އިސްރާއީލުން ޣައްޒާގެ އުތުރުގެ ހޮސްޕިޓަލްތަކުން ބަލި މީހުން ނެރެން މަޖުބޫރު ކުރަނީ

ޣައްޒާގެ އުތުރުގައި އޮންނަ އިންޑޮނޭޝިއާގެ ހޮސްޕިޓަލުގެ ކައިރީގައި އިސްރާއީލުން ދިން ހަމަލާއެއް. ފޮޓޯ/ރޮެއިޓާސް

އިސްރާއީލު ސިފައިން ޣައްޒާގެ އުތުރުގައި ހުންނަ އިންޑޮނޭޝިއާ ހޮސްޕިޓަލް ހުސްކުރަން މަޖުބޫރުކުރަމުންދާ ކަމަށް އެ ސަރަހައްދުގެ ސިއްޚަތާބެހޭ ވުޒާރާއިން ބުނެފިއެވެ.

އެއާއެކު ގިނަ ބަލިމީހުން ހިނގާފައި ޣައްޒާއާ އެތައް މޭލު ދުރުގައި ހުންނަ އެހެން ހޮސްޕިޓަލަކަށް ގޮސްފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

އިންޑޮނޭޝިއާ ހޮސްޕިޓަލަކީ ޣައްޒާގެ އުތުރުގައި އިސްރާއީލުން ދޭ ހަމަލާތައް އިތުރުވެފައިވާއިރު، އެ ސަރަހައްދުގައި ޚިދުމަތްދެވޭ މަދު ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމެނޭ ހޮސްޕިޓަލެކެވެ.

ޣައްޒާގެ ސިއްޚަތާބެހޭ ވުޒާރާގެ ޑިރެކްޓަރު މުނީރު އަލް ބުރްޝް ވިދާޅުވީ ހޮސްޕިޓަލް ހުސްކުރުމަށް އިސްރާއީލު ސިފައިން ހޮސްޕިޓަލްގެ އޮފިޝަލުންނަށް ހޯމަ ދުވަހު އަންގާފައިވާ ކަމަށާއި އޭގެ ކުރިން އަންގާރަ ދުވަހުގެ ވަގުތެއްގައި އެތަނަށް ވަދެ އެތެރޭގައި ތިބި މީހުން ނުކުތުމަށް މަޖުބޫރު ކުރި ކަމަށެވެ.

އޭނާ ވިދާޅުވީ ޣައްޒާގެ އުތުރުގައި ހުރި އިތުރު ސިއްޚީ ޚިދުމަތްދޭ ދެ ތަން ކަމަށްވާ އަލްއައުދާ އާއި ކަމާލް އަދުވާން ހޮސްޕިޓަލަށް ވެސް އިސްރާއީލުގެ ސިފައިން ވަނީ ގިނަ ހަމަލާތަކެއް އަމާޒުކޮށްފައެވެ.

އިސްރާއީލުން ބުނާ ގޮތުގައި ޣައްޒާގެ އުތުރުގެ ހޮސްޕިޓަލް ވަށައިގެންވާ ތިން ކޮމިއުނިޓީ ކަމަށްވާ ބެއިތް ލަހިއްޔާ، ބެއިތް ހަނޫން އަދި ޖަބަލިއާ ވަށައިގެން ހިންގާ އޮޕަރޭޝަންތަކަކީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ހަނގުރާމެވެރިންނަށް އަމާޒުކޮށް ދޭ ހަމަލާތަކެއް ކަމަށެވެ.

އޭގެއިތުރުން އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންޑޮނޭޝިއާ ހޮސްޕިޓަލަކީ ހަނގުރާމަވެރިން އިސްރާއީލުގެ ސިފައިންނަށް ހަމަލާތައް ދިނުމަށް ބޭނުންކުރާ ހޮސްޕިޓަލެއް ކަމަށާއި އަސްކަރީ އޮޕަރޭޝަންގެ ކުރިން އާންމުންނާއި މުވައްޒަފުން އަދި ބަލިމީހުން ރައްކާތެރިކަމާއެކު ނެރުމަށް މަގުފަހިކޮށްދީފައިވާ ކަމަށެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ފަދަ ބައިނަލްއަގްވާމީ އިދާރާތަކާ ގުޅިގެން ބޭސް ފަރުވާގެ ސާމާނާއި ތެޔޮ ފޯރުކޮށްދޭން މަސައްކަތްކުރާ ކަމަށްވެސް އިސްރާއީލުން ވަނީ ބުނެފައެވެ.

ފަލަސްތީނުގެ ރައްޔިތުން ތުހުމަތުކުރާ ގޮތުގައި އިސްރާއީލުން ޣާއްޒާގެ އުތުރުގެ އާބާދީ ދާއިމީކޮށް ނައްތާލަން މަސައްކަތް ކުރަނީ އެ ސަރަހައްދުގައި ބަފާ ޒޯނެއް ގާއިމުކުރުމަށެވެ. ނަމަވެސް އިސްރާއީލުން އެކަން ދޮގުކުރެއެވެ.

އަނެއްކޮޅުން އިސްރާއީލުން ބޮމުގެ ހަމަލާތައް ޣައްޒާގެ އެހެން ސަރަހައްދުތަކަށް އަމާޒުކުރަމުންދާއިރު، އިއްޔެ ވެސް ހަމަލާތަކުގައި 15 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

މިދިޔަ އަހަރު އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 45،200 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ހަނގުރާމަ ހުއްޓާލައި ރަހީނުން މިނިވަން ކުރުމުގެ އެއްބަސްވުމަކަށް އައުމަށް މިސްރާއި ޤަތަރު އަދި އެމެރިކާ މެދުވެރިގެން ކުރާ މަޝްވަރާތަކުގެ 90 ޕަސެންޓް ނިމިފައިވާ ކަމަށްވެސް ފަލަސްތީނުގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް