ހިޒްބުﷲގެ ޑްރޯން ގޮސް ވެއްޓުނީ އިސްރާއީލު ސިފައިންގެ ކާމޭޒު މައްޗަށް!

ހިޒްބުﷲ އިން އިސްރާއީލަށް ދިން ހަމަލާތަކެއްގައި އިސްރާއީލުގެ އިމާރާތެއް އަނދަނީ

ހައިފާ (15 އޮކްޓޯބަރު 2024): އިސްރާއީލުގެ އިގްތިސާދާއި ވިޔަފާރިއާ ބެހޭ ސިޓީކަމަށްވާ ހައިފާއަށް ހިޒްބުﷲއިން އިއްޔެ ދިން ޑްރޯން ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ ހަތަރު މީހުން މަރުވެ 67 މީހުން ޒަޚަމްވެފައިވާއިރު އެހަމަލާތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ހިޒްބުﷲއިން ހާމަކޮށްފިއެވެ.

ހިޒްބުﷲ އިން ހާމަކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި އެޖަމާއަތުގެ ޑްރޯން ހަމަލާތައް އަމާޒުކުރީ އިސްރާއީލު ސިފައިންގެ އެންމެ އެލީޓް ފޯސްކަމަށްވާ ގޮލާނީ ބްރިގޭޑްގެ މައި މަރުކަޒަށެވެ. އެއީ ލުބްނާނުގެ ސަރަހައްދީ ރޮނގާ 66 ކިލޯމީޓަރު ދުރުގައިވާ ތަނެކެވެ. މި އޮޕަރޭޝަނަށް ހިޒްބުﷲ އިން ދީފައިވާ ނަމަކީ "އެއާ ޑިފެންސް އެންގޭޖްމެންޓް އޮޕަރޭޝަން" އެވެ.

މި އޮޕަރޭޝަން ކާމިޔާބު ކުރުމަށް ހިޒްބުﷲ އިން ބޭނުންކުރި އުކުޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އުކުޅަކީ ގިނަ އަދަދެއްގެ ރޮކެޓާއި ޑްރޯން ފޮނުވާލައިގެން އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތައް އެންގޭޖްކޮށްލުމެވެ. ދިފާއީ ނިޒާމުތައް އެންގޭޖްވާ ވަގުތު އެނިޒާމުތައް ފޫއަޅުވާލާފައި ރޮކެޓާއި ޑްރޯންތަކަށް އޭގެ އަމާޒަށް ވާސިލް ވެވޭނެތީއެވެ.

އިއްޔެގެ ހަމަލާތަކުގައި ގިނަ އަދަދެއްގެ ރޮކެޓާއި ޑްރޯން ފޮނުވާލައިގެން އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތައް އެންގޭޖްކޮށްލުމުން ދެ ޑްރޯން ވަނީ އޭގެ އަމާޒަށް ވާސިލްވެ އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މި ދެ ޑްރޯނަކީ ވެސް ގޮވާތަކެއްޗާއެކު ވެއްޓިގަނެގެން ހަމަލާދޭ ޑްރޯންއެވެ.

އަމާޒަށް ވާސިލްވި ދެ ޑްރޯންގެ ތެރެއިން އެއް ޑްރޯން ވެއްޓުނީ އިސްރާއީލު ސިފައިންގެ އެލީޓް ފޯސްކަމަށްވާ ގޮލާނީ ބްރިގޭޑްގެ މައި މަރުކަޒުގައި ހުންނަ ސިފައިންގެ މެސް ނުވަތަ ކާތަނަށެވެ. އޭރު ގޮލާނީ ބްރިގޭޑަށް ނިސްބަތްވާ ސިފައިންގެ ގިނަ ބަޔަކު ތިބީ ކާށެވެ.

ކާތަން ހުރި އިމާރާތުގެ ފުރާޅާއި ސީލިން ފޫއަޅުވާލާފައި ދެ ޑްރޯން ވެއްޓުނީ ކާންތިބި އިސްރާއީލު ސިފައިންގެ އެތައް ސަތޭކަ ބައެއްގެ ކާ މޭޒުތައް މައްޗަށެވެ. ވެއްޓުމާއެކު އެ ދެ ޑްރޯން ގޮވާ ތަކެއްޗާއެކު ގޮވުމުގެ ސަބަބުން ހަތަރު މީހުން މަރުވެ 67 މީހުން ޒަޚަމްވިއެވެ.

ޒަޚަމްވި ސިފައިންގެ ތެރޭގައި ފުރާނައަށް ނުރައްކާވާ ހާލަތުގައި އެތައް ބަޔަކު ތިބިކަމަށް ރިޕޯޓްތައް ބުނެއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިންވަނީ މިއީ ވަރަށް ވޭންދެނިވި ހަމަލާއެއްކަމަށް ސިފަކޮށްފައެވެ. ހިޒްބުﷲގެ ހަމަލާއާއެކު އިސްރާއީލު ސިފައިންގެ ގޮލާނީ ބްރިގޭޑްގެ ކާގެ ވަނީ މުޅިން ކަހަލަ ގޮތަކަށް ހަލާކުވެފައެވެ. މުޅި ތަންވަނީ ސިފައިންގެ ލެއިން ތަތްތެޅިފައެވެ. ކާތަކެއްޗާއި މޭޒުތަކާއި ވަސީލަތްތައްވަނީ ފުނޑުފުނޑުވެފައެވެ. މަރުވި ހަތަރު ސިފައިންނަށް ވެފައިވަނީ އެއީ އެމީހުންގެ އެންމެ ފަހުގެ ކެއުމުގެ ގޮތުގައެވެ.

ހިޒްބުﷲ އިން ރޭވެސް އިސްރާއީލުގެ ސިޓީތަކާއި ޓައުންތަކާއި ވިލެޖްތައް ހިމެނޭގޮތަށް 130 ތަނަކަށް ރޮކެޓާއި މިސައިލުން ހަމަލާތައް ދިނުމުގެ ސަބަބުން އިސްރާއީލުގެ އެއް މިލިޔަންމީހުންވަނީ ދަންވަރު ބިންގަރާސްތަކަށް ވަންނަން ޖެހިފައެވެ. ހިޒްބުﷲ އިންވަނީ ހަމަލާތައް ހުއްޓާލަން އިސްރާއީލު އެއްބަސް ނުވާނަމަ އިސްރާއީލުގެ އިގުތިސާދާއި ވިޔަފާރިއާ ބެހޭ ސިޓީކަމަށްވާ ހައިފާ ހައެއްކަ މަސްތެރޭގައި ޣައްޒާ ގޮތަށް ފުނޑާލާނެކަމުގެ އިންޒާރު އިސްރާއީލަށް ދީފައެވެ.

comment ކޮމެންޓް