ނިޔުޔޯކް (21 ނޮވެންބަރު 2024): އީރާނަކީ އެމެރިކާގެ މަސްލަހަތާ އެއްގޮތަށް މަސައްކަތްކުރާ ގައުމަކަށް ހެދުމަށް ޓަކައި އެގައުމާ ދެކޮޅަށް އެތައް އަހަރެއް ވަންދެން އެމެރިކާ މަސައްކަތްކުރި ކަމަށާއިއި ނަމަވެސް އެކަން ކާމިޔާބު ވެފައިނުވާކަމަށް އެގައުމުގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން އެއްބަސްވެވަޑައިގެންފިއެވެ.
ނިއުޔޯކްގައި ހުންނަ އެމެރިކާގެ ޚާރިޖީ ސިޔާސަތާބެހޭ ކައުންސިލްގައި ވާހަކަ ދައްކަވަމުން ބްލިންކެން ވިދާޅުވީ އަރަބި ގައުމުތަކެކޭ އެއްގޮތަށް އީރާނަކީ އެމެރިކާގެ މަސްލަހަތާ އެއްގޮތަށް ސިޔާސަތު ބައްޓަންކުރާ ގައުމަކަށް ހެދުމަށް އެމެރިކާ ރޭވުންތަކެއް ރޭވި ކަމަށެވެ. މި ރޭވުންތަކުގެ ދަށުން އެމެރިކާ މަސައްކަތްކުރި އެއްކަމަކީ އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް އެމެރިކާއަށް ތާއީދުކުރާ ވެރިކަމުގެ ނިޒާމެއް އީރާނުގައި ގާއިމް ކުރެވޭތޯ ބެލުމެވެ.
މިކަމަށް ވިއްސަކަށް އަހަރު މެދުކެނޑުމެއްނެތި އެމެރިކާ މަސައްކަތްކުރިކަމަށާއިއި ނަމަވެސް ނަތީޖާ ނުނެރެވުނުކަމަށް ބްލިންކެން ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ދެވަނަ ކަމަކަށް އެމެރިކާކުރި ކަމަކީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅައި އީރާނަށް މެކްސިމަމް ޕްރެޝަރު ކޮށްގެން އީރާނުގެ ސިޔާސަތު ބަދަލުކުރެވޭތޯ ބެލުމެވެ. މިކަންވެސް އަދި ކާމިޔާބު ވެފައިނުވާކަމަށް ބްލިންކެން ވިދާޅުވިއެވެ.
1980 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް މިކަން ކުރަމުން ގެންދާކަމަށާއިއި ނަމަވެސް މިކަމުންވެސް އެމެރިކާ ބޭނުންވި ނަތީޖާ ހާސިލް ނުކުރެވޭ ކަމަށް ބްލިންކެން އެއްބަސްވެ ވަޑައިގެންނެވިއެވެ.
ބްލިންކެން ވިދާޅުވިގޮތުގައި އީރާން އޮންނަ ސަރަހައްދަކީ ޖިއޮޕޮލިޓަލް ގޮތުން އެމެރިކާއަށް ވަރަށް މުހިއްމު ސަރަހައްދެކެވެ. އީރާނުގައި އޮތް އެމެރިކާއަށް ވާގިވެރިވާ ޝާހު މުހައްމަދު ރިޒާގެ ޚުދުމުޚްތާރު ޕަޕެޓް ސަރުކާރު ވައްޓާލީ 1979 ވަނަ އަހަރު އީރާނުގެ ރައްޔިތުން ޝާހުގެ ނިޒާމާ ދެކޮޅަށް އުތުރުއެރުމާއެކު އާޔަތުﷲ ޚުމައިނީގެ ޒައާމަތުގައި އީރާނަށް އިސްލާމީ އިންގިލާބެއް ގެނަސްގެންނެވެ.
އެއަށްފަހު އީރާނުގެ ސިޔާސަތު 180 ޑިގްރީ އެމެރިކާއާ ދެކޮޅަށް އަނބުރާލިއެވެ. އީރާނުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބަންދުކުރިއެވެ. އިސްރާއީލާއެކު ޝާހުގެ ސަރުކާރުން ބާއްވަމުން ގެންދިޔަ ގުޅުންތައް ކަނޑާލައި އީރާނުން ފަލަސްތީނާ ގުޅުންތައް ގާއިމްކުރިއެވެ.
އިސްރާއީލަކީ މެދުއިރުމަތީގައި ހުޅަނގުން އުފައްދާފައިވާ ޣައިރު ގާނޫނީ އެންޓީޓީ އެއްކަމާއި އިސްރާއީލަކީ ނައްތާލަންޖެހޭ ކެންސަރު ސެލްއެއްކަމަށް ސިފަކުރިއެވެ. އަދި އެމެރިކާއަކީ ދުނިޔޭގެ އެންމެ ބޮޑު ޝައިތާންކަމާއި ޔޫރަޕްގެ ގައުމުތަކަކީ އެމެރިކާގެ ވަށައިގެން އެނބުރޭ ކުދި ޝައިތާނުންގެ ގޮތުގައި އީރާނުން ސިފަކުރިއެވެ.
ޝާހު ބާރުގެ ބޭނުންކޮށްގެން އީރާނުގެ އެތައް ސަތޭކަ ބަޔަކު މެރިނަމަވެސް އެންމެ ފަހުން ޝާހަށް ޖެހިވަޑައިގަތީ އެމެރިކާ ސިފައިންގެ އެހީގައި އީރާނުން ފިއްލަވައިގެން ބޭރަށް ވަޑައިގަތުމަށެވެ. މިކަމަށް ބަދަލު ހިފުމުގެ ގޮތުން އީރާނުގެ ކިޔަވާކުދިންގެ ބަޔަކު ތެހެރާންގައި ހުންނަ އެމެރިކާ އެންބަސީއަށް ވަދެގަނެ އެތަނުގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުން ރަހީނުންގެ ގޮތުގައި ހިފެހެއްޓިއެވެ. މިމައްސަލަ ހައްލުކުރެވުނީ ވަރަށް ދުވަހުންނެވެ.
އީރާނުގެ ވެރިކަމުގެ ނިޒާމަށް ބަދަލާ ގުޅިގެން 1980 ވަނަ އަހަރުކުރީކޮޅު އެމެރިކާ އީރާނާ ގުޅުންތައް ކަނޑާލައި އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިއެވެ. އަދި އީރާނަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްކަމަށް އެމެރިކާ ސިފަކުރިއެވެ.
އެއަށްފަހު 1981 ވަނަ އަހަރު ގަލްފުގެ އަރަބި ގައުމުތަކުގެ މާލީ އެހީގައި އިރާގުން ސައްދާމް ހުސައިންގެ ޒަޢާމަތުގައި އީރާނާ ދެކޮޅަށް ހަނގުރާމަ ފެށިއެވެ. 1988 ވަނަ އަހަރާ ހަމައަށް ދިގުލައިގެން ދިޔަ މިހަނގުރާމައިގެ ބޭނުމަކީ އީރާނުގެ އިސްލާމީ އިންގިލާބު ނާކާމިޔާބު ކޮށްލައި އެމެރިކާގެ ޕަޕެޓް ނިޒާމެއް އަލުން އީރާނަށް ގެނައުންކަމަށް ބެލެވޭއިރު މިހަނގުރާމައިގެ އަޑީގައި އޮތްކަމުގެ ތުހުމަތު އީރާނުން ކޮށްފައިވަނީ އެމެރިކާގެ މައްޗަށެވެ.
މިހަނގުރާމައިންވެސް އީރާނުގެ ވެރިކަން ބަދަލުކުރެވޭ ގޮތެއްނުވިއެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް އީރާންވަނީ ހަތިޔާރުގެ ވަރުގަދަ އިންޑަސްޓްރީ އެއް ތަރައްގީކޮށްފައެވެ. އަދި ނިއުކްލިޔާ ގާބިލްކަންވެސް ހޯދާފައެވެ. އަދި އަމިއްލަ ޓެކްނޮލޮޖީއާއި ޗައިނާގެ ޓެކްނޮލޮޖީއާއެކު އީރާންވަނީ އެގައުމުގެ މަދަނީ އިންފްރާސްޓްރަކްޗަރ ވެސް ވަރަށް ބޮޑަށް ތަރައްގީކޮށްފައެވެ.
ބްލިންކެން ވިދާޅުވިގޮތުގައި ދުނިޔޭގެ މަސްރަހަށް އައި ބޮޑެތި ބަދަލުތަކާއެކު ކުރިޔާ ޚިލާފަށް އީރާނަށް ވާގިވެރިވާ ބޮޑެތި ބާރުތަކެއް މިއަދު އެބަތިއްބެވެ. އެއީ އެމެރިކާއާ ދެކޮޅަށް ފާޅުގައި މަސައްކަތްކުރާ ބޮޑެތި ބާރުތަކެވެ. ނަމަވެސް ޗައިނާއާއި ރަޝިއާގެ ނަން ސީދާގޮތެއްގައި އޭނާ ފާހަގައެއް ނުކުރައްވައެވެ.
އެހެންކަމުން އީރާނަށް ވާގިވެރިވާނެ ފަރާތެއް ނެތްޒަމާނުގައި ނުކުރެވުނު ކަމެއް ދެން ކުރަން ދަތިވާނެކަން ހާމަވާގޮތަކަށް ބްލިންކެންވަނީ ވާހަކަ ދައްކަވާފައެވެ. ބްލިންކެން ވިދާޅުވިގޮތުގައި އީރާނުގެ ވެރިކަމުގެ ނިޒާމާ އިދިކޮޅު އީރާނުގެ ބަޔަކު އެމެރިކާ ދައްކާ ވާހަކަތައް އަޑުއެހިނަމަވެސް އީރާނުގައި އީރާން ސަރުކާރާއި އެގައުމުގެ މުއައްސަސާތަކުގެ ބާރުގަދަކަމުން އީރާނުގެ އެތެރޭގައި ފާއިތުވި ސާޅީހަކަށް އަހަރު ތެރޭގައިވެސް އެމެރިކާއަށް މާބޮޑު ކަމެއް ކުރެވިފައެއް ނުވެއެވެ.
ބޭރުގައުމުތަކުގައި ހުންނަ އީރާނުގެ ޑިޕްލޮމެޓިކް މިޝަންތައް މެެދުވެރިކޮށްވެސް ސިއްރިޔާތުގައި އީރާނާބެހޭ މައުލޫމާތު ހޯދަން އެމެރިކާ މަސައްކަތްކުރި ނަމަވެސް އެކަންވެސް ކުރެވޭނެ ގޮތްވަނީ ނުވެފައެވެ. އެމެރިކާއަށް ވާގިވެރިވާ ފަރާތްތަކަށް އީރާނުން މަރުގެ އަދަބު ފަދަ ހަރުކަށި އަދަބުތައް ދިނުމަކީ އެމެރިކާއަށް ވާގިވެރިވުމަށް އީރާނުގެ އިދިކޮޅު މީހުން ވަރަށް ބޮޑަށް ބިރުގަންނަ ކަމެއްކަމަށް ބްލިންކެން ވިދާޅުވިއެވެ.
ސޫރިޔާގެ ވެރިކަން ބަދަލުކުރަން އެމެރިކާ މަސައްކަތްކުރުމުގެ މައިގަނޑު ސަބަބަކީވެސް އީރާނާއި ސޫރިޔާއާ ދެމެދުގައި އޮތް އީރާނުގެ ނުފޫޒު ކަނޑުވާލުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަންކުރީ ބައްޝާރަކީ ޚުދު މުޚްތާރު ވެރިއަކަށްވާތީ ކަމަށް އެމެރިކާ އަޑުއެރުވި ނަމަވެސް އެމެރިކާ ތާއީދުކުރާ މިސްރާއި ގަލްފުގެ ގައުމުތަކުގައިވެސް ތިބީ ޚުދުމުޚްތާރު ވެރިންނެވެ.
މި ޚުދުމުޚްތާރު ވެރިންނަކީ އެމެރިކާގެ މަދަދުލިބޭ އެމެރިކާ ވާގިވެރިވާ ވެރިންނެވެ. އަރަބި ރަބީއުގެ އޮއިވަރުގައި މިސްރަށް އައި ބަދަލާއެކު އެގައުމުގައި އުފެދުނު ޑިމޮކްރެޓިކް ނިޒާމު ވައްޓާލުމުގެ ފަހަތުގައިވާ ކަމުގެ ތުހުމަތު ކުރެވިފައިވަނީވެސް އެމެރިކާގެ މައްޗަށެވެ.
ޑިމޮކްރެޓިކް ވެރިކަމެއް ނަމަވެސް މިސްރުގައި އުފެދުނު ވެރިކަމުގެ ނިޒާމަކީ އެމެރިކާއާއި އިސްރާއީލުގެ މަސްލަހަތާ އިދިކޮޅު ނިޒާމެއްކަމަށް އެމެރިކާ ދެކެއެވެ. ގަލްފުގެ ގައުމުތަކުގެ ނިޒާމުތަކަކީ ޚުދުމުޚްތާރު ނިޒާމުތަކެއްކަމަށް ވިޔަސް އެނިޒާމުތަކަށް އެމެރިކާ ތާއީދުކުރަނީ އެއީ އެމެރިކާއާއި އިސްރާއީލުގެ މަސްލަހަތާ އެއްގޮތަށް މަސައްކަތްކުރާ ނިޒާމުތަކަކަށް ވާތީކަމަށް މުހައްލިލުން ދެކެއެވެ.