ސިޔާސީ މަގާމު އިންތިހާއަށް އިތުރުވެ ބައެއް ބޭފުޅުން ތިއްބަވަނީ ގޮނޑިމޭޒު ނެތި ކޮރިޑޯތަކުގައި: ޞާލިހު

ކުރީގެ ރައީސް އިބްރާހިމް

މިހާރުގެ ވެރިކަން ކުރާ ކޯލިޝަން ސަރުކާރުގެ ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރުވެ ބައެއް މިނިސްޓްރީތަކުގައި އެ ބޭފުޅުންނަށް ޖާގަނެތި ބައެއް ބޭފުޅުން ތިއްބަވަނީ ގޮނޑިމޭޒު ނެތި ކޮރިޑޯތަކުގައިކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މިރޭ ވިދާޅުވެއްޖެއެވެ.

މާފަންނު އުތުރު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުގެ ޖަގަހަ ހުޅުވުމަށް މިރޭ އޮތް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޞާލިހު ވިދާޅުވީ ރާއްޖޭގެ އިގްތިޞާދީ ހާލަތާ ގުޅޭގޮތުން ސަރުކާރުން ދައްކަމުން އަންނަ ވާހަކަތަކާއި، ކުރަމުން އަންނަ އަމަލުތަކާ މުޅިން ތަފާތުކަމަށެވެ.

"ފައިސާއެއް ނެތޭ، ޕްރޮޖެކްޓެއް ހިންގޭކަަށް ނެތޭ، ބަނގުރޫޓުވެފައި އޮތް ސަރުކާރެކޭ ތިމަންނަމެންނާ ހަވާލުވީ. އެހެންނަމަވެސް މި ވޭތުވެދިޔަ ހަތަރު މަސްވީ މި މަހުގެ 17ވަނަ ދުވަހަށް. ހަތަރު މަސް ދުވަހުގެ ތެރޭ ކަން ހިނގާފައި ހުރި ގޮތް އެ ހުރީ ސާފުކޮށް ފެންނަން،" ޞާލިހު ވިދާޅުވިއެވެ.

މިއީ ކެމްޕޭނުގައި އެ ބޭފުޅެއްގެ ފޮޓޯފުޅު ބޭނުންކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ސަރުކާރާ ގުޅޭގޮތުން ފާހަގަކުރައްވަމުން އަންނަަ ކަންކަން ކަމަށް ވިދާޅުވިއެވެ.

އެއާއެކު މި ސަރުކާރުން މި އަަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ކުރި ޚަރަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު އިތުރުކަމަށާއި ނަމަވެސް ކުރެވުނީ ކޮން ކަމެއްތޯ ސުވާލު އުފެއްދެވިއެވެ.

އެ ޚަރަދުތަކުގެ ތަފްސީލު ހޯދަން ރައީސް އޮފީހުގައި އެމްޑީޕީން އެދިފައިވާނެކަމަށާއި ލިބުނު ޖަވާބެއް ނެތްކަމަށް ވިދާޅުވިއެވެ.

"ބަލައިލިއިރުގައި 1700 ޕްރޮޖެކްޓު ހުއްޓައިލައިފައި އޮތީ. މި ފައިސާ ޚަރަދު ކުރީ ކޮން ބަޔަކަށްތޯ. އަޅުގަނޑުމެން އެ ޚަރަދުކުރީ ކިހިނެއްތޯ ބަލަން ސާފުކުރަން މައުލޫމާތު ހޯދަން ރައީސް އޮފީހަށް ވެސް ސިޓީ ލައިފިން. ފިނޭންސް މިނިސްޓްރީގައި ވެސް އެދެފިން. މިއިން އެއްވެސް ތަނަކުން އެއިން މައުލޫމާތެއް ލިބޭ ގޮތެއް ނުވި،"

އެ މަނިކުފާނު ވިދާޅުވީ މި ހުރިހާ ކަމަކާއެކު ވެސް އެނގޭ އެއް ކަމަކީ ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރުކަމަށާއި ބައެއް މިނިސްޓްރީތަކުގައި އެ ފަދަ ބޭފުޅުން ޑިއުޓީ ބަހައިގެން ވެސް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ކޮރިޑޯތަކުގައި ވެސް ތިބެންޖެހިފައިވާ ކަަމަށް ވިދާޅުވިއެެވެ.

"ބައެއް މިނިސްޓްރީތަކުގައި އިށީންނާނެ ތަނެއް ނެތް. ކޮރިޑޯތަކުގައި ކިއުޖެހިފައި ތިބޭކަމަށްވޭ. ޑިއުޓީ ބަހައިގެން މޭޒު ހަވާލުކުރަމުން އެބަދޭ. ގޮނޑި ނެތިގެން. އަންދާޒާ މިހާރު ކުރެވޭ ގޮތުގައި، އެ ބޭފުޅުން މައުލޫމާތު ދެއްވީމާ [ އަސްލު އަދަދު އެނގޭނީ] 1،500އަށްވުރެ ގިނަ ސިޔާސީ މަގާމު މިހާރު ވަނީ އުފައްދައިފައި،" ޞާލިހު ވިދާޅުވިއެވެ.

އެހެންނޫންނަމަ މުސާރައަށް އެހާ ބޮޑު ޚަރަދެއް ކުރަން ނުޖެހޭނެކަމަށާއި ސަރުކާރުގެ ޚަރަދުތަކުގައި ގިނައީ އިސްރާފުކަމަށް ޞާލިހު ވިދާޅުވިއެވެ.

މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ ރާއްޖޭގެ މިސްރާބު ނާމާންވާނެ ކަމަށާއި، ދެން ވެސް ހަދާނީ ހުސް ދޮގުކަމަށެވެ.

މި ސަރުކާރު ވެރިކަމަށް ފުރަތަމަ އައި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ހަދަމުން އަންނަނީ ހުސް ދޮގުކަމަށެވެ. އަދި އިތުރު ފުރުސަތު ދީފި ނަމަ ދެން ވެސް ހަދާނީ ދޮގުކަމަށެވެ.

"އެހެންވީމާ މި ކަންތައްތައް ހުއްޓުވުމަށް ޓަކައި މިއަދު އަޅުގަނޑުމެންނަށް މަސައްކަތް ކުރެވެން އޮތް އެންމެ މުހިންމު ޕްލެޓްފޯމަކީ ރައްޔިތުންގެ މަޖިލިސް،" ޞާލިހު ވިދާޅުވިއެވެ.

މިސްރާބު ހަމަ މަގަށް އަޅުވަން އެމްޑީޕީއަށް މަޖިލިސް ދޭންޖެހޭކަމަށް ޞާލިހު ވިދާޅުވިއެވެ.

comment ކޮމެންޓް