އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާ ކަމަލާ ހެރިސް އޭނާގެ މެޑިކަލް ރިޕޯޓު އާންމުކުރައްވައި އިދިކޮޅު ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަށް ޕްރެޝަރު ކުރައްވައިފިއެވެ.
ވައިޓް ހައުސްއިން އާންމުކުރި އެ ރިޕޯޓުގައިވާ ގޮތުން ކަމަލާގެ ޞިއްޙީ ހާލަތު ވަރަށް ރަނގަޅެވެ. އަދި ރައީސްކަމުގެ މަގާމަށް އެކަށީގެންވާ ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.
ކަމަލާ އެކަން ކުރެއްވީ ޓްރަމްޕްގެ ޞިއްޙީ މައުލޫމާތު ހާމަކުރެއްވުމަށް ޕްރެޝާކުރެއްވުމުގެ ގޮތުންނެވެ. ޓްރަމްޕަކީ ކަމަލާއަށްވުރެ އުމުރުން 20 އަހަރު ދޮށީ ބޭފުޅެކެވެ.
ރިޕޯޓު އާންމުކުރެއްވުމަށްފަހު ކަމަލާ ވަނީ ޓްރަމްގެ ސިއްޚަތާ ގުޅިގެން އެއްވެސް ރިޕޯޓެއް ނުނެރުމަކީ ޓްރަމްޕްގެ ހާމަކަން ކުޑަކަން ނުވަތަ ޓްރާންޕޭރެންސީއެއް ނެތްކަން ހާމަވާ ކަމެއް ކަމަށް ތުހުމަތުކުރައްވާފައެވެ.
އަދި ރައީސް ކަމަށް ފިޓްތޯ ނުވަތަ ނޫންތޯ އެމެރިކާގެ ރައްޔިތުންނަށް ޓްރަމްޕް ދައްކަން ބޭނުންނުވާ ކަމަށްވެސް ކަމަލާ ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ޓްރަމްޕްގެ ކެމްޕޭނުން ބުނީ ޓްރަމްޕް ވެސް ހުރީ ރަނގަޅު އަދި ފުރިހަމަ ސިއްޚަތެއްގައި ކަމަށެވެ. އަދި ކަމަލާގެ ކިބައިގައި ގައުމު ހިންގެވުމަށް ބޭނުންވާ ބާރު ނެތް ކަމަށް ތުހުމަތުކޮށްފައިވެއެވެ.
ތިން އަހަރަށް ވުރެ ގިނަ ދުވަހު ހެރިސްގެ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ އެމެރިކާ ސިފައިންގެ ކާނަލް ޑރ ޖޯޝުއާ ސިމަންސް ލިޔުއްވާފައިވާ ކަމަލާގެ އެ ރިޕޯޓުގައިވާ ގޮތުން އޭޕްރީލް މަހު ހެދި ކަމަލާގެ މެޑިކަލް ޓެސްޓުތަކުން އެއްވެސް ކަމެއް ފާހަގަވެފައެއްނުވެއެވެ. އޭނާއަކީ ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް އުޅުއްވާ ބޭފުޅެއް ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.
ތަފްސީލީ ރިޕޯޓެއްގައި، ސިމަންސް ވިދާޅުވެފައިވަނީ ކަމަލާއަށް މޫސުމީ އެލާޖީތަކާއި ބަލިތައް ޖެހޭ ކަމަށާއި، މިކަން ބޭހުން ކޮންޓްރޯލްކުރެވޭ ކަމަށެވެ. މީގެ އިތުރުން، ކަމަލާ އަކީ ކައިރި ފެނުމުގެ މައްސަލަ ކުޑަކޮށް ހުރި ބޭފުޅެއް ކަމަށާއި އެހެންވެ ކޮންޓެކްޓް ލެންސް ބޭނުންކުރައްވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
އުމުރުން 78 އަހަރުގެ ޓްރަމްޕްގެ ޖިސްމާނީ ސިއްޚަތާއި ސިކުނޑީގެ ހާލަތު އާންމުންގެ ސަމާލުކަމަށް ގެންނަން އުމުރުން 59 އަހަރުގެ ކަމަލާގެ ކެމްޕޭނު ޓީމުން ދަނީ މަސައްކަތްކުރަމުންނެވެ. ނަމަވެސް މިހާތަނަށްވެސް ޓްރަމްޕް ވަނީ ތަފްސީލީ މެޑިކަލް މައުލޫމާތެއް ހާމަކުރުމަށް އިންކާރު ކުރައްވާފައެވެ.
ހެރިސް ކެމްޕޭނުގެ ޕްރެޝަރަށް ރައްދު ދެއްވަމުން ޓްރަމްޕްގެ ކެމްޕޭންގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ސްޓީވަން ޗެއުންގް ވިދާޅުވީ ޕެންސިލްވޭނިއާގެ ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު ފަހުން އޭނާގެ ޕާސަނަލް ފިޒިޝަނާއި ފަރުވާ ދިން ޑޮކްޓަރުގެ އަޕްޑޭޓްތައް އާންމުކޮށްފައިވާނެ ކަމަށެވެ. އަދި މިދިޔަ އަހަރު ނޮވެމްބަރު މަހު އާންމުކޮށްފައިވާ ޓްރަމްޕްގެ މެޑިކަލް ރިޕޯޓެއްގެ ވާހަކަވެސް ޗެއުންގް ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް އެ ރިޕޯޓުގައިވެސް ޓްރަމްޕްގެ ސިއްޚަތާބެހޭ މާބޮޑު ތަފްސީލެއް ދީފައެއްނުވެއެވެ.
އަންނަ މަހު ފަސް ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި 78 އަހަރުގެ ޓްރަމްޕް އަނެއްކާވެސް ރައީސް ކަމަށް އިންތިޚާބުވެއްޖެނަމަ ޓްރަމްޕް ވެގެންދާނީ އެމެރިކާގެ ތާރީޚުގައި ވެސް ދެވަނަ ދައުރެއް ނިންމާލާ އެންމެ ދުވަސްވީ ބޭފުޅާއަށެވެ.
ރިޔާސީ އިންތިޚާބުގެ ޕޯލްތަކުން ދައްކާގޮތުގައި ރިޔާސީ ރޭހުގައި ކުރީގައި އުޅުއްވަނީ ކަމަލާއެވެ.