އެމްއާރުއެމް އުވާލުމަށް އީސީން އަނެއްކާ ވެސް ނިންމައިފި

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން ރައީސް މައުމޫން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު އަނެއްކާ ވެސް ނިންމައިފިއެވެ.

އީސީން މިކަން ހާމަކޮށްފައި ވަނީ އެ ކޮމިޝަނުން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނު ލާޒިމުކުރާ އަދަދުކަމަށްވާ، 3000 މެންބަރުން ހަމަވެފައިނުވާތީ އެމްއާރުއެމް އުވާލުމަށް އެ ކޮމިޝަނުން ނިންމާފައި ވާކަމަށެވެ.

މެންބަރުންގެ އަދަދު ހަމަނުވާ ކަމަށް ބުނެ، 3000 މީހުން ހަމަކުރުމަށް އީސީން ވަނީ އެމްއާރުއެމްއަށް މިދިޔަ އަހަރުގެ ފެބްރުއަރީ 22ގައި ތިން މަހުގެ ނޯޓިސްއެއް ދިފައެވެ.

އެއަށްފަހު މިއަހަރުގެ ފެބުރުއަރީ މަހުގެ 13ވަނަ ދުވަހު ސިވިލް ކޯޓުން ހުކުމް ކުރީ، އީސީން ނިންމާފައިވާ ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ، އެމްއާރުއެމަށް ދީފައިވާ ނޯޓިސް ދިނީ އެ ނޯޓިހުގެ މުއްދަތުގައި ކަންކުރާނެ ގޮތެއް އެނގެން ނެތް ގޮތެއްގައި ކަމަށެވެ. އެގޮތުން 22 ފެބްރުއަރީގައި ނޯޓިސް ދިން އިރު ޕާޓީގައި ތިބީ 2،981 މެންބަރުން ކަމަށް އީސީން ބުނިއިރު، ޕްރޮސެސް ނުކުރެވޭ ފޯމްތަކެއް ހުރިކަން އެ ނޯޓިހުން އެނގެން ނެތް ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ.

އަދި ސިވިލްކޯޓުގެ ނިންމުމާއި ގުޅިގެން އީސީން ވަނީ އެމަހުގެ 14ވަނަ ދުވަހު ސިވިލްކޯޓުގެ ހުކުމް އިސްތިއުނާފުކުރުމަށް ނިންމާފައެވެ.

މީގެ އިތުރުން ސިވިލް ކޯޓުން ވަނީ ޝަރީއަތުގެ ޚަރަދުގެ ގޮތުގައި 50،000 ރުފިޔާ އީސީގެ ފަރާތުން އެމްއާރުއެމަށް ދެއްކުމުގެ ގޮތުން، އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށް ވެސް އޭރު އީސީގެ މައްޗަށް އަމުރުކޮށްފައެވެ.

އެމްއާރުއެމްއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން 2019ވަނަ އަހަރު އުފައްދަވާފައިވާ ސިޔާސީ ޕާޓީއެކެވެ.

comment ކޮމެންޓް