އިސްރާއީލަށް ކޮންމެ އަހަރަކު ދޭ 4 ބިލިއަން ޑޮލަރު ދިނުން ހުއްޓާލުމަށް އެއްބަސްވެވިއްޖެ: ޓްރަމްޕް

އެމެރިކާގެ ރައީސް ޓްރަމްޕާއި އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ: އިސްރާއީލަށް އެހީ ދިނުން ހުއްޓާލަން އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި -- ފޮޓޯ/ ގެޓީ

އެމެރިކާއިން އިސްރާއީލަށް ދެމުން އަންނަ މާލީ އެހީތައް ދިނުން، މި އަހަރު ނިމުމުން ހުއްޓާލުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ މިޑްޓާމް އިންތިޚާބުގެ ވޯޓުލުން ފެށެން ގާތްވެފައި ވަނިކޮށް ފޮކްސް ނިއުސްގެ "ފޮކްސް އެންޑް ފްރެންޑްސް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އިސްރާއީލަށް އަހަރަކު ދެމުން އަންނަ ހަތަރު ބިލިއަން ޑޮލަރުގެ އެހީ ދިނުން މެދުކަނޑާލުމަށް މީގެ މަސްތަކެއް ކުރިން ނަތަންޔާހޫއާ އެކު އެއްބަސްވެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ވާނީ މި އަހަރުގެ ނިޔަލަށް އިސްރާއީލަށް ފައިސާ ދިނުން ހުއްޓާލުމަށް އެއްބަސްވެފައި. ނަމަވެސް ބޭނުން ޖެހިއްޖެ ހާލަތެއްގައި އަދިވެސް އިސްރާއީލަށް އެހީތެރިކަން ފޯރުކޮށްދޭނަން،" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް އެ އިޝާރާތް ކުރެއްވީ ކޮން ބާވަތެއްގެ އެހީއަކަށް ކަމެއް ސާފުކޮށް ވިދާޅެއް ނުވެއެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން، އިސްރާއީލަށް އެމެރިކާއިން ދޭ އަސްކަރީ އެހީގެ މައްސަލައަކީ މި އަހަރު ޑިމޮކްރެޓުންނާއި ރިޕަބްލިކަނުންގެ މެދުގައި ވެސް ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ މައްސަލައެކެވެ. އެތައް އަހަރެއް ވަންދެން އެމެރިކާގެ ދެ ޕާޓީން ވެސް އިސްރާއީލަށް އެއްބާރުލުން ދެމުން އައި ނަމަވެސް، ބައެއް އިސްވެރިން ފަހަކަށް އައިސް ވަނީ އިސްރާއީލަށް ފާޑުކިޔަން ފަށައިފައެވެ.

މިދިޔަ ޖުލައި މަހު އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި، އިސްރާއީލަށް ދޭ އެހީ ކަނޑާލުމަށް އިސްލާހެއް ވެސް ހުށަހެޅިއެވެ. ނަމަވެސް އެ ބިލް ވަނީ ފާސްނުވެ ބޭރުކޮށްލާފައެވެ. ނަމަވެސް ޑިމޮކްރެޓުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މެންބަރުން އެ އިސްލާހަށް ތާއީދުކުރެއްވުމުން ދޭހަވަނީ ޣައްޒާގެ ހަނގުރާމައާ ގުޅިގެން އިސްރާއީލާއި އެމެރިކާގެ ބައެއް ލީޑަރުންނާ ދެމެދު އޮތް ގުޅުން ކެނޑެމުންދާ މިންވަރެވެ.

comment ކޮމެންޓް