ޑިފޯލްޓުވާނެ ކަމަށް ބެލެވުނު ސުކޫކުގެ ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ 25 މިލިއަން ޑޮލަރު ދައްކައިފި

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ސުކޫކުގެ ކޫޕަން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ 25 މިލިއަން ޑޮލަރު ދައްކާފައިވާކަން ފިނޭންސުން މިއަދު ވަނީ ހާމަކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

ދައުލަތުން 2021ވަނަ އަހަރު ނަގާފައިވާ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ސުކޫކުގެ ކޫޕަން ޕޭމަންޓުގެ ގޮތުގައި މި މަހު ދައްކަންޖެހޭ 25 މިލިއަން ޑޮލަރު މިއަދު ސަރުކާރުން ދައްކައިފިއެވެ.

މިއީ ބޭރުގެ ދަރަނީގެ ގޮތުގައި 2026 ވަނަ އަހަރު ރާއްޖެއިން އެއްފަހަރާ ދައްކަންޖެހޭ އަދަދެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ، 2021 ވަނަ އަހަރު ސަރުކާރުން ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ކޫޕަން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ މިއަދު ދައްކާފައިވާ ކަމަށެވެ.

އަދި ދަރަނީގެ ގޮތުގައި ދައްކަންޖެހެ ފައިސާ، ދިވެހި ސަރުކާރުން ދެއްކުމަކީ އެންމެ އިސްކަމެއް ދީގެން ކުރާނެ ކަމެއް ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އަދި ދަރަނީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކަން އޮތް މުއްދަތުގައި ދެއްކުމުން ކްރެޑިޓަރުންނާއި އިންވެސްޓަރުންނަށް ސަރުކާރުން ދަރަނި އަދާކުރާނެކަމުގެ ޔަގީންކަން ވެސް ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރުން އެ 25 މިލިއަން ޑޮލަރު ދަރަނީގެ ގޮތުގައި ދައްކާފައި މިވަނީ މޫޑީސްއިން ރާއްޖޭގެ ރޭޓިން ސީއޭއޭ1އިން ސީއޭއޭ2އަށް ދަށް ކޮށްފައިވާ ދަނޑިވަޅެއްގައެވެ. މި ބަދަލު ގެނައީ ކުރިއަށް އޮތް ދެ އަހަރު ދައްކަން ޖެހޭ ދަރަނި އިތުރުވުމުންނެވެ. އަދި ރާއްޖެއިން ދައްކަންޖެހޭ ދަރަނި ދެއްކިދާނެތޯ ގިނަ ބަޔަކު ވެސް ވަނީ ސުވާލުއުފައްދާފައެވެ.

ހަމައެއާއެކު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމުން، ރާއްޖޭއިން ވިއްކާފައިވާ ސުކޫކެއް ޑިފޯލްޓްވުމުގެ ފުރުސަތު އޮތްކަމަށް ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

އެހެންނަމަވެސް މިދިޔަ މަހުގެ ކުރީކޮޅު، އެއިރު މަގާމުގައި ހުންނެވި ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގު ވަނީ އިންވެސްޓަރުންގެ އެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

އޭނާ ވިދާޅުވީ، ރާއްޖެއިން މިއަހަރު ސްކޫކަށް ދައްކަން ޖެހޭ ގާތްގަނޑަކަށް 25 މިލިއަނެއްހާ ޑޮލަރުގެ ދެވަނަ ކޫޕަން ޕޭމަންޓް މި މަހު އަށްވަނަ ދުވަހަށް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށެވެ.

ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން ދަށްކުރި ނަމަވެސް، ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ މީގެ ކުރިން ވެސް ދީފައެވެ.

https://sun.mv/196619

ދެހާސް ސައްބީސްވަނަ އަހަރު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ދަރަނީގެ 50 އިންސައްތައަކީ ނިމިދިޔަ ސަރުކާރުން 2021 ވަނަ އަހަރު ހޭދަކުރި ވަރެވެ. މިދިޔަ ސަރުކާރުން 2021 ވަނަ އަހަރު ސުކޫކުގެ ބާކީ ފައިސާ ހޭދަކޮށްފައި ވަނީ ކޮވިޑާ ގުޅިގެން އާމްދަނީ ދަށްވެ، ޚަރަދުތައް ހަމަޖެއްސުމަށެވެ.

އެ ސުކޫކުގެ އެއްބައި ހޭދަކޮށްފައި ވަނީ ކުރީގެ ޕީޕީއެމްގެ ސަރުކާރުން 2017 ވަނަ އަހަރު ނެގި "ސަނީ ސައިޑު" ބޮންޑަށް ދެއްކުމަށެވެ. އެ ބޮންޑަށް 200 މިލިއަން ޑޮލަރު ދައްކާފައިވެއެވެ.

comment ކޮމެންޓް