ކޫއްޑޫ ދަތުރުތައް ހުއްޓައިލީ ރަންވޭގެ ހާލަތުގެ ސަބަބުން، ވަރަށް އަވަހަށް މައްސަލަ ހައްލުކުރެވޭނެ: އަމީން

ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން --

ގައުމީ އެއާލައިން މޯލްޑިވިއަނުން ގއ. ކޫއްޑޫއަށް ކުރަމުން އައި ދަތުރުތައް ހުއްޓައިލީ ދިގު މުއްދަތެއްގައި އެ އާޕޯޓު މެއިންޓެއިން ނުކުރެވުމުގެ ސަބަބުން ކަމަށާއި، ވަރަށް އަވަހަށް އެ ތަން އާންމު ހާލަތަށް ގެންނާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޫއްޑޫ އެއާޕޯޓު ދިގު މުއްދަތެއްގައި މެއިންޓެއިން ނުކުރެވި، އަދި ރަންވޭގެ ހާލަތުގެ ސަބަބުން މޯލްޑިވިއަންގެ ދެ ބޯޓަކަށް ގެއްލުންވި ކަމަށެވެ.

ކޫއްޑޫ އެއާޕޯޓު --

އޭނާ ވިދާޅުވީ ޓްރާންސްޕޯޓު މިނިސްޓްރީގެ އިސްނެގުމާއެކު، ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި، އެއާޕޯޓު އޮޕަރޭޓަރުގެ އިތުރުން ވެސް ގުޅުންހުރި ފަރާތްތަކާއެކު އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އިރާދަ ކުރެއްވިއްޔާ އެ މައްސަލަ ވަރަށް އަވަހަށް ހައްލުކޮށް، އެއާޕޯޓު އާންމު ހާލަތަށް ގެނެވޭނެ ކަމަށް އަމީން ވިދާޅުވިއެވެ.

'ސަން' އަށް މައުލޫމާތުދެމުން މޯލްޑިވިއަން އިން މީގެ ކުރިން ބުނީ، ކޫއްޑޫއަށް ކުރާ ދަތުރުތައް ހުއްޓާލަން ނިންމީ ކޫއްޑޫ އެއާޕޯޓުގެ ރަންވޭ ބާވުމުގެ ސަބަބުންކަމަށެވެ. އެ ކަމުގެ ސަބަބުން މޯލްޑިވިއަންގެ ދެ ބޯޓެއް ގްރައުންޑް ކުރަން ޖެހުނު ކަމަށް ވެސް މޯލްޑިވިއަންއިން މައުލޫމާތުދިނެވެ.

https://sun.mv/197750

ކޫއްޑޫއަށް ކުރާ ދަތުރުތައް ހުއްޓާލަން ނިންމީ ދަތުރުވެރިންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ. އަދި ރަންވޭގެ މައްސަލަތައް ހައްލުވިހާ އަވަހަށް ދަތުރުތައް ފަށާނެ ކަމަށް ވެސް ބުންޏެވެ.

ކޫއްޑޫ އެއާޕޯޓު ތަރައްގީކުރީ، 2011 ވަނަ އަހަރު އޭރުގެ ސަރުކާރުން ދިގުރަށް ކިޔާ ފަޅު ރަށެއްގައި ރިސޯޓެއް ތަރައްގީކުރުމަށް 50 އަހަރަށް ބޮނަވެއްޗާ މޯލްޑިވްސްއާ ހަވާލުކޮށްގެންއެވެ.

ފަންސަވީސް އަހަރަށް އެއާޕޯޓު ހިންގައި ތަރައްގީ ކުރުމަށް 2012 ވަނަ އަހަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ހަވާލުކޮށްފައިވަނީ، ސިންގަޕޫރުގެ ކިއޮން ހޮންގް ކޮންސްޓްރަކްޝަނާއި އެލިސަން ކޮންސްޓްރަކްޝަން ކުންފުނި ގުޅިގެން އުފައްދާފައިވާ ކޭއެޗްއޭ ކޮންސްޓްރަކްޝަންއާއެވެ.

comment ކޮމެންޓް