މިދިޔަ އަހަރުގެ ނޮވެމްބަރު ހަތް ވަނަ ދުވަހު 582 ކިލޯގެ މިޔަރު މަހާއި މަޑި މަސް ހުރީ ކޮންޓެއިނަރަކީ ރީއެކްސްޕޯޓު ކުރި ކޮންޓެއިނަރެއް ކަމަށާއި އެއީ ގަސްތުގައި ކޮށްފައިވާ ކަމެއް ނޫން ކަމަށް އެ ކަން ކުރި ކްރިސްޓަލް އެންޓަޓެއިންމަންޓްސް ކުންފުނީގެ އެއް ވެރިޔާ، ފާތިމަތު ނަހުލާ މިއަދު ބުނެފިއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު ހަތް ވަނަ ދުވަހު 582 ކިލޯގެ މިޔަރު މަހާއި މަޑި މަސް ބޭރުކުރަން އުޅުނީ ބަންދުކޮށްފައި ހުރި 45 ފޮށިގަނޑުގައެވެ. ކަސްޓަމްސް އިން ރޭ ވަނީ އެ ފޮށިގަނޑުތައް ބޭރުުކުރަން އުޅުނީ ކްރިސްޓަލް އެންޓަޓެއިންމަންޓްސް ކުންފުނިން ކަމަށް ބުނެފައެވެ.
އެ ކުންފުންޏަކީ މަޝްހޫރު ދިވެހި ފިލްމު ޑައިރެކްޓަރު ނަހުލާއާއި އޭނާގެ ފިރިމީހާ ހަސަން ސިނާންގެ ކުންފުންޏެކެވެ. ކަސްޓަމްސްއިން ރޭ ކުންފުނީގެ ނަން ހާމަކުރުމުން އެ މައްސާލަގައި ސޯޝަލްމީޑިއާގައި އަންނަނީ ނަހުލާއަށް ފާޑުކިޔުންތައް އަމާޒުވަމުންނެވެ.
އެ ފާޑުކިޔުންތަކާ ގުޅިގެން ނަހުލާ މިއަދު ވަނީ ފޭސްބުކްގައި ޕޯސްޓެއްކޮށް، އެކަން ހިނގި ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ.
އެގޮތުން، އެ ކޮންޓެއިނަރަކީ ބޭރު ކުރަން އުޅެނިކޮށް ހިފެހެއްޓި ކޮންޓެއިނަރެއް ނޫން ކަމަށާއި ކްރިސްޓަލް ކޮމްޕެނީއަކީ ރާއްޖޭން ސިރިލަންކާއަށް ވަރަށް ފުޅާ ދާއިރާއެއްގައި ހިކިމަހާއި ލޮނު މަސް ބޭރުކުރާ ކުންފުންޏެއް ކަމަށް ނަހުލާ ބުންޏެވެ.
އަތޮޅު ތަކުގައި މަސައްކަތް އެ މަސައްކަތް ކުރާ ގިނަ ބަޔެއްގެ މަސައްކަތަށް އެހީތެރިވުމަށް ޓަކައި، އެޑްވާންސްކޮށް ފައިސާ ދީގެން މަސް ބޭރުކުރާ ކަމަށް އޭނާ ބުނެފައިވެއެވެ.
"މި ސީފްރައިޓް ޝިޕްމަންޓް ފުރަތަމަ ބޭރުކުރަން ކަނޑައެޅިފައި ވަނީ 30 ސެޕްޓެމްބަރު [2024] ކަމަށްވާތީ ޝިޕްމަންޓު ރެޑީކުރުމަށް ފަހު 24 ސެޕްޓެމްބަރުގައި އަޅުގަނޑުމެން ޗުއްޓީއަށް ފުރައިގެން ދިޔައީ، ޝިޕްމަންޓު ޕެކުކޮށް ހުރިހާ ކަމެއް ރެޑީކޮށް، [މޯލްޑިވްސް ސްޓޭޓް ޝިޕިން] އެމްއެސްއެސްގެ ސީލް ވެސް [ޖަހައި] އަޅުގަނޑުމެންގެ ކޮމްޕެނީގެ ޒިންމާދާރުވެރިއެއް ކަމަށްވާ އަޒްލީން ހަސަންއާ ހަވާލުކުރުމަށް ފަހުގައެވެ." ނަހުލާ ލިޔެފައިވެއެވެ.
އެކަމަކު، އެމްއެސްއެސްގެ އިން ކޮންޓެއިނާ ގެންދަން ހަމަޖައްސައިގެން ސީލް ވެސް ހަވާލުކޮށް، އެކުންފުނިން ތަކުރާރުކޮށް ގުޅައިގެން ވެސް ޖަވާބެއް ނުދިން ކަމަށާއި އެމްއެސްއެސްއިން ހަނދާން ނެތިގެން ކަމަށް ބުނެ އެ ފަހަރު ފުރީ ޝިޕްމަންޓުނުލާ ކަމަށް ނަހުލާ ބުނެއެވެ.
އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ، ތައްޔާރުކުރި މަހުން ބޮޑު ބަޔެއް ހަލާކުވި ކަމަށާއި ކުޑަ ދުވަސްކޮޅެއް ތެރޭ އެހެން ބޯޓަކަށް ކޮންޓެއިނާ ބަރު ކުރަން ޖެހުނު ކަމަށް އޭނާ ކިޔައިދިނެވެ.
"އޭރު އަޅުގަނޑު ހުރީ ރާއްޖޭން ބޭރުގައި ކަމަށްވުމުން، އަޒްލީންގެ ޒިންމާގެ ދަށުން ރާއްޖޭގެ ރައްޔިތުން އުފައްދާ ތަފާތު އެކި ބާވަތްތަކުގެ ހޮނުމަހާއި ހިކިމަސް ގަނެ، ކުންފުނީގެ މުވައްޒަފުން ލައްވާ ކޮންޓެއިނާ ބަރުކޮށް އަލުން ބޭރު ކުރެވުނެވެ."
އޭގެއިތުރުން، އޭރު ގާތްގަނޑަށް 12 ޓަނުގެ އެ ކޮންޓެއިނާ ފުރުވާލީ ކަސްޓަމްސްއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ހުއްދައިގެ ދަށުން އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނުމުން ކަމަށް އޭނާ ބުންޏެވެ.
ނަހުލާ އިތުރަށް ބުނީ، ލަންކާއަށް ބޯޓު ދިޔުމުގައި އިތުރަށް ޑިލޭވުމާ އެއްކޮށް، މަހުގެ އަގު ވެއްޓުނު ކަމަށާއި އެގައުމުގައި ހުރި މަސް ގަންނަން ހަމަޖެހިފައި ހުރި މީހާ އެއްބަސްވި އަގަށް ބަދަލުގެނައި ކަމަށެވެ.
އެހެންވެ، އަލަށް ކަނޑައެޅި އަގަށް އެއްބަސްނުވެވޭތީ ބޮޑު ގެއްލުމެއް ވިޔަސް ވިޔަފާރީގެ އިންޓެގްރިޓީއަށް ބެލުމަށް ފަހު ކޮންޓެނިއާ އަލުން މާލެ ގެންނަން ނިންމީ ކަމަށް އޭނާ ކިޔައިދިނެވެ.
"މީ ރީއެކްސްޕޯޓުކުރި ކޮންޓެއިނަރެކެވެ. މިއީ ބޭރުކުރަން އުޅެނިކޮށް ހިފެހެއްޓި ކޮންޓެއިނަރެއް ނޫނެވެ. އަދި މީގައި މިޔަރު ނުވަތަ މަޑި މަސް ހުރިކަން އެނގޭނަމަ އަޅުގަނޑުމެން ގަސްތުގައި މި ރީއެކްސްޕޯޓެއް ނުކުރާނެކަން ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ."
އެއާއެކު، ނަހުލާ ވަނީ މިއީ އެކުންފުނިން ގަސްތުގައި ކޮށްފައިވާ ކަމެއް ނޫން ކަމަށާއި ކޮންޓެއިނާގެ މަސައްކަތް ހަވާލުކުރި އަޒްލީން ހަސަން ވެސް އެނގިގެން ކޮށްފައިވާ ކަމެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށް ބުނެފައެވެ.
"އެހެން ނަމަވެސް، މިއީ އެފަރާތުގެ އިހުމާލެއް އޮތް ކަމެއް ކަމަށް މިއަދު ވެސް އެފަރާތުން އެބަ ޒިންމާވޭ. ސަބަބަކީ އަޅުގަނޑުމެންނަކީ މިފަދަ ކަމެއްގައި ބައިވެރިވާނެ ބައެއްކަމުގައި ނުވާތީ އެބޭފުޅާއަށް ނޭނގި ނަމަވެސް މިކަން ހިނގާފައިވާތީ އެފަރާތުން މިކަމުގައި ޒިންމާ ނަގައި، މިކަމާ ހިތާމަކުރާ ކުރާކަން އެނގުމެވެ." އެ ޕޯސްޓުގައިވެއެވެ.
ފިޝަރީސް މިނިސްޓްރީން މަސް ކޮންޓެއިނަރު ޗެކުކުރުމަށްފަހު މިއީ ސީދާ ކޮން ބާވަތެއްގެ މަހެއްކަން ކަށަވަރުކޮށްފައިނުވާ ކަމަށް ނަހުލާގެ ޕޯސްޓުގައި ވަނީ ބުނެފައެވެ.