ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ އަމާޒާ އެއްގޮތަށް، މި އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ޕްރިވެންޓިވް ހެލްތް ކެއާ ޕްރޮގްރާމް އިފުތިތާހު ކުރެވޭނެ ކަމަށް މިނިސްޓަރު އަބްދުﷲ ނާޒިމް މިރޭ ވިދާޅުވެއްޖެއެވެ.
ޕްރިވެންޓިން ހެލްތް ކެއާއަކީ ބޮޑެތި ބަލިތަކުން ރައްކާތެރިވުމަށް ކުރާ މަސައްކަތްތަކެވެ.
އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މިއީ ރާއްޖޭގައި މިހާތަނަށް ނުހިންގޭވަރުގެ ބޮޑު ޕްރިވެންޓިވް ހެލްތް ކެއާ ޕްރޮގްރާމެއް ކަމަށެވެ.
މި މަސައްކަތް ފެށުމުގެ ތައްޔާރީތަކުގެ ތެރެއިން، މިދިޔަ އަހަރު ފަސް އަތޮޅެއްގައިވަނީ ތަމްރީނުތަކެއް ކުރިޔަށް ގެންގޮސްފައެވެ. ނާޒިމް ވިދާޅުވީ، މިހާރު ކުރެވެމުންދަނީ އެ ޕްރޮގްރާމް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ކަމަށެވެ.
"މިއިން ކޮންމެ ކަމަކީ އެތައް ޚަރަދެއް ހިނގާ ކަމެއް. އިރާދަ ކުރެއްވިއްޔާ ރައީސްގެ އަމާޒަށް އަޅުގަނޑުމެން ވާސިލްވާނަން. މި އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޕްރޮގްރާމް އިފުތިތާހު ކުރެވި، މި ޕްރޮގްރާމުގެ ތެރެއިން ދިވެހި ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ޓަކައި އިލެކްޓްރޯނިކް ނިޒާމަކުން ގުޅައިލެވޭ ވިއުގައަކުން ރައްޔިތުންގެ ސިއްހީ ހާލަތު [ބެލެއްހެއްޓޭނެ]" ނާޒިމް ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުންގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ސަރުކާރުން ވަނީ ވޭޕް މަނާކޮށް، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށްފައެވެ. އަދި އެ ކަމުން ސަރުކާރަށް ލިބޭ އާމްދަނީ ޚަރަދުކުރާނީ ވެސް، ސިއްހީ ކަންކަމަށްކަން ރައީސް މުއިއްޒު ވަނީ އިއުލާން ކުރައްވައިފައެވެ.
ދުންފަތުގެ އިސްތިއުމާލުން ދުރުވާން ބޭނުންވާ މީހުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ ކްލިނިކުތަކެއް ގާއިމް ކުރުމުގެ އިތުރުން، 24 ގަޑިއިރު ޚިދުމަތް ލިބޭނެ ހެލްޕް ލައިނެއް ވެސް ވަނީ ތައާރަފު ކޮށްފައެވެ.
މިއީ ވަރަށް ބޮޑު ޚަރަދެއް ހިނގާނެ ކަންތައްތަކެއްކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ، ދުންފަތުގެ ބާވަތްތަކުން ސަރުކާރަށް ލިބޭ އާމްދަނީން ޖުމްލަކޮށް މުޅި ސިއްޙީ ނިޒާމު ކުރިއެރުވުމަށް ޚަރަދު ކުރާނެ ކަމަށެވެ.
ސަރުކާރުން ވަނީ ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމުތަކެއް ވެސް ހަމަޖައްސައިފައެވެ. ނާޒިމް ވިދާޅުވީ މި ކަމަށް ވެސް އެ ފައިސާގެ ތެރެއިން ޚަރަދު ކުރެވޭނެ ކަމަށެވެ.
ދިގުމުއްދަތަށް ބޭސްކުރަންޖެހޭ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމަށް ޓަކައި ގަވާއިދުން ހެލްތް ޗެކަޕްތައް ހެދުމުގެ މުހިންމުކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ މިއީ ވެސް ޕްރިވެންޓިވް ހެލްތް ކެއާގެ ތެރެއިން ކުރެވޭނެ މަސައްކަތެއް ކަމަށެވެ.
ރާއްޖޭގައި ނުރައްކާތެރި މިންވަރަކަށް އިތުރުވެފައިވާ ގައިންގަޔަށް ނާރާ ބަލިތަކުގެ ހާލަތު ރަނގަޅު ކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެކެވެ. ޕްރިވެންޓިވް ހެލްތް ކެއާގެ މަގުސަދަކީ، އެ ފަދަ ބަލިތައް ޖެހެން މެދުވެރިވާ ސަބަބުތަކާއި، ބަލި ޖެހުމުގެ ކުރިން، އަޅަންޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއި ގުޅޭ ގޮތުން އާންމުންނަށް މައުލޫމާތުދީ ހޭލުންތެރި ކުރުވުމެވެ.
comment ވިލް
2 month 2 week ago
ކަލޯ ފާމަސީ ތަކަށް ބޭސްކޮޅެއް ގެނެބަލަ އިހަށް
comment ސީއެފް
2 month 2 week ago
ތިއީ ހަމަ ބޮޑު ހުސް އަނގަތަޅާލުމަކާއި އެކީ ޖަހާލާ ޖަމަލު ފޮޑިއެއް. ކޮން ޕުރިވެންޓިވު ކެޔާއެކޭ ތި ކިޔަނީ.. ރައްޔިތުންނަށް ޕުރިވެންޓިވުވާން ދޮންކެޔޮވަކެއް ނުގަނެވިގެން މިއުޅެނީ ކަލޭމެން މާމޮޅު ވެރިކަމަށް ކުރަން ފެށިތަނާ ރާއްޖޭގައި މަސްވެރިކަން ކުރާ އޮޑިވެރިންތަށް ބަނގުރޫޓުކޮއް ދަރައި ނިކަމެތި ކުރިފަހުން. ކަލޭމެން ދޮލަނގުތަށް ހީކުރަނީ ދިވެހިންނަށް ކާންޖެހޭ ތަކެއްޗާއި ކަންކަން ނޭނގިގެން އުޅެނީކަމަށްތަ.؟ މިއީ 1980 އެއް ނޫން. މިއުޅެނީ ފައިދާހުރި ސިއްހަތަށް ބަލައިގެން ކާންޖެހޭ ކާނާއާއި ކުރަން ޖެހޭ ކަސްރަތާއި ހޯދަންޖެހޭ ސިއްހީ ފަރުވާ ހޯދާނެ ތަނަވަސަކަމާއި ވަގުތު ނުލިބިގެން. އެހެން އެކަންވާންފެށީ ކަލޭމެން އައިސް ރަނގަޅު އާމްދަނީ ލިބެމުން އައި ސިނާޔަތްތަށް ހަލާކުކޮއްލީމަ. މިއަދު ދެން މިހާރު އެންމެފަހުން ޓެކުސީ ޑުރައިވަރުންގެ އާމްދަނީވެސް ހަލާކުކޮއްލީ ބުނެބުނެ ތިއްބާ. ވީމާ ކަލޭމެން ފުރަތަމަ ވީ އަމިއްލަ ބޮލަށް ބޭސްކުރަން. މިއީ ބޯގޯސް ސަރުކާރެއް.