދާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމަށް އިމިގްރޭޝަނުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ސަރުކާރުން މިދިޔަ އަހަރުގެ ނޮވެމްބަރު 17ގައި ވެރިކަމާ ހަވާލުވި ފަހުން 4،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

comment ކޮމެންޓް