ފަތުރުވެރިކަމާ ގުޅޭ ޓެކްސްތައް ބޮޑު ކުރުމަކީ ހަމަ ވިސްނުމުގައި ހުރެ ކުރާވަރު ކަމެއް ނޫންކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިޞާދަށް ވަރަށް ބޮޑު ލޮޅުމެއް އަރާނެކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ޓޫރިސްޓުން އަތުން ނަގާ ގްރީން ޓެކްސް ދެ ގުނަކޮށް، ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނަގާ، ޓީޖީއެސްޓީއާއި އެއާޕޯޓް ޓެކްސް ބޮޑުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ.
މިއަދު އެމްޑީޕީމް ބޭއްވި "ހަވަރު ބެރު" ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، ފަސް އަހަރު ފަހުން ފަތުރުވެރިކަމާ ގުޅޭ ޓެކްސް ބޮޑުކުރީ އެމްޑީޕީ ސަރުކާރުގައި ކަމަށެވެ. އެއީ 14 ޕަސަންޓުން 16 ޕަސަންޓަށްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އެ ޓެކްސް އެމްޑީޕީ ސަރުކާރުން ބޮޑުކުރީ ވަރަށް ބޮޑަށް އެކަމާ ވިސްނައި ފިކުރުކޮށްފައި ކަމަށެވެ.
"އެއީ އެ ޓެކްސަށް ބަދަލެއްނައިސް އޮތް އޮތުމާ އެއްކޮށް ވޯލްޑް ބޭންކުން ލަފާދީފައި އެބަ އޮތް އެ ޓެކްސް ބޮޑުކުރަން. އެ ހުރިހާ ކަމެއްގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން ޓެކްސް ބޮޑުކުރީ،" ފައްޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޭރު ޓެކްސް 16 ޕަސަންޓަށް އިތުރުކުރުން ވެސް އެއީ ފަތުރުވެރިކަމަށް ކުރިމަތިވި އުނދަގުލެއް ކަމަށެވެ.
ސަރުކާރުން ހުށަހެޅި ހުށަހެޅުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އޭނާ ވިދާޅުވީ، ގަސްދުގައި އިންޑަސްޓްރީ ފުނޑުފުޑުކޮށްލަން ނޫން ނަމަވެސް، މި ކުރެވޭ ކަމެއްގެ ސަބަބުން ރަނގަޅަށް ކުރިއަށްދާ ހަމައެކަނި ސިނާއަތް ވެސް ހަލާކުވާނެކަމާ ދޭތެރޭ ވިސްނާ ފިކުރުކުރުމުގެ ގާބިލުކަން ވެސް ސަރުކާރުގެ ނެތީކަމަށެވެ.
ރައްޖޭގެ ފަތުރުވެރިކަމާ ވާދަކުރާ ގައުމުތަކުގައި ފަތުރުވެރިކަން ބާރު ސްޕީޑުގައި ކުރިއަރާކަން ފާހަގަކޮށް ފައްޔާޒު ވިދާޅުވީ، އެގައުމުތަކުގައި ޓެކްސްތައް ކުޑަވުމަކީ ރާއްޖެއަށް އޮތް ގޮންޖެހުމެއް ކަމަށެވެ.
ފަތުރުވެރިކަމާ ގުޅޭ ޓެކްސްތައް ބޮޑުކުރުމުން ރާއްޖޭގެ ފަތުރުވެރިކަމަށާއި ރިޒޯޓުތަކަށް ފައިދާއެއް ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
"...މިއީކީ ހަމަމީހުން ކުރާވަރުގެ ކަންތައްތަކެއް ނޫން، ހަމަ ވިސްނުމުގައި ހުރެ ކުރާވަރުގެ ކަންތައްތަކެއް ނޫން. އިގްތިޞާދަސް އަޅުގަނޑަށް ގަބޫލުކުރެވެނީ ވަރަށް ބޮޑު ލޮޅުމެއް އަރާނެއޭ. އަނެއްކާ މިހުރިހާ ކަމެއްގެ މައްޗަށް އެހަކަށްދުވަހު އެ ނެރުނީ ޑޮލަރުގެ ކަންތައް،" ފައްޔާޒު ވިދާޅުވިއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ އިބްރާހީމް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ޓީޖީއެސްޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަ 16 ޕަސެންޓް، އަންނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ޕަސެންޓަށް ބޮޑު ކުރުމަށެވެ.
އަދި ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބު ހުށަހެޅި އިސްލާހުގައިވަނީ އަންނަ ޑިސެމްބަރު މަހުން ފެށިގެން ޑިޕާޗާ ޓެކްސް ބޮޑުކުރަން ހުށަހަޅައިފައެވެ.
މީގެ އިތުރުން، އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ވެސް ބޮޑުކުރަން ވަނީ ހުށަހަޅައިފައެވެ.