ބޭނުންވާ ހުރިހާ އެއްބާރުލުމެއް ސަރުކާރުން ލިބޭ، މަސައްކަތް ކުރަނީ އެންމެންނާ ގުޅިގެން: އާޒިމް

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް -- ފޮޓޯ/ އެމްޑީޕީ

މާލޭ ސިޓީ ކައުންސިލް ހިންގުމަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް ސަރުކާރުގެ ފަރާތުން ލިބޭކަމަށާއި، މަސައްކަތް ކުރަނީ އެންމެންނާ ގުޅިގެން ރަހުމަތްތެރިކަމާއެކު ކަމަށް މާލޭސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ، އިދިކޮޅު އެމްޑީޕީން މިއަދު ކުޅުދުއްފުށީ ސިޓީގައި ކުރިއަށްގެންދާ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސްގައި ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ، މިވަގުތު ކައުންސިލްތެރޭގައި ދަތިވާ އެއްވެސް ކަމެއް ނެތްކަމަށާއި ކައުންސިލުން އެދޭކަންކަން ސަރުކާރުން ކޮށްދެމުން ގެންދާކަމަށެވެ.

"އަޅުގަނޑު ކޮންސަލްޓަންޓުން ނަގަން ބޭނުންވީމަ 15 ކޮންސަލްޓެންޓުން ނަގައިގެން، ހަމަ އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުން އެތިބީ ވެސް [ކޮންސަލްޓަންޓުންގެ ގޮތުގައި]. އެކަކު ނޫނީ،" އާޒިމް ވިދާޅުވިއެވެ.

އޭނާ ސިޓީ ކައުންސިލާ ހަވާލުވީފަހުން ކުރެވިފައިވާ މަސައްކަތްތައް ފާހަގަކޮށް އާޒިމް ވިދާޅުވީ، އާސަހަރާގެ ކަންކަން ވެސް ނިންމިފައި ވާކަމަށެވެ. އަދި ބުޅާ ފެސިލިޓީގެ މަސައްކަތް ވެސް އަންނަ ނޮވެމްބަރު މަހަށް ނިންމޭނެކަމަށް އާޒިމް ވިދާޅުވިއެވެ.

މާލޭގެ ފެނުގެ މައްސަލަ ވެސް "ގޮސް އެންމެންނަށް ކޮށައިގެން މަޑުމަޑުން އިނދެގެން ފަހަރަކު މިނިސްޓްރީއަކަށް ވައްދައިގެން އުޅެމުން ގޮސް" ވަރަށް ބޮޑުބައި ނިމިއްޖެކަމަށް އާޒިމް ވިދާޅުވިއެވެ.

"އެހެންވީމަ އެގޮތަށް ވަގުތުދީގެން އެންމެންނާ ގުޅައިގެން ރަހުމަތްތެރިކޮށް އުޅެގެން މިކަންތައްތައް މިވަނީ، އެއީ ދެން މިކަން ހިނގަމުންދާ ގޮތަކީ،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިނިސްޓްރީތަކުގައި ކަންކަމަށް އެދޭއިރު އެންމެ ސަމާލުކަން ދެނީ ރައްޔިތުންނާ ގުޅުންހުރި އެންމެ މުހިންމު ކަންކަމަށް ކަމަށެވެ. މިހާރުގެ މާހައުލު އޮތްގޮތުން އެހެން ކަންކަން މިނިސްޓްރީތަކާ ހަމައަށް ނުގެންދާކަމަށް އާޒިމް ވިދާޅުވިއެވެ. މިނިސްޓްރީތަކުން ވެސް ކަންކަން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، އެހެންކަމުން ކުރިއަށް އޮތް ތަނުގައި މިފަދައިން އެއްބާރުލުން ލިބި، ކަންކަން ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.

"އަޅުގަނޑު މިބަލަނީ އަސްލު އެމްޑީޕީގެ މޭޔަރުވީމަ ސަރުކާރާ ވެސް އެންމެންނާ ވެސް ގުޅިގެން މާލެއަށް ކަންތައްތަކެއް ކޮށްދެވޭތޯ. އަޅުގަނޑުމެންނަށް ކަމެއް ނުކުރެވިއްޖެއްޔާ އަނެއްކާ ވެސް ހަމަ އެމްޑީޕީއަށް ނުވިކަމަށޭ ވާނީ،" އާޒިމް ވިދާޅުވިއެވެ.

އޭނާ ސިޓީ ކައުންސިލުގައި ހުރެ ކުރާ ކަންކަން މިސަރުކާރުން ކުރާ ކަމެއްގެ ގޮތުގައި ނަންކުރިއަސް، ކަމެއް ނުވެއްޖެނަމަ އެމްޑީޕީ ފެއިލްވީކަމަށް ނިންމާނެކަމަށް އާޒިމް ވިދާޅުވިއެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެމަނިކުފާނު މޭޔަރަކަށް ހުނެންވީ ޕީޕީއެމް/ ޕީއެންސީގެ ފަރާތުން ވާދަކުރައްވައިގެންނެވެ.

އެމަނިކުފާނުގެ މޭޔަރުކަމުގައި ސިޓީ ކައުންސިލް ހިންގުމަށް ސަރުކާރުގެ ފަރާތުން އެއްބާރުލުން ނުލިބޭކަމުގެ ޝަކުވާތައް އެތައް ފަހަރެއްގެ މަތިން ފެންމަތިވިއެވެ. އަދި އެކަމުގެ ސަބަބުން ސިޓީ ކައުންސިލް ހިންގުމުގައި ހުރި ގޮންޖެހުންތައް އެމަނިކުފާނު އޭރު ފާހަގަކުރެއްވިއެވެ.

މާލޭ މޭޔަރުގެ މަގާމުގައި ހުންނަވާ އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެ އިންތިޚާބު ކާމިޔާބު ކުރެއްވިއެވެ. އެމަނިކުފާނު މޭޔަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު 17ގައި ރައީސް ކަމުގެ ހުވާ ކުރެއްވުމަށެވެ.

އެއަށްފަހު މިއަހަރުގެ ޖަނަވަރީ 13ވަނަ ދުވަހު މޭޔަރަކު ހޮވަން ބޭއްވި އިންތިޚާބު އާޒިމް ކާމިޔާބުކުރެއްވިއެވެ.

comment ކޮމެންޓް