އިސްރާއީލް ޕާސްޕޯޓް މަނާކުރުމުގެ މަސައްކަތް އަވަސްކުރަން ޕީއެންސީން އިލްތިމާސްކޮށްފި

ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސާ ބައްދަލު ކުރެއްވުން: އިސްރާއީލް ޕާސްޕޯޓް މަނާކުރުމުގެ މަސައްކަތް މަޖިލީހުން އަވަސްކުރަން ޕީއެންސީން ވަނީ އިލްތިމާސްކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން އަވަސްކުރަން، މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ވެރިކަން ކުރާ ޕީއެންސީން މިރޭ އިލްތިމާސްކޮށްފިއެވެ.

ޕީއެންސީން ނެރުނު ބަޔާނެއްގައި ވަނީ، މި އަހަރުގެ ޖޫން މަހު ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއި ލަފާގެ މަތިން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފައިވާ ގޮތަށް އިމިގްރޭޝަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ވީހާ ވެސް އަވަހަށް ގެނައުމަކީ އެ ޕާޓީން ތާއިދު ކުރާ ކަމެއް ކަމަށެވެ.

އެހެންވެ، މިހާރު މަޖިލީހުގައި އޮތް އެކަމާ ބެހޭ ބިލު ދިރާސާ ކުރުމުގެ މަސައްކަތް އަވަހަށް ނިންމައި، ރައްޔިތުންގެ ރޫހާއި ވިންދާ އެއްގޮތަށް ރައީސް ނިންމަވައިފައިވާ ނިންމެވުން ހަގީގަތަކަށް ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރުމަށް އެ ޕާޓީން އިލްތިމާސްކުރާ ކަމަށް އެ ބަޔާނުގައިވެއެވެ.

"އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ޣައްޒާއާއި ހުޅަނގު އައްސޭރީގައި ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގެ ތެރެއަށް ލުބުނާނުގެ ރައްޔިތުންނަށް ކުރިމަތިކުރަމުންދާ ކެކުޅުމާއި ވޭންތައް އިތުުރުކޮށްފައިވާ މި ދަނޑިވަޅުގައި އެ އަމަލުތަކާ މެދު ނުރުހުން ފާޅުކުރުމަށް ރާއްޖެއިން އަޅަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމަވާފައިވާ މި މުހިންމު ފިޔަވަޅަށް މި ޕާޓީން ފުރިހަމައަށް ތާއިދުކުރާ ކަމަށް ދަންނަވަމެވެ." ޕީއެންސީން ބުންޏެވެ.

އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމައި، އެ ކަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ފޮނުވީ މިދިޔަ ޖޫން މަހު 10 ގައެވެ. ނަމަވެސް އޭގެ ފަހުން އެ މައްސަލައަށް ކުރިއަށް ގެންގޮސްފައިނުވެއެވެ.

އެ މަސައްކަތް ލަސްވާތީ އިދިކޮޅާއި އާންމު ރައްޔިތުންގެ ފަރާތުން ސަރުކާރަށް ވަނީ ފާޑު ކިޔުންތައް އަމާޒުވެފައެވެ.

މިދިޔަ މަހުގެ ރައީސް އޮފީހުން ވަނީ، މަޖިލިސް ޗުއްޓީއަށް ފަހު އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްގެންދާނެ ކަމަށް ބުނެފައެވެ.

މަޖިލިސް ޗުއްޓީއަށް ފަހު، ތިން ވަނަ ދައުރު ފަށައިފައި ވަނީ އިއްޔެއެވެ.

އިސްރާއީލުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައި، އަދިވެސް ގެންދަނީ އެ ސަރަހައްދުގައި ޖަރީމާތައް ހިންގަމުންނެވެ.

އަލްޖަޒީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި އެ ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން 42,227 މީހުން ޝަހީދުކޮށްފައިވާއިރު އޭގެ ތެރޭގައި 16,765 ކުޑަކުދިން ހިމެނެއެވެ.

comment ކޮމެންޓް