ސައްހަ ނޫން 500 ރުފިޔާގެ ނޫޓެއް މާރުކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

500 ރުފިޔާގެ ނޫޓެއް -- ސަން ފޮޓޯ: އިބްރާހިމް އިފާޒް

ސައްހަ ނޫން 500 ރުފިޔާގެ ނޫޓެއް މާރުކުރަން އުޅުނު މީހަކު ކޯޓު އަމުރެއްގެ ދަށުން ތިން ދުވަހަށް މިއަދު ބަންދުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ މާލޭ މ. ރަތްލިލީގޭ އުމުރުން 54 އަހަރުގެ އަބްދުﷲ ސައީދެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ވަނީ އޭނާ ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ ކޮންމެ ވެސް މިންވަރެއްގެ ހެކި ހުށަހެޅިފައިވާ ކަމަށެވެ. އެ ގޮތުން ސައްހަ ނޫން 500 ރުފިޔާގެ ނޫޓެއް ކެފޭއަކުން މާރުކުރުމަށް އޭނާ މަސައްކަތް ކޮށްފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.

މި ކަމާ ގުޅިގެން ސައީދު ބުނެފައިވަނީ އެއީ މީހަކު އޭނާ ގާތަށް އައިސް ކޮށްދޭށޭ ބުނުމުން ކޮށްދިން ކަމެއް ކަމަށާއި، އެއީ ވަގު ނޫޓެއްކަން ނޭނގޭ ކަމަށެވެ.

ކޯޓު އަމުރުގައިވާ ގޮތުން އޭނާ ބަންދުކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައެވެ.

ދޭތެރެ ދޭތެރެއިން ސައްހަ ނޫން ފައިސާގެ ނޫޓުތައް ރާއްޖޭގައި ދައުރު ކުރެއެވެ.

ރާއްޖޭގައި ކުރިން ބޭނުން ކުރަމުން އައީ 1983ގައި އުފަންކުރި ނޫޓުތަކެކެވެ. އޭގެ ފަހުން 2015ވަނަ އަހަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެމްއެމްއޭއިން ވަނީ "ރަންދިހަ ފަހެއް"ގެ ނަމުގައި އައު ނޫޓު ސީރީޒްއެއް ތައާރަފުކޮށްފައެވެ.

މި ނޫޓްތަކުގައި އެކުލެވޭ ބައެއް ސެކިއުރިޓީ ފީޗާސްތަކުގެ ތެރޭގައި އަލްޓްރާ ވައިލެޓް އަލި އެޅުވުމުން ސީރިއަލް ނަމްބަރު ދިލުމުގެ އިތުރުން، އަލްޓްރާ ވައިލެޓް އަލީގައި ނޫޓްގެ މޫނުމަތީ އަގު ގޮޅިއެއްގައި ދިއްލިފައި ހުންނާނެއެވެ.

comment ކޮމެންޓް