އިސްރާއީލުން ޣައްޒާގެ ރެފިއުޖީ ކޭމްޕުތަކެއް އަންދާލުމުން 30 މީހަކު މަރުވެއްޖެ

އިސްރާއީލުން ޣައްޒާގެ ރެފިއުޖީ ފޭލިގެތަކުގައި ހުޅުޖަހައި އަންދާލަނީ

ޣައްޒާ (15 އޮކްޓޯބަރު 2024): އިސްރާއީލުން ޣައްޒާގެ އާންމުންގެ ގެދޮރަށް ހަމަލާދީ އެތަންތަން ހަލާކުކޮށްލުމުން ޣައްޒާގެ އެކިތަންތަނުގައި ފޮތި ފޭލިގެތަކުގައި ވަރަށް ދެރަ ނިކަމެތި ހާލަތުގައި ދިރިއުޅެމުންދާ ރެފިއުޖީންގެ ފޭލިގެތަކުގެ ތެރެއިން އެތަށް ފޭލިގެތަކަކަށް އިސްރާއީލުގެ ފައިޓާޖެޓުން އިއްޔެ ބޮންއަޅައި ހިންގި ގަތުލުއާންމުތަކުގައި 30 މީހުން ދިރިތިއްބައި އަނދައިގެން މަރުވެފައިވާކަމަށް ޣައްޒާގައި ވެރިކަންކުރާ ހަމާސްގެ ސަރުކާރުން ބުނެފިއެވެ.

ޣައްޒާގެ ސިއްހަތާބެހޭ އިދާރާއިން ބުނީ އިސްރާއީލުގެ ފައިޓާޖެޓްތަކުން ޣައްޒާގެ ތިން ސަރަހައްދެއްގައިވާ ފޮތި ފޭލިތަކުގައި ދިރިއުޅޭ މީހުންނަށް ހަމަލާދިން ކަމަށާއި އެހަމަލާތަކުގައި 30 މީހުން އަނދައިގެން މަރުވިއިރު 50އަށް ވުރެ ގިނަ މީހުން އަލިފާންގަނޑުގެ ސަބަބުން ފިހިފައިވާ ކަމުގައެވެ.

އިސްރާއީލުން ބޮންއެޅި ތަންތަނުގެ ތެރޭގައި ހިމެނެނީ ދިރުލްބަލަހް ގައިވާ ފޭލިގެތަކާއި ނުސައިރާތުގައިވާ ރެފިއުޖީ ފޭލިގެތަކާ އަދި ޚާންޔޫނުސްގައިވާ ރެފިއުޖީ ފޭލިގެތަކެވެ. މި ފޭލިގެތަކުގައި ދިރިއުޅެނީ ޣައްޒާގެ ނިކަމެތި އާންމުންނެވެ. މީގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނާ އަދި މުސްކުޅިންނެވެ.

އިސްރާއީލުން ޣަައްޒާގެ ރެފިއުޖީ ފޭލިގެތަކުގައި އަލފާން ޖަހައި އަންދާލަނީ

އިސްރާއީލުން އިއްޔެ ހިންގި މި ގަތުލުއާންމުތަކުގައި އެންމެ ގިނަ ބަޔަކު މަރުވީ ނުސައިރާތު ރެފިއުޖީ އަވަށުގައިވާ ފެލިގެތަކަށް ދިން ހަމަލާތަކުގައެވެ. މި ހަމަލާތަކުގައި 22 މީހުން މަރުވެ 30 އަށް ވުރެ ގިނަ މީހުން ވަނީ ފިހިފައެވެ.

ފިހުނު މީހުންނަށް ފަރުވާދޭނެ ވަސީލަތްތައް ވެސް ޣައްޒާގައި އިންތިހާއަށް މަދެވެ. އެއީ ޣައްޒާގައިވާ 30 އަށް ވުރެގިނަ ހޮސްޕިޓަލްތަކުގެ ތެރެއިން 25 އަށް ވުރެ ގިނަ ހޮސްޕިޓަލަށް އިސްރާއީލުން ބޮންއަޅައި އެތަންތަން އެއްކޮށް ހަލާކު ކޮށްލާފައިވާތީއެވެ. އަދި ޣައްޒާގެ ޑޮކްޓަރުންގެ ތެރެއިން 200 އަށް ވުރެ ޑޮކްޓަރުންނާއި 300 އަށް ވުރެ ގިނަ ނަރުހުން އިސްރާއީލުގެ ހަމަލާތަކުގައި މަރާލައި ނުވަތަ ޝަހީދުކޮށްލާފައިވާތީއެވެ.

މިއާއެކު އިސްރާއީލުވަނީ ޣައްޒާގެ ބޭސްގުދަންތަކާއި ފާމަސީތައްވެސް ފުނޑާލާފައެވެ. އަދި ލެބޯޓްރީތައްވެސް ހަލާކުކޮށްލާފައެވެ. އިސްރާއީލުން އިއްޔެ ހިންގި ގަތުލުއާންމުތަކުގައި ގިނަ ބަޔަކު އަނދައިގެން މަރުވެފައިވަނީ އެމީހުން ދިރިތިއްބައި ކަމަށާ އެމީހުންގެ ވޭނާއި ހަޅޭކުގެ އަޑު ވަރަށް ބާރަށް އިވުނުކަމަށް އަލްޖަޒީރާ ބުނެއެވެ. އަލިފާން ނިއްވާ ވަސީލަތްތައް ނެތުމުން މީހުން ސަލާމަތް ކުރުމުގައިވެސް މާބޮޑު ކާމިޔާބެއް ލިބިފައެއް ނުވެއެވެ.

އަންދާލާފައިވާ ރެފިއުޖީ ފޭލިގެތަކެއް

އަލިފާނުގެ ސަބަބުން ފިހުނު މީހުންނަށް ފަރުވާދިނުމަށް ގެންގޮސްފައިވަނީ އެކި ގައުމުތަކުން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ބިނާކޮށްދީފައިވާ ވަގުތީ (ތައްޔާރީ) ހޮސްޕިޓަލްތަކަށެވެ. އެއީ އާންމު މައިދާންތަކުގައި ހުންނަ މައިދާނީ ހޮސްޕިޓަލްތަކެވެ.

އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑާލައި އެތަންތަނުގައި މަސައްކަތްކުރި ޑޮކްޓަރުންނާއި ނަރުހުންނާއި ޓެކްނީޝަނުން މަރާލުމުން ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާއިންނާއި ކުވައިތާއި އުރުދުންއާއި އެނޫންވެސް ބައެއް ގައުމުތަކުން ޣައްޒާގައިވަނީ ވަގުތީ ބައެއް ހޮސްޕިޓަލް ގާއިމްކޮށްފައެވެ. ނަމަވެސް ކުއްލި ހާލަތުގައި މިތަންތަނަށް މީހުން ގެންދިޔުމަކީވެސް އިންތިހާއަށް ދަތިކަމެކެވެ. އެއީ ވެހިކަލްތަކާއި އެންބިއުލަންސްފަދަ ވަސީލަތްތައް ނެތުމުންނެވެ.

އިސްރާއީލުން ޣައްޒާގައި އިއްޔެ ހިންގި 3 ގަތުލުއާންމުގައި ޒަޚަމްވި މީހުންގެ ތެރެއިން ގިނަބަޔަކަށްވެސް އަވަހަށް ހޮސްޕިޓަލްތަކަށް ގެންދެވޭނެ ގޮތެއް ނެތުމުން އޭގެތެރެއިންވެސް އެތަށް ބަޔަކު ތިބީ ފުރާނައަށް ނުރައްކާވަ ހާލަތުގައި ކަމަށް ޣައްޒާގެ ސިއްހަތާބެހޭ އިދާރާއިން ބުނެއެވެ.

އިސްރާއީލުން ޣައްޒާގައި އިއްޔެ ހިންގި 3 ގަތުލުއާންމުގައި ބައެއް މީހުން ދިރިތިއްބައި އަނދައިގެން މަރުވީ އެމީހުންގެ އާއިލާތަކުގެ މީހުންގެ ކުރިމަތީގައެވެ. ވަރަށް ވޭނާއި ކެކުޅުމުގައެވެ. އެމީހުންގެ ހަޅޭކުގެ އަޑުތަކާއެކު މިއީ އިންސާނުންނަށް ބަލަން އަދި އަޑުއަހަން ކެތްކުރެވޭ ވަރަށްވުރެ މާ އަނިޔާވެރި ވަރަށް ވޭނީ އަދި ލާއިންސާނީ މަންޒަރުތަކެއް ކަމަށް އަލްޖަޒީރާ ބުނެއެވެ.

އިސްރާއީލުން އިއްޔެ ޣައްޒާގައި 3 ގަތުލުއާންމު ހިންގުމުގެ އިތުރުން ލުބްނާނުގެ ބައިރޫތުގެ އެޕާޓްމަންޓް އިމާރާތްތަކަކަށް ހަމަލާދީ ލުބްނާނުންވެސް 30 މީހަކުވަނީ މަރާލާފައެވެ.

comment ކޮމެންޓް