އައު އިމިގްރޭޝަން ގާނޫނު ފާސްކުރުމުން، އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ ޑުއަލް ޕާސްޕޯޓު ހޯލްޑަރުން ރާއްޖެ އެތެރެވުން މަނާކުރަން ހުށަހަޅުއްވާނެ ކަމަށް، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
އިޒްރޭލު ޕާސްޕޯޓުގައި މީހުންނަށް ރާއްޖެ އެތެރެނުވެވޭ ގޮތް ހެދުމަށާއި ސިވިލް ސާވިސްއާ ވަކިކޮށް ވަކި ޚިދުމަތަކަށް އިމިގްރޭޝަން ބަދަލުކުރުމަށް ސަރުކާރު ފަރާތުން ހުށަހެޅި ބިލަށް ބަހުސްކުރައްވަމުން މީކާއީލް ވިދާޅުވީ އައު އިމިގްރޭޝަން ބިލު ހުށަހެޅީ ރަސްމާލޭގައި އާބާދުކުރަން އުޅޭ ބޭރުގެ ފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.
ރާއްޖެއަށް އިޒްރޭލު ޕާސްޕޯޓުގައި އެތެރެނުވެވޭ ގޮތަށް ހެދުމަށް ހުށަހެޅުއްވި މީކާއީލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އޭރު އޭނާ ހުށަހެޅުއްވި ބިލު ފާސްކުރީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ސަރުކާރަށް ޕްރެޝަރު އައުމުން ކަމަށެވެ. ނަމަވެސް އެކަން ކުރީ ތާކުންތާކުން ނުޖެހޭ ގޮތަށް ކަމަށް މީކާއީލް ވިދާޅުވިއެވެ.
އިމިގްރޭޝަން ގާނޫނަށް ބަދަލު ގެންނައިރު ދެ ޕާސްޕޯޓު ގެންގުޅޭ އިޒްރޭލު ރައްޔިތުންނަށް މި ރާއްޖެ އެތެރެވެވޭ ގޮތަށް މަޖިލީހުގައި ގާނޫނު ހަދާ ނަމަ މި ސަރުކާރު 2028ވަނަ އަހަރު ރިޔާސީ އިންތިޚާބުން ބަލިވާނެ ކަމަށް މީކާއީލް ވިދާޅުވިއެވެ.
"އިއްޒަތްތެރި ރައީސް މި ގާނޫނަށް މި ބިލަށް އަޅުގަނޑުމެން އިސްލާޙު ހުށަހަޅާނަން، އަނެއްކާ ވެސް ޑުއަލް ޕާސްޕޯޓު ހޯލްޑަރުން މި ރާއްޖެ އެތެރެވުން މަނާކުރަން އަޅުގަނޑުމެން އިސްލާހެއް ހުށަހަޅާނަން،" މީކާއީލް ވިދާޅުވިއެވެ.
އަދި އިޒްރޭލުގެ ޑުއަލް ޕާސްޕޯޓު ހޯލްޑަރުން ވަނުމާ އެއްކޮޅަށް ވޯޓުލާ މެންބަރުންގެ މައުލޫމާތު ވަކިވަކި އާންމުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަކިވަކިން ފޮޓޯ ޖަހާނަން، ވަކިވަކިން ދާއިރާ ޖަހާނަން، ވަކިވަކިން ތި ބޭފުޅުންގެ ވޯޓިން ރެކޯޑު އަޅުގަނޑުމެން އާންމުކުރާނަން، ތި ބޭފުޅުންނާ ދިވެހި ރައްޔިތުން އަރާ ހަމަކުރާނެ،" މީކާއީލް ވިދާޅުވިއެވެ.
މީކާއީލް މިހެން ވިދާޅުވިއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އިމިގްރޭޝަނާ ބެހޭ އައު ބިލެއް އެކުލަވައިލިއިރު، އިޒްރޭލު ރައްޔިތުން ރާއްޖެއަށް އެތެރެވުމާ ގުޅޭ ގޮތުން އެ ބިލުގައި ސާފުކޮށް ބަޔާންކުރަން ޖެހޭނެ ކަމަށް ސަރުކާރުން ގަބޫލުކުރި ކަމަށެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ އިމުގެ ތެރެއަށް އިސްރާއީލުގެ އެއްވެސް މީހަކަށް ނާދެވޭ ގޮތް ހެދުމަކީ އަމާޒު ކަމަށެވެ. އެހެންވެ، އިމިގްރޭޝަން ބިލުގައި އޮންނާނީ، އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ރާއްޖެއަށް އެތެރެނުވެވޭނެ ކަމަށް ވަރަށް މުތުލަގަށް ބަޔާންކޮށްފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.