ތެހެރާން (16 އޮކްޓޯބަރު 2024): އިސްރާއީލުން އީރާނަށް ދޭނެކަމަށް ބެލެވޭ ހަމަލާތަކުގެ ރައްދުގައި އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒު ފުނޑާލުމަށް ޚާއްސަކޮށްގެން އެތައް ތަމްރީންތަކެއް އީރާނުގެ އެލީޓް ފޯސް ކަމަށްވާ އިންގިލާބީ ލަޝްކަރުން ކުރިންނާއި ދާދި ފަހުންވެސް ހަދާފައިވާކަމަށް އީރާނުގެ ކުރީގެ ޖެނެރަލެއް ކަމަށްވާ އިބްރާހީމް ރުސްތުމީ ވިދާޅުވެއްޖެއެވެ.
އީރާނުގެ ނޫސް އެޖެންސީ "އިރްނާ"އަށް ދެއްވި ބަސްދީގަތުމެއްގައި ރުސްތުމީ ވިދާޅުވީ އީރާނުގެ އެއްވެސް ނިއުކްލިޔާ މަރުކަޒަކަށް އިސްރާއީލުން ހަމަލާއެއް ދީފިނަމަ އިސްރާއީލުގެ ދައިމޫނާގައި ހުންނަ އެގައުމުގެ މައި ނިއުކްލިޔާ މަރުކަޒު ފުނޑާލުމަށް އީރާން ނިންމާފައިވާ ކަމަށެވެ. މިކަމާބެހޭ ތަމްރީންތައްވެސް އީރާނުގެ އެލީޓް ފޯސްއިންވަނީ ކުރިންވެސް ހަދާފައެވެ. އަދި ވަރަށް ފަހުންވަނީ މިކަމާބެހޭ އިތުުރު ތަމްރީންތަކެއްވެސް ހަދާފައެވެ.
އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުގެ މައި ނިއުކްލިޔާ މަރުކަޒަށް އީރާނުން ހަމަލާދޭނެ ކަމަށް ބެލެވެނީ އަޑަށްވުރެ 10 ގުނަ ބާރަށް ދަތުރުކުރާ ހައިޕާސޮނިކް މިސައިލުންނެވެ. އޭގެ އެންމެ ބާރުގަދަ ވޯހެޑް ހަރުކޮށްފައިވާ މިސައިލުންނެވެ. މިއީ ރާޑަރަށް ނާރާ އަދި ވައިގެ ދިފާއީ އެއްވެސް ނިޒާމަކަށް ވައްޓާލެވޭނެ މިސައިލެއް ނޫނެވެ. މީގެ ދިހަވަރަކަށް މިސައިލުން އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒު އެއްކޮށް ބިމާ ހަމަކޮށްލެވޭނެކަމުގެ ޔަގީންކަން އީރާނަށް އޮތްކަމަށް އޭނާ ވިދާޅުވިއެވެ.
އަޑަށްވުރެ 10 ގުނަ ބާރަށް ދަތުރުކުރާ ހައިޕާސޮނިކް އުފެއްދުމުގެ ގާބިލްކަން އަދި ލިބިފައިވަނީ ދުނިޔޭގެ އެންމެ ހަތަރު ގައުމަށެވެ. އެއީ ޗައިނާ، ރަޝިއާ، އެމެރިކާ އަދި އީރާނެވެ. އެހެން އެއްވެސް ގައުމަކަށް މި ޓެކްނޮލޮޖީ އަދި ހާސިލް ކުރެވިފައެއް ނުވެއެވެ.
ރުސްތުމީ ވިދާޅުވިގޮތުގައި އީރާނަށް ރައްދު ހަމަލާދޭއިރު އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާ ނުދިނުމަށް އެމެރިކާއިން އިސްރާއީލަށް އެންގީ މި ހަގީގަތް އެމެރިކާއަށް އެނގޭތީއެވެ. އަދި ސަރަހައްދީ ހަނގުރާމައެއް ފެށި އީރާނުން ގަލްފުގެ ހުރމުޒް ކަނޑުއޮޅި ބަންދުކުރާނެކަމާއި އެކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ރަނަށްވެ އޭގެ ފައިދާ ރަޝިއާ ނަގާނެކަން އެނގޭތީއެވެ.
އެމެރިކާގެ އެންގުމާއެކު އިސްރާއީލުވަނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކާއި ތެލުގެ މަރުކަޒުތަކަށް ހަމަލާ ނުދޭން ނިންމާފައި ކަމަށް އިސްރާއީލުގެ މަސްއޫލުވެރިންނާ ހަވާލާދީ އެގައުމުގެ ނޫސްތައް ބުނެއެވެ.
އިސްރާއީލުގެ ނޫސްތައް ބުނާގޮތުން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކުގެ އިތުރުން ތެލާއި ގޭހުގެ މަރުކަޒުތަކަށްވެސް ހަމަލާ ނުދޭން އިސްރާއީލުގެ ކުޑަ ކެބިނެޓުންވަނީ ނިންމާފައެވެ. އެއީ އެފަދަ ހާލަތެއްގައި އިސްރާއީލުގެ އައްސޭރި ފަށުގައިވާ ތެލާއި ގޭހުގެ މަރުކަޒުތަކަށް އީރާނުން ހަމަލާ ދޭނެތީއެވެ. އަދި އިސްރާއީލުގައިވާ ކަރަންޓް އުފައްދާ މައި ތިން ސްޓޭޝަނަށްވެސް އީރާނުން ހަމަލާދޭނެ ކަމަށް ބެލެވޭތީއެވެ.
އިސްރާއީލަށް ބޭނުންވާ ކަރަންޓްގެ 80 އިންސައްތަ އުފައްދަނީ މައި ތިން ސްޓޭޝަނަކުންނެވެ. އެތަންތަން އީރާނަށް ވަރަށް ރަނގަޅަށް އެނގެއެވެ. އީރާނުން ހައިޕާސޮނިކް މިސައިލުން އެތަންތަން ހަމަލާދީފިނަމަ މުޅި އިސްރާއީލުގެ ސިޓީތަކާއި ޓައުންތަކާއި ވިލެޖްތަކުގެ 80 އިންސައްތަ ސަރަހައްދުތަކުން ކަރަންޓް ކެނޑިގެންދާނެއެވެ. ކަނުއަނދިރީގައި އެތައް ހަފްތާއަކު އުޅެން ޖެހުމަކީ ވަރަށް ގާތްކަމެކެވެ. މިއީ އިސްރާއީލުގެ އެންމެބޮޑު ކަންބޮޑުވުމެވެ.
މި ހަގީގަތްތަކާއެކުވެސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ އިސްރާއީލުން އީރާނަށް ހަމަލާދޭނީ އިސްރާއީލަށް ފެންނަ ތަންތަނަށް ކަމަށެވެ. އެމެރިކާގެ ވާހަކަތަކުގެ އަޑު އެހިނަމަވެސް އިސްރާއިލު ކަންކުރާނީ އިސްރާއީލަށް ފެންނަ ގޮތަށްކަމުގައެވެ.
އީރާނާ ޚިލާފަށް އިސްރާއީލަކީ ހުރިހާ ކަމެއްގައިވެސް އެމެރިކާއަށް ބަރޯސާވާ ކުޑަ ގައުމެކެވެ. ބިމުގެ ގޮތުންނާއި އާބާދީގެ ގޮތުންނެވެ. ތެލާއި ގޭސްފަދަ ގުދްރަތީ ވަސީލަތްތަކުންނެވެ. އީރާނަކީ އިސްރާއީލަށްވުރެ ފަނަރަވަރަކަށް ގުނަ ބޮޑު ގައުމެކެވެ. އާބާދީވެސް އެހާ ބޮޑެވެ. ތެލާއި ގޭސްފަދަ ގުދްރަތީ ވަސީލަތްތައްވެސް އެހާ ގިނައެވެ.
އީރާނުގެ ހައްސާސް މަރުކަޒުތައް ހުންނަކީ އެގައުމުގެ އެކި ކަންކޮޅުތަކުގައި ކަމަށްވާތީ އީރާނަށް ގެއްލުމެއް ލިބޭ ވަރުގެ ހަމަލާތަކެއް ދިނުމަކީ އެމެރިކާގެ އެހީއާ ނުލައި އިސްރާއީލަށް ކުރެވޭވަރުގެ ކަމެއްނޫނެވެ.
އީރާނުން އިސްރާއީލަށް ދެފަހަރެއްގެ މަތިން ހަމަލާދިން އިރުވެސް އެހަމަލާތައް މަތަކުރުމުގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ވަނީ ބައިވެރިވެފައެވެ. އީރާނުންވަނީ އިސްރާއީލުން ދޭން އުޅޭ ހަމަލާތަކުގައި އީރާނަށް ބޮޑު ގެއްލުމެއް ލިބިއްޖެނަމަ އިސްރާއީލު ހީ ނުކުރާ ވަރުގެ ވަރުގަދަ ހަމަލާތަކެއްދީ އިސްރާއީލުގެ ބޮޑު ބައެއް ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ދީފައެވެ.
އިސްރާއީލުން އެއްވެސް ހަމަލާއެއް ދީފިނަމަ އިސްރާއީލަށް ހަރުކަށި ރައްދެއް ދޭނެކަމަށް އީރާން ބުނެއެވެ. އިސްރާއީލު ވަނީ އީރާނަށް ދޭނީ އީރާން ސިހިގެންދާފަދަ ކުއްލި އަދި ބާރުގަދަ ހަމަލާތަކެއްކަމަށް ބުނެފައެވެ.
މި މަހުގެ އެއްވަނަ ދުވަހު އީރާނުން އިސްރާއީލަށް ދިން ރައްދު ހަމަލާތަކުގައި އިސްރާއީލުގެ 200 އަށް ވުރެގިނަ އިމާރާތް ހަލާކުވިކަމާއި 130 މިލިޔަން ޑޮލަރުގެ ގެއްލުމެއް އިސްރާއީލަށް ލިބުނުކަމަށް އިސްރާއީލުގެ އެތެރެއިން ލިބޭ ޚަބަރުތަކުން މިހާރުވަނީ ހާމަވެފައެވެ. އީރާން ބުނާގޮތުން އިސްރާއީލަށް ދެން ރައްދު ދޭނީ ކުރީ ފަހަރުތަކަށް ވުރެ އެތައް ގުނައެއް ބާރުގަދަ ހަތިޔާރުންނެވެ.