މިދިޔަ އަހަރުގެ ނޮވެމްބަރު ހަތް ވަނަ ދުވަހު 582 ކިލޯގެ މިޔަރު މަހާއި މަޑި މަސް ބޭރުކުރަން އުޅުނީ "ދަ ކްރިސްޓަލް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކުން ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.
ބިޒްނަސް ޕޯޓަލުން އެނގޭ ގޮތުގައި އެ ކުންފުންޏަކީ މަޝްހޫރު ފިލްމު ޑައިރެކްޓަރު ފާތިމަތު ނަހުލާއާއި އޭނާގެ ފިރިމީހާ ހަސަން ސިނާންގެ ކުންފުންޏެކެވެ.
ގިނަ ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ ނަހުލާގެ ފިލްމުތައް އުފައްދަނީ ކްރިސްޓަލް އެންޓަޓެއިންމަންޓްސްއިންނެވެ.
ނޫހަކުން މި މައުލޫމާތަށް އެދުމުން ކަސްޓަމުން ފުރަތަމަ ވަނީ އެ ކުންފުނީގެ ނަން ސިއްރުކޮށްފައެވެ. އެއާއެކު ގިނަ ބައެއްގެ ފާޑުކިޔުން ކަސްޓަމަށް އަމާޒުވިއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު ހަތް ވަނަ ދުވަހު 582 ކިލޯގެ މިޔަރު މަހާއި މަޑި މަސް ބޭރުކުރަން އުޅުނީ ބަންދުކޮށްފައި ހުރި 45 ފޮށިގަނޑުގައެވެ.
ކަސްޓަމުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، މި މައްސަލަ އަދިވެސް އެ އިދާރާއިން ތަހުގީގު ކުރަމުން ދާކަމަށެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، މިދިޔަ މަހުގެ 22ވަނަ ދުވަހު ވަނީ އެތަކެތި ނައްތާލައިފައެވެ.