ރާއްޖޭގައި ކެންސަރު ބަލި ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާއިރު، އެ ބަލި ޖެހިފައިވާ މީހުންގެ ދަފުތަރަށް އަހަރެއްހާ ދުވަހުގެ ތެރޭގައި 200 މީހުން އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިރޭ ބުނެފިއެވެ.
މާދަމާ ފާހަގަކުރާ ބައިނަލްއަގުވާމީ ކެންސަރު ދުވަހާ ގުޅުވައި، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތް ކޯޑިނޭޓަރު އަހްމަދު މުއާޒު އާދަމް ވިދާޅުވީ ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާކުރާ މީހުންގެ ނިސްބަތް ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާއިރު، އޭގެ ތެރޭގައި ޒުވާން އުމުރުގެ މީހުން ވެސް ހިމެނޭ ކަމަށެވެ.
ރާއްޖޭގައި ވެސް ގައިންގަޔަށް ނާރާ ބަލިތައް، ޚާއްސަކޮށް ކެންސަރަށް ހުށަހެޅެނީ ދުންފަތުގެ އިސްތިއުމާލު ކުރުމުންނާއި ދުފުމުގެ ސަބަބުންކަން މުއާޒު ފާހަގަ ކުރެއްވިއެވެ. އޭގެ ސަބަބުން ރާއްޖޭގައި ފުއްޕާމޭގެ ކެންސަރު ވެސް މިހާރު ވަރަށް އާންމު ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރު ރާއްޖޭގައި ކެންސަރަށް ފަރުވާކުރާ 1،400އަށްވުރެ ގިނަ މީހުން ރިކޯޑު ކުރެވިފައިވާއިރު، މި އަހަރުގެ މިހާތަނަށް 1،600އަށްވުރެ ގިނަ މީހުން ކެންސަރަށް ފަރުވާ ކުރާ ކަމަށް ރިކޯޑުތަކުން ދައްކާ ކަމަށް މުއާޒު ވިދާޅުވިއެވެ.
އެއީ ހޮސްޕިޓަލުތަކުން އެއްކުރެވިފައިވާ މައުލޫމާތުތަކަށް ބިނާކޮށް ފެންނަން ހުރި އަދަދުތަކެވެ. ކެންސަރު ބަަލީގެ ތަފާސްހިސާބުތައް އެކުލަވައިލުމުގެ މަސައްކަތް މިދިޔަ ދެ އަހަރުން ފެށިގެން އެޗްޕީއޭއިންދަނީ ކުރަމުންނެވެ.
މުއާޒު ވިދާޅުވީ އިތުރު މައުލޫމާތު އެއްކުރުމަށްފަހު ނަންބަރުތަކަށް ބަލާއިރު، ކެންސަރަށް ފަރުވާ ކުރާ މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
"އަސްލު މީގައި ފާހަގަކޮށްލަން ބޭނުންވާ ކަމަކީ، އަޅުގަނޑުމެން ރެޖިސްޓްރީ ގާއިމްކުރިއިރު މިއަދާ ހަމަޔަށް ވެސް ގާތްގަނޑަކަށް 1،600އަށްވުރެ ގިނަ ކެންސަރު ޕޭޝަންޓުން ވަނީ ރެޖިސްޓްރީވެފައި. އަހަރުން އަހަރަށް އަދަދުތައް އިތުރުވާއިރުގައި ޔަންގް އޭޖުގައި ކެންސަރު ޖެހުމުގެ އަދަދުތައް ވެސް އެބަހުރި ފެންނަން،" މުއާޒު ވިދާޅުވިއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުފުމުގެ ނުރަނގަޅު އާދައަކީ ރާއްޖޭގައި ވަރަށް ބޮޑަށް އާންމުވެފައިވާ ދެ ކަމެވެ. މި ކަންކަމަށް ހުށަހެޅި، އާދަ އަށަގަންނަނީ ޅައުމުރުން ފަށައިގެންނެވެ. މި ދެ ކަމަކީ ވެސް ކެންސަރާއި އެ ނޫން ވެސް ގައިންގަޔަށް ނާރާ ނުރައްކާތެރި ބަލިތަކަށް ހުށަހެޅުމަށް މަގުފަހި ކުރުވާ ދެކަމެވެ.
އެހެން ކަމުން، ރަނގަޅު ކާނާ ކެއުމާއި، ހެލިފެލިވެ އުޅުމާއި، ދުންފަތާއި ދުފުމުގެ ނުރަނގަޅު އާދައިން ދުރުވުމަކީ ކެންސަރުން ރައްކާތެރިވެ ހުރުމަށް މަގުފަހިކޮށްދޭ ކަންތައްތައްކަން މުއާޒު ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގެ ސިއްޙީ ދާއިރާގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ގައިން ގަޔަށް ނާރާ ބޮޑެތި ބަލިތައް ރާއްޖޭގައިވެސް އަންނަނީ އިތުރުވަމުންނެވެ. ރާއްޖޭގައި މަރުވާ މީހުންގެ ނިސްބަތުން 84 އިންސައްތަ މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންކަން ތަފާސް ހިސާބުތަކުން ދައްކައެވެ.
މި މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ވަނީ ރާއްޖޭގައި ވޭޕު މަނާކޮށް، ސިނގިރެޓުން ނަގާ ޑިއުޓީ ބޮޑުކޮށްފައެވެ. އެއާއެކު ސިނގިރެޓުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.