ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީ ހަތް އަންހެނަކާއި ދެ ފިރިހެނަކު އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން މިއަދު އާންމުކުރި މައުލޫމާތުގައި ވަނީ ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މި މަހު ޚާއްސަ އިންސްޕެކްޝަންތަކެއް ހިންގައިފައިވާ ކަމަށެވެ. އެގޮތުން އެފަދަ ފަސް މައްސަލައަކާ ގުޅިގެން ނުވަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް އެ ޚިދުމަތުން ބުންޏެވެ.
އޭގެ ތެރޭގައި ހިމެނެނީ މިމަހުގެ ހަތެއްގައި ހިންގި އިންސްޕެކްޝަނެއްގައި ހިފެހެއްޓި 27 އަހަރުގެ އަންހެނަކާއި ނުވަ ވަނަ ދުވަހު ހިފެހެއްޓި 35 އަހަރުގެ އަންހެނަކާއި 41 އަހަރާއި 30 އަހަރުގެ ދެ ފިރިހެނެކެވެ. އަދި މިމަހުގެ 15 ވަނަ ދުވަހު 33 އަހަރުގެ އަންހެނަކު ވެސް ހިފެހެއްޓިއެވެ.
އެއަށްފަހު، މިދިޔަ އާދިއްތަ ދުވަހާއި އަންގާރަ ދުވަހު ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކުރީ 21 އަހަރާއި 23 އަހަރުގެ ދެ އަންހެނަކާއި 36 އަހަރުގެ ދެ އަންހެނުންނެވެ.
އިމިގްރޭޝަނުން ބުނީ އެ މައްސަލަތައް ތަހުގީގު ކުރުމަށްފަހު އޭގެ ތެރެއިން ފަސް އަންހެނަކާއި ފިރިހެނަކު، އަނބުރާ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ބާކީ ތިން މީހުން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޚިދުމަތުން ބުންޏެވެ.
އިމިގްރޭޝަނުން އެ މީހުންގެ ނަމާއި އުމުރާއި ފޮޓޯ އާންމު ކުރި ނަމަވެސް އެ މީހުން ނިސްބަތްވާ ގައުމުތައް ހާމަކޮށްފައި ނުވެއެވެ.
މިދިޔަ ފެބްރުއަރީ މަހު ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މާލޭ ސަރަހައްދުން އެކަނި ވެސް އެކިއެކި ނަންނަމުގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ 111 ތަނެއް ފާހަގަކުރެވިފައިވެއެވެ.
އިމިގްރޭޝަނުން އަންނަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތުގެ ގަވައިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދައި، ފިޔަވަޅު އެޅުމުގެ މަސައްކަތްތައް ވެސް އަންނަނީ ކުރަމުންނެވެ.
މި ސަރުކާރުގެ އަމާޒަކީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މައްސަލަ ތިން އަހަރު ތެރޭގައި ހައްލުކުރުމެވެ. އަދި ސަރުކާރަށް އަހަރެއްވާއިރަށް، ގަވައިދާ ޚިލާފަށް އުޅޭ 5،000 ބިދޭސީން ޑިޕޯޓުކުރަން އަމާޒެއް ކަނޑައަޅައިފައިވާއިރު، މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް 4،361 ބިދޭސީއަކު ފުރުވައިލައިފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.