މެސީގެ ހެޓްރިކާ އެކު އާޖެންޓީނާއަށް ބޮޑު މޮޅެއް؛ މެސީ އިތުރު ރިކޯޑަކާ ގާތަށް

ކުރިއަށް އޮތް 2026 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ދެކުނު އެމެރިކާ ސަރަހައްދުގައި ކުޅެމުން އަންނަ ކޮލިފައިންގައި އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއިން ބޮލީވިއާ ބަލިކޮށްފިއެވެ.

އާޖެންޓީނާގެ ވެރިރަށް ބޮއިނޮސް އައިރިސްގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަކަމާ އެކު 6-0 އިންނެވެ.

މެޗުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މެސީ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. މެސީ ވަނީ މެޗުގައި ހެޓްރިކް ހަދައި، އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ. މިއީ މިއަހަރުގެ ޖުލައި މަހު ނިމުނު ކޮޕާ އެމެރިކާގައި ލިބުނު އަނިޔާއަށް ފަހު ޤައުމީ ޓީމަށް މެސީ ކުޅުނު ދެވަނަ މެޗެވެ.

މެޗުގައި އާޖެންޓީނާއިން ކާމިޔަބުކުރި ފުރަތަމަ ލަނޑު މެޗުގެ 19 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެސީއެވެ. ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އާޖެންޓީނާގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި ވަގުތު ވަރަށް ފޯމުގައި ކުޅެމުން އަންނަ ލައުޓާރޯ މާޓިނޭޒެވެ. އަދި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި އާޖެންޓީނާގެ ތިންވަަނަ ލަނޑު ކާމިޔަބުކޮށްދިނީ ހޫލިއަން އަލްވަރޭޒެވެ.

މެޗުގައި އާޖެންޓީނާއިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ޖަހައިދިނީ ތިއާގޯ އަލްމާޑާއެވެ. އާޖެންޓީނާގެ ފަހު ދެ ލަނޑު މެޗުގެ 84 ވަނަ މިނެޓާއި 86 ވަނަ މިނެޓުގައި ކާމިޔަބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން މެސީއެވެ. މިއީ އޭނާ ޤައުމީ ޓީމަށް ކާމިޔަބުކޮށްދިން 10 ވަނަ ހެޓްރިކެވެ. މިއާ އެކު މެސީ ވަނީ ޤައުމީ ޓީމަކަށް އެންމެ ގިނަ ހެޓްރިކް ހަދާފައިވާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ އަރާހަމަކޮށްފައެވެ.

މެޗަށް ފަހު ވާހަކަދައްކަމުން މެސީ ބުނީ، އަމިއްލަ ފަސްގަނޑުގައި އަމިއްލަ ޤައުމުގެ ރައްޔިތުން ކުރިމަތީ ކުޅުމަކީ އޭނާއަށް ވަރަށް ބޮޑު އުފަލަކާއި ހިތްހަމަ ޖެހުމެއް ލިބޭ ކަމެއް ކަމަށެވެ. އާޖެންޓީނާ ޤައުމީ ޓީމުގައި މިހާރު ތިބި ކުޅުންތެރިންނާ އެކު ކުޅުމަކީ މުޅިން ތަފަތު އިހުސާސްތަކެއް ކުރެވޭކަމެއް ކަމަށާއި އަދި އެ އުމުރުގައި ވެސް ކުޅިބެލުންތެރިންގެ ސަޕޯޓާ އެކު އޭނާއަށް ދަނޑު މަތީ އަދިވެސް ޒުވާން ކުޅުންތެރިއެއްގެ އިހުސާސްކުރެވޭ ކަމަށް މެސީ ބުންޏެވެ.

ދެކުނު އެމެރިކާ ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ މިހާރު 10 މެޗު ކުޅެފައިވާއިރު އެ ޓީމު އޮތީ 22 ޕޮއިންޓާ އެކު ތާވަލުގެ އެންމެ ކުރީގައެވެ. މެޗުން ބަލިވި ބޮލީވިއާ އޮތީ 12 ޕޮއިންޓާ އެކު ތާވަލުގެ ހަތްވަނައިގައެވެ.

comment ކޮމެންޓް