ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާ ކުރުމަކީ އެންމެންގެ އުފަލަކަށް ހަދަން ޖެހޭ: ނައިބު ރައީސް

ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް: ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާ ކުރުމަކީ އެންމެންގެ އުފަލަކަށް ހަދަން ޖެހޭ ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާ ކުރުމަކީ އެންމެންގެ އުފަލަކަށް ހަދަން ޖެހޭ ކަމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް މިރޭ ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ، ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓާ ޕްލޭން އިފުތިތާހު ކުރުމަށާއި ރާއްޖޭގައި އަލަށް ގާއިމުކުރާ ތެލެސީމިއާ ހޮސްޕިޓަލްގެ މަސައްކަތް ހަވާލުކުރުމަށް ކްރޮސްރޯޑްސްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ތެލެސީމިއާ ކުދިންނަކީ މުޖުތަމައުގެ އެއްބައި ކަމަށާއި އެހެން ކުދިންނެކޭ އެއްފަދައިން މުޖުތަމައުގައި ހަމަހަމަ ފުރުސަތުތައް ލިބިދޭން ޖެހޭ ކަމަށެވެ.

އެ ފުރުސަތުތައް ހޯދުމަށް ކަމާ ބެހޭ އިދާރާތަކާއި ދިވެހި އެންމެހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، އެފަދަ ކުދިންނަށް ސިއްޙީ ފަރުވާ ދިނުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއް ކަމުގައި ގަބޫލުކުރައްވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެގޮތުން އެ ކުދިންނަށްޓަކައި އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް ކުރެވިދާނެ މުހިންމު ކަމެއް އެބަ އޮތް. އެއީ ލޭ ހަދިޔާ ކުރުން. ލޭ ހަދިޔާ ކުރުން އެއީ ކޮންމެ މީހެއްގެ އުފަލަކަށް ހަދަން ޖެހޭ. އަޅުގަނޑުމެން ހަދިޔާ ކުރާ ލެޔަކީ އެކުދިންގެ ދިރިހުރުމަށް ވެސް ދެވޭ އުންމީދެއް،" ނައިބު ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ފަދައިން ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ހަދައި ދޭން ފަށާފައިވާކަން ފާހަގަކުރައްވައި، އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި އިތުރު ކުދިންނަށް އެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މިރޭ ވަނީ ރާއްޖޭގައި ތެލެސީމިއާ ކޮންޓްރޯލް ކުރުމަށް ދިހަ އަހަރު ދުވަހުގެ މާސްޓާ ޕެލޭނެއް އެކުލަވާލައި، އިފްތިތާހުކޮށްފައެވެ. އެ ޕްލޭންގައި މައިގަނޑު ހަތް ސިޔާސަތެއް ހިމަނައިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ ވިދާޅުވެފައެވެ.

https://sun.mv/197956

އޭގެ ތެރޭގައި ޚިދުމަތުގެ ފެންވަރު މަތިކުރުމާއި ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމާއި، ތެލަސީމިއާއަށް ހޭލުންތެރިކަން އިތުރުކުރުމާއި، ވަށާޖެހޭ ސިޔާސަތުގެ ތެރެއިން ތެލަސީމިއާއަށް ރައްކާތެރިވުމަށް މަސައްކަތްކުރުމާއި، ޒަމާނާ އެއްގޮތަށް ޚިދުމަތް ބައްޓަންކޮށް، ދެވޭ ޚިދުމަތުގެ ފެންވަރާއި ފަންވަރު ހިފެހެއްޓުމާއި، އިންފްރާސްޓްރަކްޗާ ތަރައްގީކުރުމާއި، ހިއުމަން ކެޕިޓަލް ޑިވެލޮޕްމެންޓް ހަރުދަނާކޮށް ވަރުގަދަކުރުމުގެ އިތުރުން ޚިދުމަތް ދިނުމުގައި ޓެކްނޮލޮޖީގެ އައު އީޖާދުތައް ތައާރަފުކޮށް ޚިދުމަތުގެ ފެންވަރު ހިފެހެއްޓުން ހިމެނެއެވެ.

comment ކޮމެންޓް