އެމްއާރުއެމް އުވައިލުމުގެ މަސައްކަތް އީސީން އަނެއްކާ ވެސް ފަށައިފި

އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން: އެމްއާރުއެމް އުވައިލުމުގެ މަސައްކަތް އީސީން އަނެއްކާ ވެސް ވަނީ ފަށައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވައިލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ)ން އަނެއްކާ ވެސް ފަށައިފިއެވެ.

އީސީން މިއަދު ގެޒެޓުކުރި އިއުލާނުގައި ބުނެފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 30ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރުގައިވާ ގޮތުގެ މަތީން އެމްއެމްއާރުއެމް އުވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެ މާއްދާގެ (ހ)ގައި ބަޔާންކޮށްފައި އޮންނަނީ ޕާޓީއެއް އުވައިލުމަށް ހައިކޯޓުން އަމުރުކުރެވޭނީ، އަދި އީސީން ނުވަތަ އަމިއްލަ ފަރާތަކުން ހައިކޯޓަށް ހުށަހަޅާ މައްސަލައެއް ބެލުމަށްފަހު، ހައިކޯޓުން އެކަމަށް ކަނޑައަޅާ ނިޔާއެއްގެ ދަށުން ކަމަށެވެ.

އީސީން ކުރި އިއުލާނުގައިވަނީ އެމްއާރުއެމްއިން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، އަންނަ މަހުގެ 10ގެ ކުރިން އެ ޕާޓީގެ އޮފީހަށް އެ ކަން ހުށަހަޅުއްވައިގެން ނިންމައިދިނުމަށް އެދިފައެވެ.

އީސީން އެމްއާރުއެމް އުވާލަން ނިންމީ، ސިޔާސީ ޕާޓީއެއްގައި ތިބުން ލާޒިމުކުރާ 3،000 މެންބަރުން ހަމަނުވާ ކަމަށް ބުނެ، އެ އަދަދަށް މީހުން ހަމަކުރުމަށް އެ ޕާޓީއަށް މިދިޔަ އަހަރުގެ ފެބްރުއަރީ 22ގައި ތިން މަހުގެ ނޯޓިސްއެއް ދިނުމަށް ފަހުގައެވެ.

އީސީން ނިންމި މި ނިންމުމަކީ ޤަވާއިދާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށް މިދިޔަ ފެބްރުއަރީ 12ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެހެން ނަމަވެސް އީސީން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

https://sun.mv/195936

މިދިޔަ އޮގަސްޓުމަހުގެ 25ގައި ވެސް އީސީން ވަނީ އެމްއާރުއެމް އުވައިލަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުން ޕާޓީއެއްގައި މަދުވެގެން 3،000 މެންބަރުން ތިބެންޖެހެއެވެ. އީސީން އާންމުކޮށްފައިވާ އަދަދުތަކުން ދައްކާ ގޮތުގައި އޭޕްރީލްމަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީގައި ތިބީ 2،231 މެންބަރުންނެވެ.

comment ކޮމެންޓް