ސީރިއާގެ ލީޑަރު ހައްޔަރުކުރަން ހުށަހެޅި 10 މިލިއަން ޑޮލަރު އިނާމު އަނބުރާ ގެންގޮސްފި

ސުރިއާގެ އިދިކޮޅު ލީޑަރު އަބޫ މުހައްމަދު އަލް ޖުލާނީގެ ނަމުން ވެސް މަޝްހޫރު އަހުމަދު އަލް ޝަރުޢާ: އޭނާއަކީ ހައްޔަރު ކުރުމަށް އެމެރިކާއިން ހުށަހެޅި އިނާމު ވަނީ އުވާލާފައި، -- ފޮޓޯ/އޭއެފްޕީ

ސީރިއާގެ އާ ލީޑަރު އަހުމަދު އަލް ޝަރުޢާ ހައްޔަރުކޮށްދޭ މީހަކަށް 10 މިލިއަން ޑޮލަރުގެ އިނާމެއް ދިނުމަށް އެމެރިކާއިން ކަނޑައަޅާފައި އޮތް ނަމަވެސް އެ ހުށަހެޅުން އަނބުރާ ގެންގޮސްފިއެވެ.

އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ނިއާ އީސްޓަން އެފެއާޒް ބާބަރާ ލީފް އެގޮތަށް އިއުލާން ކުރެއްވީ ދިމިޝްޤުގެ އާ ލީޑަރުންނާ ވާހަކަދެއްކުމަށް ހުކުރު ދުވަހު ދިމިޝްޤަށް ޒިޔާރަތްކުރެއްވުމަށްފަހުއެވެ.

މިއީ ހަޔާތު ތަހުރީރު އަލް ޝާމް (އެޗްޓީއެސް) ގްރޫޕް އިސްކޮށްއޮވެ، މި މަހުގެ ކުރީކޮޅު ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު ވެރިކަމުން ދުރުކުރި ފަހުން އެމެރިކާގެ ޑިޕްލޮމެޓުން ސީރިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ލީފް ވިދާޅުވީ އެމެރިކާއިން އެގޮތަށް ނިންމީ ހުކުރު ދުވަހުގެ މަޝްވަރާތަކުގައި އުއްމީދީ ވާހަކަތަކެއް އަޑު އިވުމުން ކަމަށެވެ.

"އަޅުގަނޑުމެން ފުރިހަމައަށް ތާއީދުކުރަނީ އަންހެނުން ހިމެނޭ ގޮތަށް ސީރިއާގެ ތަފާތު ނަސްލީ އަދި ދީނީ ޖަމާއަތްތަކުގެ ޙައްގުތަކަށް އިހުތިރާމްކުރާ ސަރުކާރަކަށް،" ލީފް ވިދާޅުވިއެވެ.

އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާއިން ބޭނުންވަނީ ސީރިއާގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ގެއްލުނު އެމެރިކާގެ ބައެއް މީހުންނަށް ވީގޮތް ހޯދުމަށެވެ. އޭގެތެރޭގައި 2012 ވަނަ އަހަރު ދިމިޝްޤު ކައިރިން ގެއްލުނު އެމެރިކާގެ ނޫސްވެރިޔާ އޮސްޓިން ޓައިސްއާ ބެހޭ މައުލޫމާތު ވެސް ހިމެނެއެވެ.

މީގެ އިތުރުން ސީރިއާގައި އެމެރިކާގެ ގާތްގަނޑަކަށް 2،000 ސިފައިން ތިބި ކަމަށް އެމެރިކާއިން ވަނީ އެއްބަސްވެފައެވެ. އެއީ ކުރިން ލަފާކުރި އަދަދަށް ވުރެ ދެގުނަ އިތުރު އަދަދެކެވެ.

އައިއެސް ބަލިކުރުމުގެ މަގުސަދުގައި އެމެރިކާއިން ސީރިއާއަށް ސިފައިން ފޮނުވަން ފެށީ 2014 ވަނަ އަހަރެވެ.

އެޗްޓީއެސްއާއެކު ވާހަކަތައް ދެއްކި ނަމަވެސް 2018 ވަނަ އަހަރު އެމެރިކާއިން ވަނީ އެ ޖަމާއަތަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ކަނޑައަޅާފައެވެ. އަބޫ މުހައްމަދު އަލް ޖުލާނީގެ ނަމުން ވެސް މަޝްހޫރު އަލް ޝަރުޢާއަކީ އެ ޖަމާއަތުގެ ލީޑަރެވެ. އަދި އެމެރިކާއިން އެޗްޓީއެސް ޓެރަރިސްޓް ޖަމާއަތެއްކަމުގައި ކަނޑައަޅާފައި ވަނީ އަލް ޤައިދާއާ ގުޅިފައިވާ ކަމަށް ތުހުމަތުކޮށެވެ.

comment ކޮމެންޓް