ޣައްޒާ ސިޓީއަށް އިސްރާއީލު ސިފައިން ދިން ވައިގެ ހަމަލާއެއްގައި، ފަލަސްތީނުގެ އުންމީދީ ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާ މަހްމޫދު ކަމާލް ފާރިސް އަބްދުލް މާލިކް ޝަހީދުވެއްޖެއެވެ.
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެފްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، އުމުރުން އެންމެ 20 އަހަރުގެ މަހްމޫދު ޝަހީދުވެފައިވަނީ މިދިޔަ އަންގާރަ ދުވަހު ދެކުނު ޣައްޒާ ސިޓީގެ ސަބްރާ އަވަށަށް އިޒުރޭލުން ދިން ވައިގެ ހަމަލާއެއްގައެވެ. މަހްމޫދަކީ ޣައްޒާ ސްޕޯޓްސް ކްލަބުގެ ކެޕްޓަން އަދި އެ ޓީމުގެ އެއްވަނަ ގޯލްކީޕަރެވެ.
މަހްމޫދު ޝަހީދުވެފައި މިވަނީ، އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވެފައިވާ ފަލަސްތީނުގެ ކުޅިވަރު ކުޅުންތެރިންނާއި ކުޅިވަރު އޮފިޝަލުންގެ ހަނދާނުގައި ބޭއްވި "ތައުޒަންޑް މާޓިއާސް ކަޕް" ގެ ފައިނަލް މެޗުގައި ކުޅުނުތާ އެންމެ ފަސް ދުވަސް ފަހުންނެވެ.
މިދިޔަ ނޮވެމްބަރު 5 ވަނަ ދުވަހު ކުޅުނު އެ މުބާރާތުގެ ޣައްޒާ އަދި އުތުރު ޣައްޒާ ޑިވިޝަނުގެ ފައިނަލްގައި މަހްމޫދުގެ ކެޕްޓަންކަމުގެ ދަށުން ޣައްޒާ ސްޕޯޓްސް ކްލަބުން ވަނީ މުބާރާތުގެ ރަނަރަޕްކަން ހޯދާފައެވެ.
އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ކުޅިވަރު ވަސީލަތްތައް ސުންނާފަތިވެ، މެދުކެނޑިފައި އޮތް ރަސްމީ ފުޓްބޯޅަ އަލުން ފެށުމުގެ ގޮތުން މިދިޔަ ސެޕްޓެމްބަރު 4 ވަނަ ދުވަހު ފެށި މި މުބާރާތުގައި ޣައްޒާއާއި، ހުޅަނގު އައްސޭރި އަދި ލުބުނާނުގައި ހުންނަ ފަލަސްތީނު ރެފިއުޖީ ކޭމްޕްތަކުން 200 އަށްވުރެ ގިނަ ޓީމު ވަނީ ވާދަކޮށްފައެވެ.
ޕީއެފްއޭ އިން ބުނި ގޮތުގައި މަހްމޫދު ޝަހީދުވުމާއެކު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒުރޭލުން ދެމުންދާ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ކުޅިވަރު ކުޅުންތެރިންނާއި ކުޅިވަރު ދާއިރާގައި މަސައްކަތްކުރާ މީހުންގެ އަދަދު ވަނީ 1,017 އަށް އަރާފައެވެ.
މަހްމޫދު ޝަހީދުވުމުގެ މަދު ދުވަސްކޮޅެއް ކުރިން، މިދިޔަ ހޮނިހިރު ދުވަހު ދެކުނު ޣައްޒާގެ އަލް މަވާސީ ސަރަހައްދުގައި ރައްޓެހިންނާއެކު ފުޓްބޯޅަ ކުޅެން ހުއްޓައި އިޒުރޭލު ސިފައިން ބަޑިޖަހައި، އަލް ނަޖްމާ ސްޕޯޓްސް އެކަޑަމީގެ އުމުރުން 15 އަހަރުގެ ޒުވާން ކުޅުންތެރިޔާ މުހައްމަދު ނިދާލް ބަރްބަޚް ވެސް ވަނީ ޝަހީދުކޮށްލާފައެވެ.
2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެކުލަވާލި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ތަކުރާރުކޮށް ޚިލާފުވަމުންދާއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 74,600 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 176,000 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.