ވޭޕް މަނާކުރުމުން އެންމެން ކުރަނީ ތައުރީފު، މިހާރު ގޮވާލަނީ ސިނގިރޭޓު މަނާކުރަން

ވޭޕް: ވޭޕް މަނާކުރުމުން އެންމެން ކުރަނީ ތައުރީފު، މިހާރު ގޮވާލަނީ ސިނގިރޭޓު މަނާކުރަން --

ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ނިންމެވި ނިންމެވުމަށް ތާއީދުކޮށް އެތައް ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ތައުރީފު ކުރަމުންނެވެ.

ސާބަހާއި ތައުރީފުން މުޅި ސޯޝަލް މީޑިއާ ފުރާލާފައި ވާއިރު، މިހާރު ރައްޔިތުން ގޮވަމުން ދަނީ ވޭޕާ އެއްގޮތަށް ސިގިރޭޓު ވެސް ރާއްޖެ އެތެރެކުރުން މަނާކޮށްދިނުމަށެވެ.

މި ނިންމެވުމާ ގުޅިގެން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވީ، މިއީ ގައުމުގެ ޒުވާން ޖީލުގެ މުސްތަގުބަލާއި ދުޅަހެޔޮކަމާ ގުޅިފައިވާ ހަރުދަނާ މުހިންމު ނިންމެވުމެއް ކަމަށެވެ.

"ރައީސްގެ މި ނިންމެވުން ދިވެހި ރައްޔިތުން ބަލައިގަންނަނީ ޝުކުރުވެރިކަމާ އެކު،" ނައިބު ރައީސް ލިޔުއްވާފައި ވެއެވެ.

އެ ނިންމެވުމާ ގުޅުވައި ޝައްމާން ކިޔާ މީހަކު އެކްސްގައި ކުރި ޕޯސްޓެއް ގައި ބުނީ، ކިޔަވާ ކުދިންގެ މެދުގައި ވޭޕް ކުރުމުގެ އާދަ ހިފާފައި އޮތް މިންވަރުން އެކަމަށް ފިޔަވަޅު އެޅުން ލަސްވެފައި އޮތް ނަމަވެސް ރައީސްގެ ނިންމެވުމަކީ ދިވެހީން ޝުކުރުވެރިވާން ޖެހޭ ކަމެއް ކަމަށެވެ.

ޝިމާލް ބުނި ގޮތުގައި، ރައީސްގެ ނިންމެވުން ރަނގަޅު ކަމަށް ދެކޭ ކަމަށާއި ސިނގިރޭޓާއި ދުންފަތުގެ ބާވަތްތައް މަނާ ނުކުރާހާ ހިނދަކު މުޖުތަމައުއަށް އެ ނިންމެވުމުގެ މާ ބޮޑު ފައިދާއެއް ނުކުރާނެ ކަމަށް އޭނާ ގަބޫލުކުރެއެވެ.

އޭގެއިތުރުން، އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ނިންމެވުމުގެ ސަބަބުން ރާއްޖޭގެ ސިއްހީ ހާލަތަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އެހެން މީހަކު ކުރި ޕޯސްޓެއްގައި ވަނީ ރާއްޖޭގައި ވޭޕާ އެއްކޮށް ސިނގިރޭޓު މަނާކުރުމަށް ގޮވާލާފައެވެ. އެގޮތުން، އޭނާ ބުނީ، ޒުވާން ދުވަސްވަރުގެ ހަލާކުގެ ފެށުމަކީ ސިނގިރޭޓު ކަމަށާއި ވޭޕް އެކަނި މަނާ ކުރުމުން ހަގީގީ މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށެވެ. އަދި، ސިނގިރޭޓާއި ޝީޝާ އެތެރެކުރުމާ ދެކޮޅު ކަމަށް އޭނާ ބުނެފައިވެއެވެ.

އަމްޖަދު ތައުފީގު ބުނެފައި ވަނީ ރައީސް ނިންމެވުމަކީ 100ގެ ނިންމެވުމެއް ކަމަށާއި އެ ނިންމުން ހެޔޮ ހިތުން ބަލައިގަންނަ ކަމަށެވެ، އެންމެ ދެކެން ބޭނުން ވަނީ ދުންފަތުގެ ވިޔަފާރި މާލެއާއި ރަށްރަށުގައި މަނާކުރާ ދުވަސް ކަމަށް އަމްޖަދު ބުނެފައިވެއެވެ.

އެ ބަވާތްތައް މަނާ ނުކުރެވޭ ނަމަ އިމްޕޯޓު ޑިއުޓީ ބޮޑު ކޮށް، ސިނގިރޭޓު ފޮއްޓެއްގެ އަގު 500ރުފިޔާއަށް ބޮޑު ކުރުމަށް ބުނެ އަމްޖަދު ވަނީ އޭނާގެ ޝުއޫރު ފާޅުކޮށްފައެވެ.

"މަސްތުވާތަކެއްޗަށް ޒުވާން ޖީލު ވައްދަން މިހާރު އެންމެ ބޮޑަށް ބޭނުންކުރާ ވޭޕް ރާއްޖެ އެތެރެ ކުރުން ހުއްޓާލައި މަސްތުވާތަކެތީގެ ވިޔަފާރިއާއި ދެކޮޅަށް ރައީސް ޑރ. މުއިއްޒު ނުކުމެ ވަޑައިގަތުމަކީ ގައުމު ހަމަމަގަށް އަޅުވަން ރައީސް ކުރައްވާ މަސައްކަތުގެ އިހުލާސްތެރިކަން ހާމަވާ ކަމެއް،" ޒުވާން މަސްވެރިޔާ ލިޔެފައި ވެއެވެ.

ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރިކަން ރައީސް ހާމަކުރައްވާފައި ވަނީ އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވަނީ، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރުން ފެށިގެން މަނާ ކުރުމަށް އަންގަވާފައި ވާކަމަށެވެ.

https://sun.mv/197895

އަދި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރު ކުރުމާއި ހިލޭބެހުން މިއަހަރުގެ ޑިސެމްބަރު 15ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައި ވަކަމަށް ރައީސްގެ ޕޯސްޓުގައި ވެއެވެ.

comment ކޮމެންޓް