ތެލެސީމިއާ ކޮންޓްރޯލް ކުރުމަށް 10 އަހަރުގެ މާސްޓާ ޕްލޭން އިފުތިތާހުކޮށްފި

ތެލެސީމިއާ ކޮންޓްރޯލް ކުރުމަށް 10 އަހަރުގެ މާސްޓާ ޕްލޭނެއް އެކުލަވާލައި، އިފުތިތާހުކުރުން ---- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި ތެލެސީމިއާ ކޮންޓްރޯލް ކުރުމަށް ދިހަ އަހަރު ދުވަހުގެ މާސްޓާ ޕެލޭނެއް އެކުލަވާލައި، މިރޭ އިފްތިތާހުކޮށްފިއެވެ.

ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓާ ޕްލޭން އިފުތިތާހު ކުރުމަށާއި ރާއްޖޭގައި އަލަށް ގާއިމުކުރާ ތެލެސީމިއާ ހޮސްޕިޓަލްގެ މަސައްކަތް ހަވާލުކުރުމަށް ކްރޮސްރޯޑްސްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕްލޭން އިފުތިތާހުކޮށްދެއްވީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފެވެ.

މި ޕްލޭން އެކުލަވާލައިފައި ވަނީ މިއަހަރުން ފެށިގެން 2034 ވަނަ އަހަރުގެ ނިޔަލަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ، ތެލެސީމިއާ ކޮންޓްރޯލް ކުރުމަށް ދިހަ އަހަރުގެ މާސްޓާ ޕްލޭނެއް އެކުލަވާލުމަކީ ދިވެހީންގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.

އެގޮތުން، 'ބަލިމަޑުކަމަކުން ސަލާމަތްވެ ތިބުން' ބިނާ ވަނީ ގުޅިލާމެހިފައިވާ ނިޒާމެއްގެ ތެރެއިން ކުރެވޭ ގިނަ މަސައްކަތްތަކެއްގެ މައްޗަށް ކަމަށާއި ތެލެސީމިއާ މަސްޓާ ޕްލޭނަކީ މުޅި ސިއްހީ ނިޒާމަށް ރިއާޔަތްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް: މިރޭ ވަނީ ތެލެސީމިއާ ކޮންޓްރޯލް ކުރުމަށް 10 އަހަރުގެ މާސްޓާ ޕްލޭނެއް އެކުލަވާލައި، އިފްތިތާހުކޮށްފައި ----

އެ ޕްލޭންގައި މައިގަނޑު ހަތް ސްޓްރެޓެޖީއެއްގެ އަމާޒުތައް ހިމަނައިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

އެ ޓާގެޓުތަކުގެ ތެރޭގައި ސިޔާސަތުތަކާއި ގަވަނަންސް ފްރޭމްވޯކް ހަރުދަނާ ކުރުމަށާއި އަވަހަށް ބަލި ދެނެގަނެ ހުއްޓުވުން ހަރުދަނާކޮށް، ފެންވަރު ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ދިރާސާތަކުގެ މައްޗަށް ބިނާކޮށް ފަރުވާ ފޯރުކޮށްދިނުމުގެ އިތުރުން އިންޓަގްރޭޓެޑް ޑޭޓާ ސިސްޓަމަކުން ނިޒާމު ބެލެހެއްޓުން ހަރުދަނާކުރުން ހިމެނޭ ކަން މިނިސްޓަރު ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

ތެލެސީމިއާ ބަލީގެ ހާލަތު ރަނގަޅު ކުރުމަށް މި ވޭތުވެ ދިޔަ ދިހަ މަސް ތެރޭގައި ވެސް ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަން އަޅުގަނޑު ފާހަގަކުރަން. މިގޮތުން، ހީނަރުވެފައިވާ ތެލެސީމިއާ ކުދިން ސްކްރީން ކުރުމުގެ މަސައްކަތް އިތުރު ގިއަރެއްގައި ކުރިއަށް ގެންދެވި، މި ބައްޔަށް ޚާއްސަކޮށް ސުކޫލު ކުދިން ހޭލުންތެރި ކުރުމުގެ މަސައްކަތް އިތުރަށް ފުޅާކޮށް ކުރިއަށް ކުރިއަށް ގެންދެވިފައިވޭ

އިތުރަށް ނާޒިމް ވިދާޅުވީ، ފާއިތުވި ދިހަ މަސް ތެރޭ 14 ކުދިން ރާއްޖޭން ބޭރަށް ޓްރާންސްޕްލާޓް ހެދުމަށް ފޮނުވައިފައިވާ ކަމަށާއި ލޭ ހޯދުން ފަަސޭހަ ކުރުމަށް އެކަމާ ގުޅޭ އެޕެއް ތައާރަކޮށްފައިވާ ކަމަށެވެ.

މިދިޔަ 10 މަސް ތެރޭ ކޮށްފައިވާ އިތުރު ކަންތައްތައް:

  • ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ކުރިން ހަދަން ޖެހޭ އެޗްއެލްއޭ ޓައިޕިން ޓެސްޓް ރާއްޖޭގައި ހެދޭ ގޮތް ހެދުން
  • ހަތަރު ސަރަހައްދެއްގައި ބްލަޑް ބޭންކު ގާއިމުކުރުން
  • އަންނަ އަހަރު ބޯންމެރޯ ހެދުމަށް ފޮނުވާނެ ކުދިން ސްކްރީން ކުރުމުގެ މަސައްކަތް ފެށުން
  • ބަލިވެ އިނުމާ ގުޅިގެން ތެލެސީމިއާ ކުއްޖެއްތޯ ބެލުމަށް ހަދާ ޓެސްޓު 'ޕްރިނޭޓަލް ޑައިގްނޯސިސް' ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ނިންމުން
comment ކޮމެންޓް